އެންމެންވެސް ސައިންޓިފިކް ހަގީގަތްތައް ގަބޫލުކުރަން ޖެހޭނެ ކަމަށާއި ނޑުގެ ލޮނުގަނޑު އުފުލެމުންދާ ދިޔުމަކީ ހަގީގަތެއް ކަމަށް ވިދާޅުވެ، މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނުސީދާކޮށް ރައްދެއް ދެއްވައިފިއެވެ.
މުއިއްޒު "އަލްޖަޒީރާ" އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވެފައިވަނީ 2050 ވަނަ އަހަރު އަންނަން ވާއިރަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަޑިއަށް ގޮސްދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވެފައިވަނީ ބައިނަލްއަގްވާމީ ބައެއް ފަރާތްތަކުން ހިސާބު ޖަހާ ވަރުގެ ސީރިއަސް ކަމެއްގެ ގޮތުގައި އެ ވާހަކަ ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް މުއިއްޒަށް އަމާޒުވިއެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އަސަރު ނުކުރާ ކަމަށް މުއިއްޒު ދެކެވަޑައިގެންނެވުމަކީ ކަންބޮޑުވުމެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. އެކަމާ ގުޅިގެން މުއިއްޒުގެ ޓީމުން ވަނީ މޫސުމީ ބަދަލުތައް މުއިއްޒު ގަބޫލުކުރައްވާ ކަމަށާއި އެމަނިކުފާނު އެކަމާ ކަންބޮޑުވާ ކަމަށް ބުނެފައެވެ.
އެކަމާ ގުޅިގެން މައުމޫން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ފާއިތުވި 30 އަހަރު ތެރޭގައި ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ގޮތުގެ ގްރާފެއް ހިއްސާ ކުރައްވައިފައެވެ. އެ ގްރާފު ހިއްސާ ކުރައްވައި މައުމޫން ވިދާޅުވީ ސައިންޓިފިކް ހަގީގަތްތައް ކޮންމެ ބޭފުޅަކު ވެސް ގަބޫލުކުރަން ޖެހޭނެ ކަމަށެވެ.
"އެންމެންވެސް ސައެންޓިފިކް ހަގީގަތްތްތައް ގަބޫލުކުރަން ޖެހޭނެ. ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ދިޔުމަކީ އެފަދަ ހަގީގަތެއް. ސެޓެލައިޓް މައުލޫމާތު ދައްކާ ގޮތުގައި މިވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ކަނޑުގެ ސަތަހަ 3.4 މިލިމީޓާ އުފުލިއްޖެ،" މައުމޫން ވިދާޅުވިއެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކަލުގެ ވާހަކަ ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަމަށް ގެންނެވީ މައުމޫންނެވެ. މައުމޫން ވަނީ ޔުނައިޓެޑް ނޭޝަންސް އަދި އެހެންވެސް ތިމާވެށީގެ ފޯރަމްތަކުގައި އެ ވާހަކަތައް ދައްކަވައިފައެވެ.
އެންމެންވެސް ސައިންޓިފިކް ހަގީގަތްތައް ގަބޫލުކުރަން ޖެހޭނެ، ކަނޑުގެ ލޮނުގަނޑު ދަނީ އުފުލެމުން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ