ކައުންސިލް އިންތިޚާބާ ކައިރިކޮށް މުވައްޒަފުން ނެގުމާއި ބިމާއި ފަޅު ދޫކުރުމުގެ ބާރު ހަނިކުރަނީ

ކައުންސިލްތަކުގެ ދައުރު ހަމަވާން ގާތްވުމުން، ކައުންސިލް އިދާރާއަށް މުވައްޒަފުން ނެގުމާއި، ކައުންސިލްގެ އިހުތިސޯސްގެ ދަށުގައި ހުރި ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުން ވެސް ފިނޭންސް މިނިސްޓްރީ އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކަނޑައަޅާ އުސޫލުތަކުގެ ދަށުން ނޫނީ ނުކުރެވޭ ގޮތް ހިމެނޭހެން ގާނޫނަށް އިސްލާހުތަކެއް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ހުސައިން "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް" ހުށަހެޅުއްވި އެ އިސްލާހުގެ ބޭނުމަކީ ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރިކުރުމުގެ ދާއިރާ ގާނޫނުގައި ކަނޑައެޅުމެވެ. އަދި ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް ފައިސާ ދިނުމުގައި އަމަލުކުރަންޖެހޭ ބައެއް އުސޫލުތައް މުރާޖައާކޮށް، ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގައި ކައުންސިލްތަކުން މުހިންމު މާލީ ކަންކަން ނިންމުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމަށްޓަކައި ގާނޫނަށްް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ. އެ ބިލުގައި ވަނީ މައިގަނޑު ފަސް އިސްލާހެއް، ލާމަރުކަޒީ ގާނޫނަށް ގެނައުމަށް ހުށަހަޅައިފައެވެ. އެ ބިލުގެ ފުރަތަމަ އިސްލާހެއްގެ ގޮތުން ހުށަހަޅާފައި ވަނީ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކަކީ: އެ ކުންފުނި ނިސްބަތްވާ ރަށްތަކުގައި އަމިއްލަ ވިޔަފާރިތަކުން ކުރާ އިގްތިސޯދީ މަސައްކަތެއް ނުވަތަ ވިޔަފާރިއަކަށް ނުވުން. އެ މަސައްކަތަކީ ރަށްތަކުގެ އުމްރާނީ ތަރައްގީއަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތެއް ކަމުގައިވުން. އެ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސްމާލުގެ އަދަދު، 10،000،000 ރުފިޔާއަށްވުރެ ބޮޑުވުން. އެކަންކަމާ ތައާރުޒުވާ މަސައްކަތެއްނަމަ، އެ އިސްލާހަށް އަމަލުކުރަންފަށާތާ 90 ދުވަސްތެރޭ އެފަދަ ވިޔަފާރިތައް ހުއްޓާލުން. ދެވަނަ އިސްލާހުގައި ވަނީ، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ނުނެގޭނެ ކަމަށެވެ. ތިންވަނަ އިސްލާހަކަށް އެ ބިލުގައި ބަޔާންކޮށްފައި އޮތީ ކައުންސިލްތަކަށް އާމްދަނީ ދޫކުރަންވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަކަށްވާ ފައިސާއާއި، އާންމު ޚިދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ އަދަދެއް ކަމަށެވެ. އަދި ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކު އެކައުންޓުތައް ބަލަހައްޓަންވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށް ކަމަށާއި، އެ އެކައުންޓުތަކުގެ ސްޓޭޓްމަންޓެއް ހޯދުމަށް އެ މިނިސްޓްރީން އެދިއްޖެ ހާލަތުގައި އެ މައުލޫމާތު ފޯރުކޮށްދޭންޖެހޭނެ ކަމަށް ހަތަރުވަނަ އިސްލާހުގައިވެއެވެ. ފަސްވަނަ އިސްލާހަކީ، ލޯކަލް ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އޮތީ 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ފިނޭންސް މިނިސްޓްރީ އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކަނޑައަޅާ އުސޫލުގެ ދަށުން މެނުވީ ބައެއް ކަންކަން ނުކުރުމަށެވެ. އެއީ: ކައުންސިލް އިދާރާއަށް މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުން. ކައުންސިލްގެ އިހުތިސޯސްގެ ދަށުގައި ހުރި ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުން. ކައުންސިލްތަކަށް އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުން. ލާމަރުކަޒީ ގާނޫނަށް މިފަދަ އިސްލާހުތަކެއް ސަރުކާރުގެ ފަރާތުން މި ހުށަހެޅީ، އެފަދަ ވާހަކަތަކެއް މީގެ ކުރިން ވެސް ދެކެވިފައިވަނިކޮށެވެ. ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން މި ސަރުކާރުގެ ސުޕަމެޖޯރިޓީ އޮތް 20 ވަނަ މަޖިލީހުން ވަނީ ލާމަރުކަޒީ ގާނޫނަށް ދެތިން ފަހަރު އިސްލާހު ވެސް ގެނެސްފައެވެ. ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ގެންނަ އިސްލާހުތަކާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން، ކައުންސިލްތަކަށް ލިބިދޭ ބާރުތައް ހަނިކޮށް، ސަރުކާރުން ކޮންޓްރޯލްކުރާ ބަޔަކަށް ކައުންސިލްތައް ހެދުމުގެ ތުހުމަތު ކުރެއެވެ. ވަކިން ޚާއްސަކޮށް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތުގެ ގޮތުގައި މި ސަރުކާރުން އުފެއްދި ލޯކަލް ގަވަނަންސް މިނިސްޓްރީގެ އެއްވެސް ބާރެއް، މި އިސްލާހުތަކުގައި ވެސް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ