ރެފްރީންނަށް އިންޒާރު ދިނުމަކީ ރާއްޖޭގެ ގަދީމީ ސަގާފަތެއް

ވަކި ކުޅިވަރެއް ނޫނެވެ. ރާއްޖޭގައި ކޮންމެ ކުޅިވަރެއް ކުޅުން ނަމަވެސް ރެފްރީންނަށް އިންޒާރުދީ، ރެފްރީންނާ ދިމާއަށް ހަޑިހުތުރު ބަހުން މުހާތަބުކުރުމަކީ ރާއްޖޭގައި އޮތް ނޭއްގާނީ ބޮޑު ސަގާފަތެކެވެ. ރެފްރީގެ ނިޔާއަކީ އެންމެ ފަހުގެ ނިޔާކަމަށްވާއިރު، ވަކި ގޮތަކަށް ނުވަތަ އެ ޓީމަކުން ބޭނުން ނުވާ ގޮތަކަށް މެޗުގެ އޮއިވަރު ގޮސްފިނަމަ އެ ހިސާބުން ރެފްރީ ގޯސްވެ، ރެފްރީންނަކީ ވަކި ކޮޅެއް ނަގައިގެން ތިބި ބައެއް ކަމަށް ގޮވާ އިންޒާރުދީ ހަދަ އެވެ.
މިހާރަކަށް އައިސް ރާއްޖޭގައި ރެފްރީންނަށް އިންޒާރު ދިނުން ވަނީ އާންމުވެފަ އެވެ. މެޗެއްގައި ރެފްރީގެ ނިޔާ އަންނަ ގޮތަކުން ރެފްރީގެ ގައިގާ ޖަހާ ހިސާބަށްވެސް ދެ އެވެ. ވަކި ކުޅިވަރުތަކެއްގައި ހަރަކާތްތެރިވާ އޮފިޝަލުންނާއި ކުޅުންތެރިންގެ ހަރަކާތްތައްވެސް މިގޮތަށް ފެންނަމުންދެ އެވެ. ހަމަ އެގޮތަށް ބައެއް ޓީމުތައް ތަމްސީލުކުރާ މެނޭޖްމަންޓުންވެސް މިފަދަ ނޭއްގާނީ އަމަލުތައް ހިންގުމަށް ބާރުދީ ހަދަ އެވެ.
ގިނަ ފަހަރަށް މެޗެއް ޕްރެޝަރަށް ދަނީ ރެފްރީ ނިންމާ ނިންމުމަކުން ކަމަށް ނުބުނެވޭނެ. އެވަގުތެއްގައި ހިނގަމުންދާ މެޗެއްގައި އެ ޓީމެއްގެ ބެންޗުން ކުރާ ކަމެއް މީ މެޗު ހޫނުކުރުން. ކޮންމެ ގޮތެއްގައި ނަމަވެސް ކުޅެން އަރާ ތިބޭ ކުޅުންތެރިންނަށް މުޅި ބެންޗުން އިރުޝާދު ދީ ހަޅޭލަވާ ހަދަންޏާ ވަރަށް އަވަހަށް ކުޅުންތެރިން ޕްރެޝަރަށް ގޮސްގެން ސިލީ ފައުލްތައް ކުރާނެ. އޭގެން ކޮންމެ ފަހަރަކު ކާޑު ދައްކަންވެއްޖެއްޔާ މެޗު ނިމޭއިރު ދަނޑުގައި ކުޅުންތެރިން ނުތިބޭނެ. އޮފިޝަލުން އަބަދުވެސް ރެފްރީންނަށް ގޮވާނީ އެފަދަ ހާލަތްތަކުގަ ކާޑު ދައްކަން. މީގެން ކަމެއް ނުކުރީމަ ގިނަ ފަހަރަށް އިންޒާރުދީ އާއިލާއާވެސް ބެހި ހަދަނީ. މިއީ ހިތާމަހުރި ކަމެއް.
ކޮންމެ ކުޅިވަރެއްގައި ވެސް ގަވައިދުތަކަކާއި ގާނޫނުތަކެއް ހެދިފައިވަނީ އެއަށް ކުޅުންތެރިންނާއި އޮފިޝަލުން ފުރިހަމައަށް އިހިތުރާމުކޮށް، ކުޅިވަރުގެ ރޫހާއި އެއްގޮތްވާ ގޮތުގެ މަތިން އެ ކުޅިވަރެއް ކުރިއަށްގެންދިއުމަށެވެ. އަދި ކުޅިވަރު ކުރިއެރުވުމަށެވެ. ރެފްރީންނަކީ އެ ގަވައިދުތަކާއި ގާނޫނުތައް ކުޅިވަރުގެ މައިދާނުގައި ތަންފީޒުކުރަން ތިބޭ ބައެކެވެ.
ކިތަންމެ ބޮޑު ހަރަދެއް ކޮށްގެން އަންނަ ޓީމެއްވެސް އެންމެ ރަނގަޅަށް ޕާފޯމް ނުކުރެވޭނަމަ އެންމެ އަވަހަށް މުބާރާތާއި އަލްވަދާއު ކިޔަންޖެހެ އެވެ. އަދި އެޓީމެއް މުބާރާތުން ކެޓުމުގެ މެދުވެރިއަކަށް ރެފްރީ ވުމަކީ ނާދިރު ކަމެކެވެ. ގަސްތުގައި އެއްވެސް ރެފްރީއެއް ވަކި ޓީމަކަށް ފޭވާ ކުރާނެއޭ ބުނުމަކީ ސިކުނޑި ހަމަޖެހޭ ކަމެއް ނޫނެވެ. ވަކި ކޮޅަކަށް، ނުވަތަ ވަކި ޓީމަކަށް މޮޅުވާނެ ގޮތަކަށް މުބާރާތް އިންތިޒާމުކުރާ ފަރާތަކުން ރެފްރީންނަށް އެންގުމަކީވެސް ހަމަ ޔަގީނުންވެސް ހިނގާނޭ ކަމެއް ކަމަކަށް ނުބުނެވޭނެ އެވެ.
މިހާތަނަށް ވަރަށް ގިނަ ގޮންޖެހުން ދިމާވެފަ ހުރީ. ވަރަށް އިންޒާރުވެސް ލިބިފަ. މީގައި މުހިންމީ އަންނަ އިންޒާރަށް ބެލުމެއް ނެތި މެޗަށް ފޯކަސް ކުރުން. ކުޅުންތެރިންނާއި މެނޭޖްމަންޓުން ކިޔާ އެއްޗިއްސަށް ބަލަންޖެހޭ ހަމައަކީ ގަވައިދުގައިވާ ހަމަ. އިންސާފުވެރިކަމާއެކު މެޗެއް ގެންދެވޭނީ ހުރިހާ ކޮޅަކުންވެސް އެއްބާރުލުން ދީގެން.
ރެފްރީންނަށް އިންޒާރު ދިނުމުގައި ޓީމުތަކަށްވުރެ ކުރީގައި އުޅެނީ އެޓީމަކަށް ސަޕޯޓްކުރާ ސަޕޯޓަރުންނެވެ. ދަނޑުގެ ބޭރުން ބޭއަދަބީ ބަހުން ރެފްރީންނަށް ގޮވައި އިންޒާރު ދޭ ސަޕޯޓަރުން އިންތިހާއަށް ގިނަ އެވެ. ރާއްޖޭގައި މިކަން އޮންނަކީ މުޅިން އެހެން ލެވެލް އެއްގަ އެވެ. ސަޕޯޓަރުންގެ ތެރެއިން މަދު ބަޔަކު ރެފްރީންނަށް ފާޑުފާޑުގެ އިންޒާރު ދީ ހެދުމަށްފަހު، މެޗެއް ނިމުމުން މަގުމަތިންވެސް އެ ރެފްރީއަކާ ދިމާކުރެ އެވެ. އަދި ރެފްރީގެ އާއިލާއާއި ޖައްސާލައި އެފަރާތްތަކަށް އިންޒާރުދީ ބަދުބަސް ބުނެ އެވެ.
އެނގެންޖެހޭ ހަގީގަތަކީ ކޮންމެ މީހަކީވެސް އިންސާނެއް ކަމާއި، ކުޅުންތެރިންނާއި ރެފްރީންނަކީ ވެސް ހަމަ އިންސާނުން ކަމެވެ. ރެފްރީންނަކީ މެޗެއްގައި ހިނގާ ކަންކަން އިންސާފުން ގެންދިއުމުގެ މެދުވެރިއާއަށް ވާއިރު، އެފަރާތަށް މަދަދުވެރިވާ ބަޔަކީ ކުޅުންތެރިންނާއި ޓީމުތަކުގެ އޮފިޝަލުންނެވެ. ކޮންމެ މެޗެއްގައި ހިނގާ ކަންކަން ނިމިގެންދަނީ އެންމެ ރަނގަޅަށޭވެސް ނުބުނެވޭނެ އެވެ. ނަމަވެސް ގިނަ ފަހަރަށް ރެފްރީގެ ނިންމުމަކީ އެންމެ ރަނގު ނިންމުން ކަމުގައި ބަލައިގަނެ، ގޯސްކޮށް ކަމެއް ހިނގާނަމަ ސުލްހަވެރިކަމާއެކު ރެފްރީންނާއި ހަމައަށް އެ މައްސަލައެއް ގެންދިއުމަކީ ކޮންމެ ޓީމަކަށްވެސް އޮންނަ ފުރުސަތެކެވެ. ރީތި ގޮތުގައި އެ ފުރުސަތުގެ ބޭނުން ހިފައި، ރެފްރީންނަށް ސުލްހަވެރިކަމާއެކު މެޗު ކުރިއަށްގެންދިއުމުގެ ފުރުސަތު ފަހިކޮށްދެންޖެހެ އެވެ.
މިއުޅެނީ ހުރިހާ ކަމެއްގައިވެސް އެއް ބައެއް. ރެފްރީންނަށްވެސް ކުޅުންތެރިންނަށްވެސް. ކަމެއް ދިމާވެދާނެ. އެއްވެސް ހާލެއްގައި ވަކި ބަޔަކަށްވީމަ މޮޅުގޮތް އަނެއް ބަޔަކަށް ދެރަގޮތެއް ނުހަދާނެ. ވަކި ޓީމަކަށް ފޭވާއެއް ނުކުރާނެ. މެޗެއްގައި މޮޅުވާނީ ހުރިހާ ގޮތަކުންވެސް މެޗު ކޮންޓްރޯލް ނަގައިގެން ކުޅޭ ބައެއް. އޭގެ މާނައަކީ ރެފްރީ އަތުގައެއް ނޯންނާނެޔޭ މެޗެއްގެ މޮޅާއި ބައްޔެއް. އަބަދުވެސް އިންޒާރު އަންނަމުންދޭ. އިނގިލި ދިއްކޮށްފައި އެކި ކުޅިވަރުތަކުގައި އުޅޭ ކުޅުންތެރިންނާއި ޓީމުތައް ނުވަތަ ވަކިވަކި ފަރުދުންވެސް ބުނަން އެނގޭ. މީ ވަރަށް ދެރަ އަދި ވަރަށް ބޮޑު ގޯހެއް.
ތިމާ ނުވަތަ އެ ޓީމަކުން ބޭނުންވާ ގޮތަށް ކަންކަން ނުދާކަމަށް ބުނެ ރެފްރީންނަށް އިންޒާރު ދިނުން ހުއްޓާލަންޖެހެ އެވެ. ޒަމާންވީ ސަގާފަތަށް ސުލްހަވެރި ނިމުމެއް އައިސް ޒަމާނާ އެއްގޮތަށް ކަންކަން ބައްޓަން ކުރަން ދަސްކުރަން ވެއްޖެ އެވެ. ކަމެއް ދިމާވާހާ ފަހަރަކު ރެފްރީންނާއި މުބާރާތް އިންތިޒާމުކުރާ ފަރާތްތަކުގެ ލޮލަށް ބޮލަށް އެރުން ހުއްޓާލަންޖެހެ އެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ރެފްރީންނަށް އޮންނަ ހިމާޔަތާއި ރައްކާތެރިކަން މި ދިވެހިރާއްޖޭގައި ފުރިހަމައަށް ދޭންޖެހެ އެވެ. މިކަން ކުރެވޭނީ ހުރިހާ އެންމެން ގުޅިގެން އެއް މިސްރާބަކަށް ދަތުރުކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ