އޭޝިއަން ޔޫތު ގޭމްސްގައި އަންހެން ބީޗްވޮލީބޯޅަ ޓީމު ކުއާޓާއާ ގާތުގައި އޭޝިއަން ޔޫތު ގޭމްސްގައި އަންހެން ބީޗްވޮލީބޯޅަ ޓީމު ކުއާޓާއާ ގާތުގައި

ބަހުރޭނުގެ މަނަމާގައި މިހާރު ކުރިއަށްދާ ތިން ވަނަ އޭޝިއަން ޔޫތު ގޭމްސްގައި ގައުމީ އަންހެން ބީޗްވޮލީބޯޅަ ޓީމުން ވާދަކުރި މެޗުތަކުގައި ރަނގަޅު ކުޅުމެއް ދައްކައި، ކުއާޓާ ފައިނަލުގެ އުންމީދު ދަމަހައްޓައިފި އެވެ.
އޭޝިއާ ޔޫތު ކުޅިވަރު ހަރަކާތް، ޔޫތު ގޭމްސްގެ ބީޗްވޮލީބޯޅަ އިވެންޓްގައި، އަންހެން ޓީމުގައި ހިމެނި ގައުމު ތަމްސީލް ކުރަމުން އަންނަނީ، ކ.ހުރާގެ ދެ ކުޅުންތެރިން ކަަމަށްވާ، އައިޝަތު ދީމާ ނަދީމް އާއި އަޒްކާ ބިންތު މުހައްމަދު ސިގުދީ އެވެ.
ދީމާ އާއި އަޒްކާގެ ޕެއާ އިން ކުޅުނު ފުރަތަމަ މެޗުގައި ސީދާ ދެ ސެޓުން ވަނީ މުބާރާތް ބާއްވާ ބަހުރޭންގެ ޕެއާ، ލަޔާން މާޖިދާ އާއި މާޔާ ފަލާހާގެ އަތުން، 21-9، 21-12 އިން ކުރިހޯދައިފަ އެވެ. އަދި ދެ ވަނަ މެޗުގައި، މޮންގޯލިއާގެ ޕެއާ، ނަރަންބާތަރު ނަންދިން-އާދިން އާއި އެލްބިގަޔާރު ސެލްމޫން އަތުން 2-1 އިން މޮޅުވިއިރު، ސެޓުތައް ދިޔައީ، ވާދަވެރިކޮށެވެ.
އެ ގޮތުން، މި މެޗުގެ ފުރަތަމަ ސެޓުގައި ދީމާ އާއި އަޒްކާ ރަނގަޅަށް ކުޅެ، 21-17 އިން ސެޓު ގެންދިޔަ އެވެ. އެކަމަކު، ދެ ވަނަ ސެޓުގެ ފަހުކޮޅު ދަށްކޮށްދިއުމުން މި ސެޓު ގެއްލުނީ، 21-18 އިންނެވެ. އާ ހިތްވަރަކާ އެކު، ތިން ވަނަ ސެޓުގައި ތަފާތު މޮޅަށް ކުޅެ، 15-3 އިން ސެޓު ގެންގޮސް މެޗުން މޮޅުވި އެވެ.
މުބާރާތުގައި ރޭ ދީމާ އާއި އަޒްކާގެ ޕެއާ ކުޅުނީ އިންޑޮނޭޝިއާގެ ވަރުގަދަ ޕެއާއެއް ކަމަށްވާ، ނަރުއްދީން ހާފިޔާން އާއި ބޭހަގްލީ ފައިރޫޒްއާ އެވެ. މި މެޗު ނަރުއްދީން އާއި ބޭހަގްލީގެ ޕެއާ އިން ސީދާ ދެ ސެޓުން ގެންދިޔަ އެވެ. އެއީ، 21-08، 21-12 އިންނެވެ.
ޖުމްލަ ހަ ޕެއާ ވާދަކުރާ މި ގްރޫޕްގައި އަޒްކާ އާއި ދީމާގެ ޕެއާ މި ވަގުތު އޮތީ، ތިން ވަނައިގަ އެވެ. އެއީ، ތިން މެޗުން ފަސް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އިންޑޮނޭޝިއާގެ ޕެއާ އަށް ވެސް ފަސް ޕޮއިންޓް ލިބިފައިވާއިރު، އެއް ވަނައިގައި އޮތް ތައިލެންޑްގެ ޕެއާ އަށް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ.
އަޒްކާ އާއި ދީމާގެ ޕެއާ އަށް ބާކީ އޮތް ދެ މެޗުން ރަނގަޅު ނަތީޖާއެއް ނެރެ ކުއާޓާ ފައިނަލުގެ ފުރުސަތު ހޯދުމުގެ ފުރުސަތު ބޮޑެވެ. އަޒްކާ އާއި ދީމާ އަށް ބާކީ އޮތީ ތައިލެންޑް އާއި ޖޯޑަންގެ ޕެއާއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ