ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، 14 ރަށަކަށް ގެއްލުން ލިބިގެން ރިޕޯޓުކޮށްފައިވާ ކަމަށް، ނެޝަނަލް ޑިޒަސްޓާ މެނޭމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މީގެ ދެ ހަފުތާ ކުރިން ފެށިގެން މުޅި ރާއްޖެއަށް ދަނީ ވިއްސާރަ ކުރަމުންނެވެ. ހުޅަނގުގެ މި ވިިއްސާރައިގައި ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހޭއިރު، ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ވެސް އެލާޓްތައް އަންނަނީ ނެރެމުންނެވެ.
ބުނީ ކީކޭ؟ - އެންޑީއެމްއޭއިން ބުނީ، މި ވިއްސާރައިގައި އެކިވަރުގެ ގެއްލުން ލިބިގެން ރިޕޯޓު ކުރީ 14 ރަށަކުން ކަމަށެވެ. އެއީ:
ހދ. ނޮޅިވަރަންފަރު
ހދ. ކުޅުދުއްފުށި
ރ. ފައިނު
މ. ދިއްގަރު
މ. މަޑުއްވަރި
ލ. މާވަށް
ގއ. މާމެންދޫ
ގދ. ހޯނޑެއްދޫ
ގދ. ނަޑެއްލާ
ގދ. ރަތަފަންދޫ
ގދ. މަޑަވެލި
ގދ. ފަރެސްމާތޮޑާ
ސ. މަރަދޫ
ފުވައްމުލައް
މީގެ ތެރެއިން ދިރިއުޅެން ދަތިވާ ވަރަށް ގެއްލުން ލިބިގެން މީހުން ބަދަލު ކުރަން ޖެހުނީ ހަމައެކަނި ކުޅުދުއްފުށީގެ ގެއަކުންނެވެ. އާއްމުގޮތެއްގައި ރިޕޯޓުކޮށްފައިވަނީ، ބޯކޮށްވާރޭ ވެހި، ގޭގެއަށް ފެންވަދެ ހިފާ ގެންގުޅޭ ސާމާނާއި އިލެކްޓްރޯނިކް ސާމާނަށް ގެއްލުންވެގެންނެވެ.
އެމްއެންޑީއޭއަށް ރިޕޯޓު ނުކުރި ނަމަވެސް، އެހެން ބައެއް ރަށްތަކަށް ވެސް މި ވިއްސާރައިގައި ފެންބޮޑުވެ، ގެއްލުންތައް ލިބިފައި ވެ އެވެ. އޭގެ ތެރޭގައި ހދ. ނެއްލައިދޫ ހިމެނެ އެވެ.
ލިބިފައިވާ ގެއްލުންތައް ބެލުމަށް ފަހު، އެމްއެންޑީއޭއިން ބަދަލު ދެ އެވެ.
އެނގުން މުހިއްމު - މި ވިއްސާރައިގައި، އުތުރުގެ ގިނަ ރަށްތަކަކަށް މުދާ އުފުލާ، ހދ. ނޭކުރެންދޫ ބޯޓެއް ބަންޑުން ޖަހާލައި އަޑިއަށް ދިޔުމުން، ގިނަ ރަށްތަކަކަށް އޭގެ ގެއްލުން މާލީ ގޮތުން ލިބިފައި ވެ އެވެ. އަދި މިދިޔަ ހުކުރު ދުވަހު ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި، އެއިން ދަތުރުކުރި ތިން މީހަކު މަރުވެފައި އޮއްވާ ވަނީ ފެނިފަ އެވެ.
މިހާރު ވެސް ރާއްޖޭގެ މޫސުން ހުރިހާ ހިސާބަކަށް ގޯހެވެ. އެހެންވެ، ކަނޑުދަތުރުކުރާ ފަރާތްތަކުން ވެސް މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ދަނީ އިރުޝާދުދެމުންނެވެ.
ވިއްސާރައިގައި 14 ރަށަކަށް ގެއްލުންވެގެން ރިޕޯޓު ކުރި: އެންޑީއެމްއޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ