ދަތިޙާލުގަ އުޅެން ޖެހުނީމާ ކުރެވޭނީ ކޮން ޝަކުވާއެއްތަ؟ ތިމާއަށް ލިބޭ ފައިސާ ޚަރަދުކުރެވެނީ ތަރުތީބުން ކަމަށް އެބަވިސްމައިލެވޭތަ؟

އިސްރާފުކުރުމުގެ ޙުކުމަކީ ޙަރާމެވެ. ކިތަންމެ ކުޑަމިންވަރެއް އަދި މަދު މިންވަރެއް ވިޔަސް އިސްރާފްކުރުމެއް ނެތެވެ. މިއަދުގެ ޙާލަތަށް ބަލައިފިނަމަ ކަރުނައަޅަންޖެހެއެވެ. އެންމެ އާދައިގެ ފެންވަރުގެ ގިނަ ބައަކުވެސް މުސާރަކޮޅު ލިބޭއިރަށް ބަލަނީ ކޮންމެހެން ކުރަންނުޖެހޭ ޚަރަދުތައް ކުރެވޭތޯއެވެ. ކޮންމެހެން ބޭނުންނުވާ ޚަރަދުތައް ކުރެވޭތޯއެވެ. ނަތީޖާއަކަށްވަނީ މަހުގެ މެދަށް އަރަންވާއިރަށް މުސާރަކޮޅު ހުސްވެއެވެ. އެއިރު އަދި ހުންނަނީ ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ނުކުރެވިއެވެ. ދައްކަންޖެހޭ ބިލްތައްވެސް ނުދެއްކިއެވެ.
އަހަރެންނަށް އެނގިފައި އޮތް މިންވަރުން މީހަކު ކުރާ ކަމަކުން އެންމެ ބިރުވެރި ޙުކުމްފުޅެއް ކީރިތި ޤުރްއާނުގަ ބަޔާން ވެގެންވާ އެއްކަމަކީ އިސްރާފް ކުރުމެވެ. އިސްރާފް ކުރުމަކީ ތަނެއް ދޮރެއް ނުބަލައި ޚަރަދުކުރަމުން ގެންދިއުމެވެ. ކުރަންނުޖެހޭ ޚަރަދުތައް ކުރުމެވެ. އަގުހެޔޮކޮށް ކުރެވެން ހުންނަ ކަންކަން ބޮޑު ޚަރަދުކޮށްގެން ކުރުމެވެ. އެއްޗެއް ގަތް ނަމަވެސް ހެޔޮ އަގުގައި ލިބެން ހުއްޓައި ބޮޑު އަގުގައި ގަތުމެވެ. މިގޮތަށް ގޮސް ކުރަން ނުޖެހޭ ޚަރަދުތައް ކުރުމެވެ. ވަކިން ޚާއްޞަކޮށް ޝައިޠޯނާގެ ކޮޅު ކުރިއަރާނެ ޚަރަދުތައް ކުރުމެވެ.
މިފަދަ މީހުންނާއިމެދު ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވަނީ އެމީހުންނަކީ ޝައިޠާނާގެ ބައިވެރިން ކަމަށެވެ.
އަތުގައި ކިތަންމެ ގިނައިން އެއްޗެއް ހުރި ނަމަވެސް ހަމަ އެއިގެ ތަފާތު އެއްޗެއް ފެންނައިރަށް ގަންނަހިތްވާ މީހުން އުޅޭނެއެވެ. މިސާލަކަށް ފައިވާން، ސެންޓް ފަދަ ތަކެއްޗެވެ. ކާރާއި ގެދޮރު ފަދަ ތަކެއްޗެވެ. ހަމަ ރަނގަޅު ފެންވަރުގެ ގެދޮރާއި ކާރު އަތުގައި އޮތް ނަމަވެސް އަބަދުވެސް ކަޅިއަޅާނީ އެހެން މީހުންގެ ކާރަށާއި ގެދޮރަށެވެ. ފަހުގެ ބޭނުން ކުރެވޭ ފޯނެއް އަތުގައި އޮތް ނަމަވެސް އަބަދުވެސް ބޭނުން މިވަނީ އެންމެ ފަހުގެ ފޯނެވެ. މިފަދަ ތަކެތި އެއްކޮށް ޖަމާކުރަން ހިތްވަރު ދެނީ ޝައިޠާނާއެވެ. އެކަމަށް ދެވިހިފުމުން އެއީ ދުރުހެލިވާންވެސް ވަރަށް އުނަދަގޫ ކަމެކެވެ.
މީސްތަކުންނޭވެ! ތިއަބައިމީހުން ކުރާ ހޭދައިގެ ސަބަބުން ބޭކާރު އިންޑަސްޓްރީތައް މުއްސަނދިވެ ކުރިއަރައިގެން އެބަދެއެވެ. މިސާލަކަށް އެންޓަރޓޭންމަންޓް އިންޑަސްޓްރީ ނަގާށެވެ! މުނިފޫހި ފިލުވަން ޚަރަދުކުރުމުން ތިބާއަށް ލިބެނީ ކޮން ފައިދާއެއް ހެއްޔެވެ؟ ނަމަވެސް މުނިފޫހިފިލުވުމުގެ އިންޑަސްޓަރީ ކުރިއަރައިގެން އެދަނީ ބައަކު ޚަރަދުކުރާތީ ނޫން ހެއްޔެވެ؟ އިސްރާފަކަށް އެކަން ނުވާނެ އެއްވެސް ގޮތެއް އަހަރެންނަކަށް ނުވިސްނެއެވެ.
މިކަން މިހިސާބުން ނިމެނީއެއް ނޫނެވެ. މުނިފޫހިފިލުމުގެ އިންޑަސްޓްރީ ކުރިއެރުވުމުން އެ ކުރިއެރުވެނީ ޝައިޠާނާގެ މަސައްކަތެވެ. ނުއެނގި ހުރެ ނަމަވެސް ޚަރަދު ތިއަ ކުރެވެނީ ޝައިޠާނާގެ މަސައްކަތް ކުރިއަރުވާށެވެ!
ވީމާ މިކަންކަމަށް ވިސްނާށެވެ! ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ އިންތަކުގެ ތެރެއިން ނޫނީ ޚަރަދު ނުކުރާށެވެ! އިސްރާފްކުރާ މީހަކަށްވެ ﷲ ތަޢާލާ ދެއްވެވި ނިޢްމަތަށް ފުރަގަސްދޭ މީހަކަށް ނުވާށެވެ! ތަނަވަސްކަމާއި ރަޙްމަތް އިތުރުވަމުންދާނީ އެއިރުންނެވެ.
- ޝައިޚް ނޫމާން ޢަލީ ޚާންގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ