ޖެން ވައި އަށްވުރެ ޖެން ޒީ ޒުވާނުންގެ ނަފްސާނީ މައްސަލަތައް ގިނަ ޖެން ވައި އަށްވުރެ ޖެން ޒީ ޒުވާނުންގެ ނަފްސާނީ މައްސަލަތައް ގިނަ

ޖެން ޒީގެ ޒުވާނުންނަކީ، އޭގެ ކުރީގެ ޖީލު, ޖެން ވައިގެ ޒުވާނުންނާ އަޅައި ބަލާއިރު ނަފްސާނީ މައްސަލަތައް ދެ ގުނައަށް އިތުރު ބައެއް ކަމަށް އިނގިރޭސި ވިލާތުގެ ހޯދުމަކުން ދައްކައިފިއެވެ.
އިނގިރޭސި ވިލާތުގެ މި ހޯދުމަށް ބަލާއިރު، މިހާރު އުމުރުން 16 އަހަރާއި 24 އަހަރާ ދެމެދުގައި ތިބި ޒުވާނުންގެ އާބާދީގެ ގާތްގަނޑަކަށް 51 ޕަސެންޓް ކުދިންނާއި ޒުވާނުންނަކީ، ނަފްސާނީ މައްސަލަތައް މެދުވެރިވެފައިވާ ކުދިން ކަމަށް ލަފާކުރެވެއެވެ. ނަމަވެސް 2009 ވަނަ އަހަރުގެ ތެރޭގައި ތިބި ޒުވާން އާބާދީގެ 16 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން ނަފްސާނީ މައްސަލަތައް ހުރި ކުދިންގެ ނިސްބަތަކީ 20 ޕަސެންޓެވެ.
ސިއްހީ ދުޅަހެޔޮކަމަށް މަސައްކަތް ކުރާ އިނގިރޭސި ވިލާތުގެ ކެމްޕޭން ގުރޫޕެއް ކަމަށްވާ ހެލްތު އީކުއަލްސްގެ ފަރާތުން އެއްކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޖެން ޒީގެ ހުރިހާ އުމުރުފުރާތަކުގައި ވެސް ޑިޕްރެޝަން އާއި އެންޒައިޓީ ފަދަ މައްސަލަތައް ވަނީ، ޖެން ވައިއާ އަޅައި ބަލާއިރު 80 ޕަސެންޓް އިތުރުވެފައެވެ. މިއިން އެނގެނީ ފަހުގެ ޖީލުގެ އާބާދީގައި ނަފްސާނީ މައްސަލަތައް އިތުރުވަމުންދާ ކަމެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ޖެން ޒީގެ އާބާދީގައި މިފަދަ މައްސަލަތައް އިތުރުވުމަށް މެދުވެރިވާ އެތައް ސަބަބެއް ފާހަގަކުރެވެއެވެ. އޭގެ ތެރޭގައި އާބާދީގައި އިގްތިސާދީ ހަމަހަމަކަން ނެތުން، ފަގީރު ހާލަތުގައި އުޅޭ ކުޑަކުދިންގެ އަދަދު އިތުރުވުން، ހަމައަށް ނިދި ނުލިބުން ފަދަ ސަބަބުތައް ފާހަގަކޮށްލެވެއެވެ.
މިއަށް ވުރެ ނުރައްކާތެރި ސަބަބެއްގެ ގޮތުގައި ސައެންސްވެރިން ފާހަގަކުރަނީ ޑިޖިޓަލް ޓެކްނޮލޮޖީގެ ތެރޭގައި (ޑިޖިޓަލް ގޭމް، އިންޓަނެޓް، ސޯޝަލް މީޑިއާ) ޒުވާނުންނާއި ކުޑަކުދިން ހޭދަކުރާ ވަގުތު ގިނަވުމެވެ. އޭގެ އިތުރުން ސްކޫލް މާހައުލުގެ ޕްރެޝަރުތަކާއި (އިމްތިހާނުތަކުން މަތީ ވަނަތައް ހޯދުމަށް ކުރެވޭ ޕްރެޝަރު ފަދަ) ހަރުކަށި ސުލޫކީ ގަވާއިދުތަކަކީ ވެސް، ޒުވާނުންގެ ނަފްސާނީ މައްސަލަތައް އިތުރުވާ ކަންކަމެވެ.
ހެލްތު އީކުއަލްސްއަކީ، އިންސާނުންގެ ދުޅަހެޔޮކަމަށްޓަކައި މަސައްކަތްކުރާ ޖަމިއްޔާތަކާއި ކުންފުނިތަކާއި، ހިލޭ ސާބަހަށް މަސައްކަތްކުރާ ބައެއް އިދާރާތަކުގެ ތެރެއިން ޖުމްލަ 85 ޖަމިއްޔާ ޖަމާއަތް ބައިވެރިވާ ކެމްޕޭން ގުރޫޕެކެވެ. މި ގުރޫޕުން މި ދިރާސާ ހަދާފައިވަނީ، 2009 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު، އިނގިރޭސި ވިލާތުގެ 20000 ގެއަކަށް ޒިޔާރަތްކޮށް މައުލޫމާތު އެއްކޮށްގެންނެވެ.
މި ދިރާސާއިން އެނގުނު ގޮތުގައި ޖެން ޒީ އާބާދީގެ ތެރެއިން ނަފްސާނީ މައްސަލަތައް އެންމެ ބޮޑީ އުމުރުން 25 އަހަރުން ދަށުގެ ޒުވާނުންގެ މެދުގައެވެ. މިދިރާސާގައި ބައިވެރިކުރި ސަހަރުތަކުގެ ތެރެއިން، ނަފްސާނީ މައްސަލަތައް އެންމެ ބޮޑީ ވޭލްސްގައެވެ. އެ ސަހަރުގައި 63 ޕަސެންޓް (ކޮންމެ ތިން މީހަކުން ދެ މީހުން) ޒުވާނުންނަށް ވަނީ ނަފްސާނީ މައްސަލަތައް ކުރިމަތިވެފައެވެ. އީސްޓް މިޑްލޭންޑްގައި މި ނިސްބަތް ހުރީ 59 ޕަސެންޓްގައެވެ.
ޒުވާނުންނަށް ނަފްސާނީ މައްސަލަތައް މެދުވެރިވާ ސަބަބުތަކަށް ބަލާއިރު، ނަފްސާނީ މައްސަލަތައް އާންމުކޮށް ގިނައީ، ފަގީރު އާއިލާތަކުގެ ތެރޭގައި ކަމަށް ފާހަގަކުރެވުނެވެ. "މި މައުލޫމާތުތަކުން ސާފުކޮށް އެނގިގެން މިދިޔައީ، އަހަރެމެންގެ ޒުވާން އާބާދީގެ ނަފްސާނީ ދުޅަހެޔޮކަން ވަރަށް ބޮޑަށް ގޯސްވަމުންދާކަން،" ހެލްތު އީކުއަލްސްގެ ޗީފް ކެމްޕޭން އޮފިސަރު ޕޯލް މެކްޑޮނަލްޑް ވިދާޅުވިއެވެ.
"މިއީ ގަބޫލުކުރެވޭނެ އަދި ބަލައިގަނެވޭނެ ކަމެއް ނޫން. އެހެން ނަމަވެސް، މިއީ ސަލާމަތް ވެވިދާނެ ކަމެއް."
ޖެން ވައި އަކީ މީލާދީން 1980 ވަނަ އަހަރާއި 1996 ވަނަ އަހަރާ ދެމެދުގައި އުފަންވެފައިވާ ޖީލުގެ މީހުންނެވެ. ޖެން ޒީ އަކީ 1997 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާ ދެމެދުގައި އުފަންވެފައިވާ ޒުވާނުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ