2 ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނެގުން: އެޕޯލޯގެ މުހައްމަދު ވަހީދާއި ލޮޓަސްގެ އާރިފް ހައްޔަރުކޮށްފި

އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ތެރޭގައި ހުރި 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ވަގަށް ނެގި މައްސަލާގައި ހަތަރު މީހަކު ރޭ ހައްޔަރުކުރިއިރު، އޭގެ ތެރޭގައި މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އަދި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)ކަން އެނގިއްޖެ އެވެ.
ވީ ކިހިނެއް؟ - ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލާގައި މިހާތަނަށް 12 މީހަކު ފުރުން މަނާކޮށްފައިވާ ކަމަށެވެ. އަދި ބައެއް އުޅަނދުތަކާއި ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށް އެ ތަނުން ބުންޏެވެ.
ފުލުހުން ބުނީ:
އެކަން ރާވާ ހިންގުމުގައި އިސްކޮށް އުޅުނު ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ރޭ ހައްޔަރުކުރި
އޭގެ ތެރޭގަައި ދެ ވިޔަފާރިވެރިއަކު އަދި ކަސްޓަމްސްގެ އިސް މުވައްޒަފަކު ހިމެނޭ
އެއްވެސް މީހެއްގެ ވަނަވަރު ހާމައެއް ނުކުރޭ
ތަފްސީލް - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ފުލުހުން ހައްޔަރުކުރީ:
އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު
ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް
ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ޖެނެރަލް މެނޭޖަރު (އިންޖިނިއަރިން ޕްރޮޖެކްޓްސް)ގެ މަގާމުގައި މިހާރު ވެސް ހުންނެވި އަދި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒު އަލީ، ހ. ނިއުހެޕިނަސް؛ 430 ސިނގިރޭޓް ކޭސް ރާއްޖެއަށް އެތެރެކުރުމާ ގުޅޭ މައްސަލައެއްގައި ރިޝްވަތު ހޯދަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ މި މަހުގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅާފައި
ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސްވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް؛ އޭނާ މަސައްކަތް ކުރަނީ އެމްޕީއެލްގެ ހުޅުމާލޭ ބަނދަރުގައި
ފުލުހުން ރޭ ބުނި ގޮތުގައި، އެ މައްސަލައިގެ އިތުރު އޮޕަރޭޝަނެއް ރޭ ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.
އެނގުން މުހިންމު - އެނގިފައިވާ ގޮތުގައި ވަގަށް ނެގީ މިދިޔަ އޭޕްރީލް ފަހުކޮޅުގައި ވަގަށް އެތެރެކުރަން އުޅެނިކޮށް، ކަސްޓަމްސްއިން ހިފެހެއްޓި ސިނގިރޭޓު ދެ ކޮންޓެއިނާ އެވެ.
އޭރު ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި:
40 ފޫޓުގެ ދެ ކޮންޓެއިނަރުގެ ތެރެއިން 1،360 ކޭސް ސިނގިރޭޓް (13.6 މިލިއަން ސިނގިރޭޓް ސްޓިކް) ވަނީ ފެނިފައި
މި ޝިޕްމެންޓްގައި ހިމެނޭ ބްރޭންޑްތަކުގެ ސިނގިރޭޓަށް ޑިއުޓީ ދައްކަން އާންމުކޮށް ކަނޑައަޅާ އަގުތަކަށް ބަލާއިރު، ޑިއުޓީއަށް ގާތްގަނޑަކަށް 122 މިލިއަން ރުފިޔާ އަރާނެކަމަށް ލަފާކުރެވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ