ތިމާ ކުރާ ކޮންމެ ޢަމަލެއް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ބައްލަވައިވޮޑިގެންވެއެވެ. ދައްކާ ވާހަކަތައް އައްސަވައި ވޮޑިގެންވެއެވެ. އެހުރިހާ ކަމެއް އެމީހެއްގެ ފަތުގައި މަލާއިކަތުން ލިޔުއްވަވަތެވެ. މިކަންކަން ނުއެނގޭނެ މުސްލިމަކު ނުހުންނާނެއެވެ.
މިޘާލަކަށް ބުނާނަމަ މުސްލިމުންގެ ތެރެއިން ބައެއް މީހުން ޖަމާޢަތުގައި ޢިޝާނަމާދުކުރެއެވެ. ފައިބައިގެން ގެއަށްގޮސް ކައި ނިމިގެން އަނބިމީހާއަށް ހަދަނީ ދޮގެކެވެ. ދާން ޖެހިފައިނ ނެތްތަނަކަށް ދާންޖެހޭ ކަމަށްބުނެ ގެއިން ނުކުމެގެންދަނީ ހިލޭ އަންހެނުންނާއިއެކު މަސްހުނިވުމަށެވެ. އެގުޅުމުގެ ތެރެއިން ފާޙިޝް ޢަމަލުތައްވެސް ކުރެއެވެ.
ހަމައެކަނި ފިރިންނެއްވެސް ނޫނެވެ. ކޮންމެވެސް ބަހަނާއެއް ދައްކައިލާފައި އެކުވެރިންނާއިއެކު ބޭރަށްގޮސް ފާފަކުރާ އަނބިންވެސް ތިބެއެވެ. އަނިބިމިހާވިޔަސް ފިރިމީހާވިޔަސް ހަދާ ދޮގު ވާނީ ހަމަ ދޮގަށެވެ. ކުރާ ފާފައެއް ވާނީ ހަމަ ފާފައަކަށެވެ.
އެއިގެ އިތުރުން ކައިވެނިނުކޮށް ތިބޭ މީހުންވެސް ހަމަ މިފަދައިން ޢަމަލުކުރެއެވެ. ވީމާ ސުވާލަކީ އެއިރުން ތިމާއަށް އެ ޢަމަލުކުރެވެނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ހެއްޔެވެ؟ ކުރި އަޅުކަމުން ލިބުނު ޘަވާބަށްވުރެ ކުރެވުނު ފާފަތަކުން ލިބޭނެ ޢަޛާބު މާބޮޑުނުވާނެކަން އެނގެނީ ކާކަކަށްހެއްޔެވެ؟ މިނެކިރައި އެކަން އަނގައިދިނީ ކާކުހެއްޔެވެ؟
ބިރެއްނެތި ފާފަކުރަމުން އަޅުކަންކުރަމުން ސުވަރުގެ އެދޭ މީހާ ދަންނާށެވެ! ކުރިއަށް ތިއަ ދެވެނީ ރަނގަޅު ވިސްނުމެއްގައެއް ނޫނެވެ! ސުވަރުގެ ލިބުންވަނީ ޖަމާޢަތުގައި ޢިޝާ ނަމާދުކުރުމަށްފަހު ދެން ހުރި ވަގުތުތަކުގައި ފާފަކޮށް އުޅޭ މީހުންނަކަށް ނޫނެވެ. މިހެން ބުނަން ޖެހެނީ ޞަހާބީންގެ ޢަމަލުފުޅުތަކުން އެކަން ސާބިތުކުރައްވަވައި އުންމަތަށް ދައްކަވައިދެއްވަވާފައިވާތީއެވެ.
"ދުނިޔޭގައި އޮތީ ޢަމަލެވެ. ޤިޔާމަތް ދުވަހު އޮތީ ޙުކުމް އިއްވުމެވެ. މަޙްޝަރުގެ މައިދާނުގައި ޙުކުމް އިއްވިގެންދާނީ މީޒާނުގައި ޢމަލުތައް ކިރައިލުމުން ނުކުންނަ ނަތީޖާއަކަށެވެ. ކޮންމެ މީހެއްގެ މައްޗަށް ވެސް އިއްވެވޭނީ އެންމެ ހުކުމެކެވެ. އެއީ ނަރަކަށް ނުވަތަ ސުވަރުގެއަށް ވަނުމުގެ ހުކުމެވެ. ނަރަކައަށް ނުވަތަ ސުވަރުގެއަށް ނުވަދެ ނަރަކާއި ސުވަރުގެއާއި ދެމެދު ހުރުމުގެ ފުރުޞަތު ނުވަތަ އަސްކަނި ދަށުގައި އުޅުމުގެ ފުރުޞަތު ހަމަ އެކަކަށްވެސް ނުލިބޭނެއެވެ.
މިއަދަކީ މިކަމަށް ގޮތެއް ނިންމަންޖެހިފައިވާ ދުވަހެވެ. ތިމާ ބޭނުންވާ ގޮތެއް ޚިޔާރުކުރުމުގެ ދުވަހެވެ. އެއްވެސް ދީނެއް ޤަބޫލެއް ނުކުރަމެވެ، ނުވަތަ މިނޫންވެސް ތަފާތު ބަހަނާތައް ދައްކައިގެން ދެކޮޅެއް ނުޖެއްސޭނެއެވެ. ﷲ ތަޢާލާ އެވަނީ އެކަން ވަރަށް ސާފުކޮށް ބަޔާންކޮށް ދެއްވަވައިފައެވެ. ﷲ ތަޢާލާ މީސްތަކުންގެ ކިބައިން ޤަބޫލުފުޅު ކުރައްވަވާނެ ދީނަކީ ހަމައެކަނި އިސްލާމް ދީން ކަމެވެ. ވީއިރު މިވެނި ކަމެކެވެ. އެވެނި ކަމެކެވެ ކިޔައިގެން އެދުވަހު ދެއްކޭނީ ކޮން ބަހަނާއެއް ހެއްޔެވެ؟
ޔަޤީންކުރަންޖެހޭ ކަމަކީ ސުވަރުގެ އާއި ނަރަކަ އާއި ދެމެދަކު ހަމަ އެކަކަށްވެސް ނުހުރެވޭނެކަމެވެ. މިއަދަކީ އެމީހަކު ބޭނުންވާ ތަނެއް އިޚްތިޔާރުކުރަން ދެއްވަވާފައިވާ ދުވަހެވެ. ޔަޤީންވާ ކަމަކީ ފާފަތައް ކުރުން ޢާންމުވާވަރަކަށް ފާފަތަކުން ސަލާމަތްވެތިބުމަށް ކުރަންޖެހޭ މަސައްކަތްގިނަވާނެކަމެވެ. ސުވަރުގެ ލިބުން ވަނީ އެ މަސައްކަތްކުރެވިގެންކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ރޭގަނޑު ބައިވެރިޔާއަށް ދޮގުހަދައި އޮޅުވާލާފަ ބޭރަށް ގޮސް ފާފަކުރާ މީހުން އެކުރާ ފާފަ ފަތުގަ ނުލިޔުއްވަވާނެ ކަމަށް ހީކުރަނީ ހެއްޔެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ