ދައުލަތުގެ ހަރަދުތަކުން 40 ޕަސެންޓު ކުޑަކުރަން ޖެހޭ: ސިޔާމް ދައުލަތުގެ ހަރަދުތަކުން 40 ޕަސެންޓު ކުޑަކުރަން ޖެހޭ: ސިޔާމް

މިހާރު ދައުލަތުން ކުރާ ހަރަދުތަކާއި ލިބޭ އާމްދަނީ ދެކޮޅު ޖައްސާ، ފަހަށް ރައްކާކުރުމަށް ދައުލަތުގެ ހަރަދު 40 ޕަސެންޓުން ކުޑަކުރަން ޖެހޭ ކަމަށް އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެންބަރު، އަހުމަދު ސިޔާމް އަހުމަދު ވިދާޅުވެއްޖެ އެވެ.
ގިނަ ދުވަސްތަކަކަށްފަހު މަޖިލީހަށް ވަޑައިގެން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން ސިޔާމް ވިދާޅުވީ އަންނަ އަހަރު ބިލިއަން ރުފިޔާގެ ލޯނު ދައްކަން ޖެހޭއިރު އެ ރުފިޔާ އަދި ނުލިބޭ ކަމަށާއި އެކަން ކުރަން ޖެހެނީ އިތުރު ބޮންޑު ވިއްކާ ލޯނު ނަގައި ކަމަށެވެ.
މިކަން ކުރާއިރު، ދައުލަތުގެ ހަރަދުތައް ބޮޑުތަނުން ކުޑަކުރަން ޖެހޭ ކަމަށް މަޝްހޫރު ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިޔާ ސިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑު ހަމަ އުފަލާއެކު ދަންނަވާލާނަން. އަޅުގަނޑު ބޭނުންވޭ މި ހަރަދު، ދައުލަތުގެ ހަރަދު މިހާރު ހުރި ވަރަށްވުރެ ގާތްގަނޑަކަށް 40 ޕަސެންޓު ކުޑަކުރަން،" ސިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ މިހާރު ދައުލަތުން ކުރާ ހަރަދާއި ދައުލަތަށް ލިބޭ އާމްދަނީ ދާދި އެއްވަރެއް ކަމަށާއި ފަހަށް ރައްކާކުރަން އެއް ވެސް ފައިސާއެއް ނުހުންނަ ކަމަށެވެ. އަދި، ދައުލަތުން ހަރަދުކުރަނީ ބޭކާރު ފައިދާއެއްނުވާ ކަންކަމަށް ވިދާޅުވެ ސިޔާމް ވަނީ ސަރުކާރުގެ ތަރައްގީގެ ސިޔާސަތުތަކަށް ވެސް ފާޑުވިދާޅުވެފަ އެވެ.
އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގެ 62 ޕަސެންޓަކީ ރިކަރަންޓު ހަރަދެވެ. އެއީ 39.9 ބިލިއަން ރުފިޔާ އެވެ. ބަޖެޓުގައި ފިނޭންސުން ލަފާކުރާ ގޮތުގައި އަންނަ އަހަރު 43 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ އެވެ.
މިއީ ތާރީހުގައި ވެސް ހުށަހެޅި އެންމެ ބޮޑު ބަޖެޓެވެ. އަންނަ އަހަރުގެ ބަޖެޓު މިހާ ބޮޑުވީ މައިގަނޑު ސަބަބަކީ އަންނަ އަހަރުގެ ތެރޭގައި ލޯނު ދައްކަން ކުރަން ޖެހޭ ހަރަދު ރެކޯޑު އަދަދަކަށް ބޮޑުވުމެވެ.
އަންނަ އަހަރު އެއް ބިލިއަނަށް ވުރެ ގިނަ ޑޮލަރު ލޯނު ދައްކަން ހަރަދުކުރަން ޖެހޭ އިރު، އޭގެ ތެރޭގައި ސުކޫކަށް ދައްކަން ޖެހޭ 500 މިލިއަން ޑޮލަރާއި އެހެން ބޮންޑަކަށް ދައްކަން ޖެހޭ 100 މިލިއަން ޑޮލަރު ހިމެނެ އެވެ.
ސަރުކާރުން އަންނަ އަހަރު ރެކޯޑު ބަޖެޓެއް ހުށަހަޅާއިރު، މި އަހަރުގެ ބަޖެޓު ތަންފީޒުކުރަން ބުނި ގޮތަކަށް ތަންފީޒެއް ނުކުރެ އެވެ.
އެ ގޮތުން މި އަހަރަކީ ސަރުކާރުން ގިނަ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅައިގެން އަށް ބިލިއަން ރުފިޔާ ސަލާމަތް ކުރަން ބުނި އަހަރެކެވެ. ނަމަވެސް މި އަހަރުގެ ތެރޭގައި އެ ފިޔަވަޅުތަކުގެ ތެރެއިން ތަންފީޒުވީ ކުޑަ މިންވަރެކެވެ. އަދި ވަކި ހިސާބަކުން ސަރުކާރުން ގެންގުޅޭ ސިޔާސަތު ބަދަލުކޮށް، ސަބްސިޑީ ޓާގެޓުކުރުމާއި ޕެންޝަން ނިޒާމުގައި ހުރި ކަންކަން ހައްލުކުރުން ފަދަ ކަންކަން ވަނީ ހުއްޓާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ