ހއ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ހއ. ދިއްދޫގައި ބާއްވައިފިއެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު، އޮނަރަބަލް ޢަބްދުالله ނާޒިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖީލީހުގެ ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު އަބްދުލް ލަތީފު މުޙައްމަދު އާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި، ހއ. އަތޮޅު ކައުންސިލްގެ މެންބަރުންނާއި، ހއ. ދިއްދޫ ކައުންސިލުގެ މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން، 4 ފަންގިފިލާ ހިމެނޭ 50 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކުރާނެއެވެ. އަދި 1 ފަންގިފިލާގެ ސަރވިސް ބްލޮކަކާއި ވަށާފާރެއް ރާނާނެއެވެ. މިއީ 185.57 މިލިއަން ރުފިޔާއަށް 780 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ބޮޑު މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމުމުން ހއ. އަތޮޅުގެ ރައްޔިތުންނަށް ޒަމާނީ ޞިއްޙީ ޚިދުމަތްތައް ފުޅާ ދާއިރާއެއްގައި ލިބިގެންދާނެއެވެ.
4186 މީހުންގެ އާބާދީއެއް އޮންނަ ދިއްދޫއަކީ ދުވާލަކު އެތައް ބަޔަކު ޞިއްޙީ ފަރުވާ ހޯދުމަށް ދަތުރުކުރާ އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. ދިއްދޫ އަތޮޅު ހޮސްޕިޓަލްގެ އިމާރާތް ބާވެ ޚިދުމަތް ފުޅާނުވުމަކީ ރައްޔިތުން އަބަދުމެ ކުރަމުން އަންނަ ޝަކުވާއެކެވެ. ދިއްދޫ ރައްޔިތުން އަދި ތިލަދުންމަތީ އުތުރުބުރީ ރައްޔިތުންގެ އުއްމީދަކީ މާލެ ސިޓީ ނުވަތަ ކުޅުދުއްފުށި ސިޓީއަށް ދާން ނުޖެހި، ޒަމާނީ ޞިއްޙީ ފަރުވާގެ ޙިދުމަތް ހއ. އަތޮޅުން ލިބޭގޮތް ވުމެވެ.
އެމްޓީސީސީން ޤަބޫލުކުރާ ގޮތުގައި ދިއްދޫ ހޮސްޕިޓަލުގެ އައު އިމާރާތް ނިމުމާއެކު، ތިލަދުންމަތީގައި ދިރިއުޅޭ ރައްޔިތުންނަށް ބޭސްފަރުވާ ހޯދުމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ނިންމައިފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ހއ.އަތޮޅު ހޮސްޕިޓަލް ގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ