ވަގަށް ނެގި ދެ ކޮންޓެއިނަރު ސިނގިރޭޓުގެ މައްސަލައިގައި އެމްޕީއެލްގެ ހަ މުވައްޒަފުން ސަސްޕެންޑުކޮށްފި ވަގަށް ނެގި ދެ ކޮންޓެއިނަރު ސިނގިރޭޓުގެ މައްސަލައިގައި އެމްޕީއެލްގެ ހަ މުވައްޒަފުން ސަސްޕެންޑުކޮށްފި

ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ހުއްޓައި ވަގަށް ނެގި 13 މިލިއަން ސިނގިރޭޓުގެ ދެ ކޮންޓެއިނަރުގެ މައްސަލައިގައި މޯލްޑިވްސް ޕޯޓްސް (އެމްޕީއެލް) ގެ ހަ މުވައްޒަފުން ސަސްޕެންޑުކޮށްފި އެވެ.
އެމްޕީއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސިނގިރޭޓު ކޮންޓެއިނަރުތައް ގެއްލުނުކަން އޮކްޓޯބަރު 8، ގައި ފާހަގަވި ވަގުތުން ފެށިގެން އެ މައްސަލަ ބަލައި، އޮކްޓޯބަރު 12، ގައި ފަސް މުވައްޒަފުން ސަސްޕެންޑުކޮށް، އަދި މިއަދު އެއް މުވައްޒަފަކު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
ކުންފުނީގެ ހިންގުމުގައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަތުމަށް އެމްޕީއެލްގެ ތަހުގީގު ކޮމެޓީ، ރިސްކް ޑިޕާޓްމަންޓް އަދި އިންޓާނަލް އޮޑިޓްއިން މިހާރުވެސް ދަނީ އެ މައްސަލައާ ގުޅޭ ތަހުގީގު އަދި އޮޑިޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދަމުން ކަމަށް އެމްޕީއެލް އިން ބުންޏެވެ.
އެމްޕީއެލް އިން ބަލަހައްޓާ ޕޯޓްތަކުގެ ސެކިއުރިޓީ ތަންފީޒުކުރަނީ އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ކޯޑްގައި ކަނޑައަޅާފައިވާ މިންގަނޑުގެ ތެރެއިން ކަމަށާއި އެ ޕޯޓަކީ ދާއިމީކޮށް އައިއެސްޕީއެސް އޮޑިޓް ހެދި، އެ މިންގަނޑަށް ފެތޭ ނިޒާމެއްގެ ތެރެއިން ބަލަހައްޓަމުންދާ ޕޯޓެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އޭގެއިތުރުން އެމްޕީއެލް އިން ބުނީ ސިނގިރޭޓު ކޮންޓެއިނަރުތައް ގެއްލުނު މައްސަލައިގައި އެމްޕީއެލްގެ ސެކިއުރިޓީ އާކިޓެކްޗާ އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ދައުލަތުގެ ސަލާމަތީ ބާރުތަކާއި ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކާއި ވުޒާރާތަކާއި ގުޅިގެން ކުރަމުންދާ ކަމަށެވެ.
"މިފަދަ ކަމެއް ތަކުރާރުވެ ނުދިއުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން، މޯލްޑިވްސް ކަސްޓަމްސް ސާވިސް، މިނިސްޓްރީ އޮފް ޑިފެންސް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއެކު މަޝްވަރާތައް މިހާރު ވަނީ ފަށައިފައި،" އެމްޕީއެލް އިން ބުންޏެވެ.
އެމްޕީއެލް އިން ބުނީ ސިނގިރޭޓު ކޮންޓެއިނަރުތައް ގެއްލުނު މައްސަލައިގައި އެއްވެސް މުވައްޒަފަކާމެދު ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެ ކަމަށާއި ބަނދަރުގެ ސެކިއުރިޓީ އާއި ހިންގުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރާނެ ކަމަށެވެ.
މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ވަނީ ހަތަރު މީހަކު ވަނީ ހައްޔަރުކޮށް، 12 މީހެއްގެ ފުރުން މަނާކޮށްފަ އެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އަމިއްލަ ވިޔަފާރިވެރިޔެއް ކަމުގައިވާ އަހުމަދު އާރިފު އާއި މުހައްމަދު ވަހީދު އަދި ކަސްޓަމްސްގެ ކުރީގެ ސީނިއާ އޮފިސަރެއް ކަމުގައިވާ މުއާޒު އަލީ އަދި ހުޅުމާލޭ ޕޯޓުގައި މަސައްކަތްކުރާ ކަސްޓަމްސްގެ ސީނިއާ އޮފިސަރެއް ކަމުގައިވާ ހދ. ވައިކަރަދޫ ޒިވާރު އިސްމާއީލް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ