ރައްޔިތުން މަޖިލިހުގެ މުއައްޒަފުންނަށް ބޯހިޔާވަހިކަން ދިނުމަށް ޕްލޭނެއް އެކުލަވާލަނީ

ރައްޔިތުންގެ މަޖިހުގައި މަސައްކަތް ކުރައްވަމުން
ގެންދަވާ އިދާރީ މުއައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ޕްލޭންތަކެއް
އެކުލަވާލުމުގެ މަސައްކަތް ކުރައްވާނެކަމަށް ރައްޔިތުން މަޖިލިހުގެ ރައީސް މުހައްމަދު
އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިފަދައިން ވިދާޅުވެފައި ވަނީ 12 އަހަރުފަހުން
މަޖިލީހުގެ އިދާރީ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ހަފްލާގައި
ވާހަކަ ދައްކަވަމުންނެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން
އަސްލަމް ވިދާޅުވީ މަޖިލިހުގެ އިދާރީ މުއައްޒަފުންގެ ފަރާތުން، އެ މުއައްޒަފުން
ކަންބޮޑުވާ މައިގަނޑު ދެ ކަމެއް ފާހަގަކުރައްވާފައިވާ ކަމަށާއި، އޭގެ ތެރެއިން އެންމެ
ބޮޑު ކަމަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ.
Advertisement
މިކަމަށް އިޝާރާތް ކުރައްވާ އަސްލަމް ވިދާޅުވީ، މަޖިލިސް
އިދާރާގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ދޭން ޖެހޭނީ ސަރުކާރުގެ އެހެން އިދާރާއަކުން
ނޫން ކަމަށާއި، އެކަން ކުރަން ޖެހޭނީ ސީދާ މަޖިލިހުގެ އިދާރާއިން ކަމަށެވެ.
" ރައްޔިތުންގެ މަޖިލީހުން އެކަން އިންތިޒާމު ކުރެވެންޖެހޭނެ.
ރައްޔިތުންގެ މަޖިލީހުން ޕްލޭނެއް އެކުލަވާލަންޖެހޭ. އެ މަސައްކަތް އިރާދަކުރެއްވިއްޔާ
ތިބޭފުޅުންގެ މަޝްވަރާއާއެކު ކުރިއަށްދާނެ." 
އަސްލަމް ވިދާޅުވިއެވެ.
މަޖިލިހުގެ މުއައްޒަފުން ކަންބޮޑުވުން ފާޅުކޮށްފައިވާ
ދެވަނަ ކަމެއްގެ ގޮތުގައި އަސްލަމް ފާހަގަކުރެއްވީ އެ މުއައްޒަފުންގެ މުސާރަ
ކުޑަވުމުގެ މައްސަލަކަމަށެވެ.
އެކަމަށް އިޝާރާތް ކުރައްވާ އަސްލަމް ވިދާޅުވީ
މުއައްޒަފުންގެ މުސާރައަށް ކޮންމެވެސް ވަރެއްގެ ހައްލެއް މިހާރު ގެނެސްދެވިފައިވާނެ
ކަމަށާއި، އެގޮތުން އާންމު ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީން ފާސްކޮށް 20 ޕަސެންޓުގެ
ކުރިއެރުމެއް މިދިޔަ ޖެނުއަރީއިން ފެށިގެން ހޯދައި ދެވިފައިވާނެކަމަށެވެ.
ރޭގެ މި ހަފްލާގައި އަސްލަމް ވަނީ މަޖިލިހުގެ
ޢިދާރީ މުއައްޒަފުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ ވަރަށް ބުރަ އަދި
އެހާމެ އަގުހުރި މަސައްކަތްތަކެއްކަން ފާހަގަކުރައްވާ މަޖިލިހުގެ އެންމެހައި
މުއައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ