އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި

ބައިނަލްއަގުވާމީ މިންގަނޑަށް ފެތޭގޮތަށް އިތުރު ހަމަތަކެއް ހިމަނައި، މަޖިލީހަށް ހުށަހެޅި އައު ގާނޫނުގެ ބިލު މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.
އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު ޝާމިން ހަބީބު އެވެ. އެ ބިލު މަޖިލީހަށް ބަލައިގަތީ މިއަދުގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ އިއްތިފާގުންނެވެ.
ޝާމިން ހުށަހަޅާފައިވާ ބިލުގައި ވަނީ ބޭރު ގައުމުތަކުގައި އުޅަނދު ދުއްވުމުގެ ހުއްދަ ދިނުމުގެ ބާރު ޓްރާންސްޕޯޓު މިނިސްޓްރީއަށް ދީފަ އެވެ. އެގޮތުން އެ ބިލުގައި ވާގޮތުގެ މަތިން ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވުމަށް ބޭނުންވާ ލައިސެންސް ނެގުމަށްފަހު، އިންޓަނޭޝަނަލް ޑްރައިވިން ޕާމިޓެއް ހޯދައިގެން ދިވެހި ލައިސެންސް އޮންނަ ހުރިހާ އެންމެންނަށް ބޭރުގެ ގައުމުތަކުގައި އެއްގަމު އުޅަނދު ދުއްވޭނެ އެވެ.
ހަމަ އެގޮތަށް، ރާއްޖެއިން ބޭރުގެ ގައުމަކުން ލައިސެންސް ނަގާފައިވާ މީހަކަށް ވެސް، އެ ގައުމަކުން ދޫކޮށްފައިވާ ލައިސެންސްގެ މުއްދަތު ހަމަވަންދެން، ރާއްޖެއިން އިތުރު ލައިސެންސެއް ނެގުމަކާ ނުލައި ދުއްވޭނެ ކަމަށް އެ ބިލުގައި ކަނޑައަޅާފައިވެ އެވެ. ނަމަވެސް، އެ މީހަކީ ރާއްޖޭގައި 90 ދުވަހަށްވުރެ ގިނަ ދުވަހު ދިރިއުޅޭ މީހެއް ކަމަށްވާނަމަ، އެމީހަކު ދިވެހިރާއްޖޭގެ އުސޫލުތަކާ އެއްގޮތަށް ލައިސެންސް ނަގަންޖެހޭނެ އެވެ.
އެގޮތުން ދިވެހިރާއްޖެއިން ލައިސެންސް ގަބޫލުކުރާ ގައުމުތަކުގެ ލިސްޓެއް މިނިސްޓްރީން އާންމުކޮށް އިއުލާނު ކުރަން ވެސް އެ ބިލުގައި ލާޒިމު ކޮށްފައިވެ އެވެ.
ލައިސެންސުން ޕޮއިންޓު ކެނޑޭނެ ގޮތަށް، ލައިސެންސް ޑީމެރިޓް ސިސްޓަމެއް ތައާރަފު ކުރުމަށް ވެސް އެ ބިލުގައި ހިމަނައިފައިވެ އެވެ. ޑީމެރިޓް ސިސްޓަމާ އެއްގޮތަށް ލައިސެންސުން ޕޮއިންޓު ކެނޑުމުގެ ޒިންމާ މަތިކޮށްފައި ވަނީ ފުލުހުންނަށެވެ.
ލައިސެންސުން ޕޮއިންޓު ކެނޑޭ ގޮތަށް އެކުލަވައިލާ، ޑީމެރިޓް ސިސްޓަމް، އެ ބިލު ގާނޫނަކަށް ވާތާ މަދުވެގެން ދެ އަހަރުދުވަހުގެ ތެރޭގައި މިނިސްޓްރީން ހިންގަންވާނެ ކަމަށް ބިލުގައި ބަޔާން ކޮށްފައިވެ އެވެ.
ބިލުގައި ވާގޮތުން ޑީމެރިޓް ޕޮއިންޓު ވަކި އަދަދަކަށް މީހަކަށް ލިބިއްޖެ ނަމަ، އެ މިނިސްޓްރީން ހިންގާ ޑްރައިވާ އެޑިއުކޭޝަން ޕްރޮގްރާމުން އެމީހަކު ފާސްވަންދެން އެމީހެއްގެ ލައިސެންސް ހިފެހެއްޓިދާނެ އެވެ. ނުވަތަ ވަކި މުއްދަތަކަށް އެމީހެއްގެ ލައިސެންސް ބާތިލު ކުރުމުގެ ބާރު ވެސް އެ ބިލުން ދީފައިވެ އެވެ.
ބިލުގައި ބަޔާން ކޮށްފައި ވާގޮތުން ޑީމެރިޓް ޕޮއިންޓެއް މީހެއްގެ ލައިސެންސްގައި ރިކޯޑު ކުރެވޭތާ ދެ އަހަރުވާއިރު، އެމީހެއްގެ ފުށުން އިތުރު ކުށެއް ނުފެންނަ ނަމަ، އެ މީހާގެ ލައިސެންސްގައި ރިކޯޑު ކުރެވިފައިވާ ހުރިހާ ޑީމެރިޓް ޕޮއިންޓެއް އުނިކުރެވޭނެ އެވެ. އަދި، މިނިސްޓްރީން ހިންގާ ޑްރައިވާ އެޑިއުކޭޝަން ޕްރޮގްރާމުން ފާސްވާ މީހުންގެ ލައިސެންސްގައި ރިކޯޑު ކުރެވިފައިވާ ޑީމެރިޓް ޕޮއިންޓުތައް ވެސް އެ ބިލުގައި ވާގޮތުން އުނިކުރެވޭނެ އެވެ.
އެ ބިލު ގާނޫނަކަށްވުމާއެކު 2009 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުންދާ އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާއި މަގުމަތީގައި ހިނގާބިނގާވެ އުޅުމުގެ ގާނޫނު އުވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ