'ސްކިބިޑީ' އާއި'ޑެލޫލޫ' ކެމްބްރިޖް އޮންލަައިން ޑިކްޝަަނަރީއަށް

އަަލަށް އިނގިރޭސި ބަސް ދަސްކުރާ މީހުންގެ ތެރޭގައި މަގުބޫލު ކެމްބްރިޖް އޮންލައިން ޑިކްޝަނަރީއަށް އަލަށް އިތުރުކުރި 1،000 ލަފުޒުގެ ތެރޭގައި 'ސްކިބިޑީ' އާއި 'ޑެލޫލޫ' ހިމަނައިފި އެވެ.
މިއީ މިފަހަކަށް އައިސް ސޯޝަލް އަދި މެއިންސްޓްރީމް މީޑިއާގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން، ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ ދެ ލަފުޒެވެ. 
'ސްކިބިޑީ' މިއީ ވައިރަލް އެނިމޭޝަންތަކެއް ޔޫޓިއުބަށް ލާން ފެށި މީހަކު ފުރަތަމަ ބޭނުން ކުރަން ފެށި ލަފުޒެކެވެ. މި ލަފުޒު ރަނގަޅު ނުވަތަ ގޯސް ކަމެއް ސިފަ ކުރުމަށް ބޭނުން ކުރެވިދާނެ އެވެ.
މީގެ އިތުރުން އިނގިރޭސި ލަފުޒު 'ޑެލޫޝަން' ކުރުކޮށްލައި ބޭނުންކުރަން ފެށި 'ޑެލޫލޫ' ވެސް މިހާރު ކެމްބްރިޖް ޑިކްޝަނަރީގައި ހިމެނެ އެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީސް ވަނީ މި ލަފުޒު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ބޭނުންކުރައްވައިފަ އެވެ.
ކެމްބްރިޖް އޮންލައިން ޑިކްޝަނަރީގައި އަލަށް ހިމެނި އިތުރު ލަފުޒުތަކުގެ ތެރޭގައި:
ބްރޯލިގާކީ - މި ލަފުޒު ބޭނުންކުރަނީ ފިރިހެނުންގެ ގުރޫޕެއް ސިފަކުރުމަށެވެ. ޓެކްނޮލޮޖީ ދާއިރާގައި މަސައްކަތް ކުރާ މުއްސަނދި، ނުފޫޒުގަދަ އަދި ސިޔާސީގޮތުން ބާރުވެރި ނުވަތަ ބާރުވެރިވާން މަސައްކަތް ކުރާ މީހުން ސިފަ ކުރުމަށް ހާއްސަކޮށް މި ލަފުޒު ބޭނުން ކުރެ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ޖެފް ބޭޒޯސް، އީލޮން މަސްކް އަދި މާކް ޒަކަބާގް ބައިވެރިވުމުން އެ މީހުން ސިފަކުރުމަށް މި ލަފުޒު ބޭނުންކޮށްފައިވެ އެވެ.
އިންސްޕޯ - 'އިންސްޕިރޭޝަން'ގެ ބަދަލުގައި ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ 'އިންސްޕޯ'  މިހާރު ވަނީ ކެމްބްރިޖް ޑިކްޝަނަރީގައި ހިމަނައިފަ އެވެ.
ޓްރެޑް ވައިފް - 'ޓްރެޑިޝަނަލް ވައިފް' ކުރުކޮށްލާފައި ބޭނުން ކުރަމުން އަންނަ މި ދެ ލަފުޒުން ސިފަކޮށްދެނީ ކައިވެނިކޮށްގެން އުޅޭ އަންހެނަކު އޭނާގެ ގެވެހި ދިރިއުޅުން ސޯޝަލް މީޑިއާގައި ހިއްސާ ކުރާ ނަމަ އެފަދަ މީހުންނެވެ.
އިންޓަނެޓް ބޭނުންކުރާ މީހުން އިނގިރޭސި ލަފުޒުތައް ބޭނުންކުރާ ގޮތަށް ބަދަލު ގެނައި ނަމަވެސް، އަލަށް މަގުބޫލުވާ ކޮންމެ ލަފުޒެއް ޑިކްޝަނަރީއަކަށް ނާރަ އެވެ. އާއްމުކޮށް ކެމްބްރިޖް ޑިކްޝަނަރީގައި ހިމަނަނީ ދާއިމީކޮށް ބޭނުންކުރަމުންގެންދާނެ ކަމަށް ބެލެވޭ ލަފުޒުތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ