ބްލެޓް މާކެޓްގައި ޑޮލަރުގެ ރޭޓް އެބަ ދަށްވޭ: ނަޝީދު

މިހާރު ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ ރޭޓް ދަށްވަމުން އަންނަ ކަމަށާއި މިއީ މި ސަރުކާރުން ފައިސާ ޗާޕްކުރުން ހުއްޓައިލުމާ ގުޅިގެން އަންނަން ފެށި ހެޔޮ ބަދަލެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެ މަނިފާނު އެމްއެން އަންއޮފިޝަލްގެ ނަމުގައި ގެންގުޅުއްވާ "އެކްސް" އެކައުންޓްގައި ވިދާޅުވީ އެކަން ކުރަން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ދެންނެވުމުން އެމްޑީޕީ ސަރުކާރުން އެކަން ނުކުރީ ކަމަށެވެ.
"[މިހާރު] ޑޮލަރުގެ ރޭޓް އެބަ ދަށްވޭ. އިންސްފްލޭޝަން ދަށްވަނީ. ތަކެތީގެ އަގު ދަށް ވަނީ،" މިހާރު ގާނާއި ދިރިއުޅުއްވަމުން ގެންދަވާ ނަޝީދު ވިދާޅުވި އެވެ. "މިއީ ރުފިޔާ ޕްރިންޓް ކުރުން ހުއްޓާ، މަނީ ސަޕްލައި ދަށްކުރުމުގެ ރަނގަޅު ނަތީޖާ."
Black market $ rate eyba dhahvey. Inflation dhahvaane. Thakeytheege agu dhahvaane. Mi ee MVR print kurun huhtaalaa Money Supply dhahkurumuge ragalhu natheejaa. MDP sarukaaruga mi vaahaka buneema eykan nukuree.
— MN unofficial (@anedhivehirajje) March 5, 2024
ރޭ ރ. މީދޫގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވިދާޅުވީ ރުފިޔާގެ އަގު ހިފެހެއްޓި، ޑޮލަރުގެ ރޭޓު ތިރިވާން ފަށާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ މިހާރު ވަރަށް ބޮޑު އިސްކަމެއް ދީގެން ސަރުކާރުން ކުރަނީ ރައީސް ސޯލިހުގެ ސަރުކާރާ ހިލާފަށް ފައިސާ ޗާޕްކޮށްގެން ނޫން ކަމަށެވެ.
"ފައިސާ ޗާޕްކުރުން ހުއްޓާނުލި ނަމަ އަޅުގަނޑުމެންގެ ގައުމު ބަގުރޫޓްވާނެ. އަޅުގަނޑުމެންގެ ދިވެހި ރުފިޔާގެ އަގު ވެއްޓެމުން ވެއްޓެމުން ގޮސް އަތުގައި ނުޖެހޭ ހިސާބަށް ދާނެ، ޑޮލަރުގެ އަގު އަރައިގެން ދާނެ ވިހި ރުފިޔާ އަށް ވުރެ ވެސް މައްޗަށް. އިގުތިސާދު އެއްކޮށް ހަލާކުވީސް ފައިސާ ޗާޕް ކުރި ނަމަ،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ އެ ނިންމުމަކީ ފައިސާ ޗާޕްކުރަން ނިންމި ނިންމުމެއް ނޫން. ވަރަށް ފަސޭހަވީސް ހަމަ ފައިސާ ޗާޕްކޮށްލި ނަމަ. އެ 9 ބިލިއަން ރުފިޔާ އަށް ވާ ވަރަށް ފައިސާ ޗާޕްކޮށްލި ނަމަ އެކަން އެ ނިންމުނީ ނޫންތޯ؟ އެކަމަކު އެކަން ނުކުރީ ހަމަ ދިވެހި ރައްޔިތުންނަށްޓަކައި."
ރައީސް ވިދާޅުވީ ފައިސާ ޗާޕް ކުރުން ހުއްޓާލުމުގެ ހެޔޮ އަސަރު މިހާރު ވެސް ފެންނަމުން އަންނަ ކަމަށާއި ދިވެހި ފައިސާގެ އަގު ހިފެހެއްޓި، ޑޮލަރުގެ ރޭޓް ދަށްވެ، އިގުތިސާދު ރަނގަޅު ވަމުން އަންނަ ކަމަށެވެ.
"މިހާރު އޭގެ އަސަރު ފެނޭ އެބަ." ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ