ދުވާފަރު ދާއިރާގެ ފޮށިތައް އަލުން ގުނަން އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ދުވާފަރު ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނަން އެދިއްޖެއެވެ.
ދުވާފަރު ދާއިރާގެ ފޮށިތައް އަލުން ގުނަން އެދިފައިވާކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިންވެސް ވަނީ ޔަގީންކޮށްދީފައެވެ. އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ "އައްޑޫލައިވް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެކަމުގައި މިއަދު ގޮތެއް ކޮމިޝަނުން ގޮތެއް ނިންމަވާނެ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދުވާފަރު ދާއިރާގެ ފޮށިތައް އަލުން ގުނަން އެދުނީ، އެދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވި އިބްރާހީމް އަބްދުއްރަހްމާންއެވެ.
އީސީއިން ހާމަކޮށްފައިވާ ވަގުތީ ނަތީޖާތައް ދައްކާގޮތުން 4 ވޯޓުގެ ތަފާތުން ދުވާފަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަލީއެވެ. އޭނާއަށް 1074 ވޯޓު ލިބުނުއިރު އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް އިބްރާހީމް އަބްދުއްރަހްމާންއަށް ލިބިފައިވަނީ 1070 ވޯޓެވެ.
ދުވާފަރު ދާއިރާގެ މިހާރުގެ މެންބަރު އިސްމާއިލް އަހުމަދަށް ލިބުނީ 579 ވޯޓެވެ. އަދި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދަށް ލިބުނީ 77 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ