މިނިވަންކަން ހޯދައިގަނެ ނެގެހެއްޓެނީ އިލްމުވެރިކަމާއި ފުދުންތެރިކަމުގެ ތެރެއިން މިނިވަންކަން ހޯދައިގަނެ ނެގެހެއްޓެނީ އިލްމުވެރިކަމާއި ފުދުންތެރިކަމުގެ ތެރެއިން

މިނިވަންކަމޭ ބުނެވެނީ އަޅުވެތިކަމުގެ އިދިކޮޅު ސިފައަށެވެ. ދުނިޔޭގެ ޙަޔާތް ވޭތިކުރަމުންދާ މީހަކަށް މިހަޔާތުގައި ލިބޭނޭ އެންމެ ބޮޑު ނިޢުމަތްތަކުގެ ތެރެއިން އެއް ނިޢުމަތަކީވެސް ހަމަ މިއީއެވެ. އޭގެ ސަބަބުން އިންސާނާގެ ނަފުސު ސުލްޙަކުރުވައެވެ. ސިކުނޑި ހަމަޖެހިދެއެވެ. ގުޖަޑުތަކާއި ޚަލަލުތަކުން އޭނާގެ ހިތް ސަލާމަތްކުރުވައެވެ. މިނިވަންކަމަށްޓަކައި އިންސާނާ އޭނާގެ ޖާނާއި މާލުވެސް ޤުރުބާންކޮށްފާނެއެވެ. ވިސްނަވާށެވެ! އެއީ އަނެކާއަށްޓަކައި، ތިމާގެ އަމިއްލަ ޖާނު ޤުރުބާންކޮށްގެން ވިޔަސް ހޯދާ މަސައްކަތްކުރަމުންދާ ކަމެކެވެ. މިފަދައިން އަނެކާއަށްޓަކައި ތިމާގެ އަމިއްލަ ޖާނު ޤުރުބާންކުރާ ކަންކަމީ އިންސާނުންގެ ތެރޭގައި ނިސްބަތުން މަދު ކަންކަމޭ ދެންނެވިދާނެއެވެ. ވީމާ މިނިވަންކަމުގެ އަގާއި މެދު ދެން ވިސްނުން ހިންގަވާށެވެ.
އަޅުވެތިކަމެއްގައިވާ ބަޔަކަށް، މިނިވަންކަމަކާއި ހަމަޔަށް ދެވެނީ އެންމެ ފުރަތަމައިން އެކަމާއި މެދު ވިސްނާ ފިކުރުކުރުމުގެ ގާބިލުކަން އެބަޔެއްގެ ސިކުނޑީގައި ވާނަމައެވެ. މި ދެންނެވި ބަހުގެ މުރާދަކީ ހަގީގީ މިނިވަންކަމެއްގައި ހުންނަ ތާސީރާއި އޭގެން އަމިއްލަ ނަފުސަށާއި މުޖުތަމައަށް ގެނުވާނޭ ހަމަޖެހުމާއި ލިއްބައިދޭނޭ އުފަލަކީ ކޮބައިކަން ވިސްނޭ ވަރުގެ ބުއްދިއަކާއި ފިކުރެއް ލިބިގެން މެނުވީ އަދި މިނިވަންކަމަކާއި ހަމަޔަށް ބަޔަކަށް ނުދެވޭނެއެވެ. މިހެންކަމުން މިނިވަނެއްގެ ގޮތުގައި ހުންނަން އެދޭ މީހާ ނުވަތަ މިނިވަން ބައެއްގެ ގޮތުގައި ތިބެން އެދޭ ބަޔަކު އެންމެ ފުރަތަމައިން ކުރާން ޖެހޭ ކަމަކީ ޢިލްމު ހޯދާ ދުނިޔެއަށް ލޯ ހުޅުވިގަތުމެވެ. އެހައިރުން ތިމާގެ ވަށައިގެންވާ ކަންކަމަށް ވިސްނުން ހިންގާ ފިކުރު ކުރާން ދަސްވާ ހުއްޓެވެ. ތަނަކުން މީހަކު އައިސް ޖަހާހާ ބެރަކަށް ނުނަށާނެތެވެ. ސިކުނޑިއެއް ނުކެވޭނެތެވެ. ބޮލަކަށް ނޭރެވޭނެއެވެ. ޙީލަތްތެރިންނާއި މަކަރުވެރީންގެ ޙީލަތާއި މަކަރަށް ވިސްނާން އެނގޭނެއެވެ.
ޢިލްމާ އެކު މީހާ ތަސައްރަފު ފުދި ދުނިޔޭގެ މައްޗަށް ލޯހުޅުވި ދުނިޔޭގެ ނިޒާމުތަކާއި ދުނިޔަވީ ޙަޔާތް ރޭވި އިންތިޒާމުވެ ހިނގަހިނގާ އޮންނަ ގޮތް ދަސްވާނެތެވެ. އެހެންނަމަވެސް އަދި ޢިލްމުވެރިވުމަކުން އެމީހާ ނުވަތަ އެބަޔަކަށް މިނިވަންކަމެއް ނުހޯދޭނެތެވެ. އެމީހާއީ ނުވަތަ އެބަޔަކީ ފުދުންތެރި ތިޔާގި ބަޔަކަށް ވާންޖެހެއެވެ. މިހެންކަމުން މިނިވަންކަން އެދޭ މީހާ ފުރިހަމަ ކުރާން ޖެހޭ ދެވަނަ ޝަރުތަކީ ފުދުންތެރިކަމެވެ. އަނެކާގެ "ހެޔޮފުޅު"ކަމަށް ވެއްޓި ނުގަނެ އުޅެވޭނެ ގޮތެވެ. އަނެކާގެ ކިބައިން އާދޭސްކުޅައުމެއް ނެތި އަމިއްލައަށް ދުނިޔޭގެ ޙަޔާތް ވޭތިކޮށްގެން އުޅެވޭނެ ފެންވަރު ހޯދުމެވެ. ގިނަ ފަހަރު ހަގީގީ ޢިލްމު ހޯދައިގެން ޢިލްމުވެރިވެގެން ހުންނަ މީހާއީ އޭނާގެ ނަފުސުގެ ޢިއްޒަތަށްޓަކައިވެސް އަނެކާގެ "ހެޔޮފުޅު"ކަމުން ދުނިޔެ އުޅޭން އުޅޭނެ މީހެއް ނޫނެވެ. އެފަދަ މީހާ އޭނާއަށް ލިބިފައި ހުރި ޢިލްމެއްގެ ބޭނުން ހިފައިގެން ދުނިޔޭގެ ޙަޔާތާއި ކުރިމަތިލާނެއެވެ.
ޢިލްމު ނެތް ބަޔެއްގެ ބޮލުގެ ތެރެއަށް އެރިގަތުމަކީ އެފަދަ ކަށަކުޅަދާނަކަން ލިބިފައިވާ ފަރާތްތަކަށް އެއްވެސްކަމެއް ނޫނެވެ. އެފަދަ ބަޔަކު ތިބޭނީ "އަނެކާ ދެއްކި" މަންޒަރެއްގެ މައްޗަށް ހެއްލުންތެރިވެގެން އެބަޔަކު ދައްކާ މަންޒަރަކަށް ސޮނި ބާލަބާލައެވެ. ނޫނީ އެފަދަ ބަޔަކު ޖަހާހާ ބެރަކަށް ނަށަނަށައެވެ. އަމިއްލަ ސިކުނޑިޔާ ބުއްދީގެ ބޭނުން ކުރާކަށް ނުދަންނާނެތެވެ. މިފަދަ ބަޔަކަށް އަމިއްލަ ފުދުންތެރިކަމެއް ހޯދައިގަތުމަކީ ގިނަ ފަހަރު ވާނޭކަމެއް ނޫނެވެ. ދުނިޔެ އުޅޭން ދަސްވެފައި ހުންނާނީ އަނެކާގެ އިޟާފަތުންނެވެ. އަނެކާގެ ޖީބުންނެވެ. ޢިލްމު ނެތްކަމުގެ ސަބަބުން ނަފުސުގެ ޢިއްޒަތާއި އޭގެ ކަރާމާތުގެ މައްޗަށް ވިސްނައިގަތުމުގެ ގާބިލުކަމެއްވެސް ނުހުންނާނެތެވެ. މިފަދައިންވާ މީހާގެ މުޅި ދިރިއުޅުން ބިނާވެ އޮންނާނީ އަނެކާގެ އަތްމަތީގައެވެ. އެފަދަ މީހާއީ އަނެކާގެ އަޅެކެވެ.
އާދޭހެވެ! ޢިލްމު ލިބިއްޖެ މީހާއަށް ފުދިގެން ދިރިއުޅުމުގެ މަގު ތަނަވަސްކުރެވޭނެއެވެ. ހަގީގީ ޢިލްމު ލިބިފައިވާ މީހާއަށް އޭނާގެ ނަފުސުގެ ޢިއްޒަތަށްވުރެ މުހިންމު އެހެން އެއްވެސް އެއްޗެއް ނުވާނެއެވެ. އެފަދަ މީހާ މިނިވަންކަން ހުރިހާ މައުނައެއްގައިވެސް ހޯދާނެއެވެ. އަދި އެ މިނިވަންކަންމަތީ އޭނާއަށް ދެމި ހުރެވޭނެވެސްމެއެވެ. އެހެނީ އޭނާއަށް އެކަމަށްވުރެ މުހިންމު އެހެން އެއްވެސްކަމެއް ނުއޮންނާނެއެވެ. ދަތިވި ކަމުގައި ވިޔަސް އަނެކާގެ އުގަށް ވެއްޓިގަތުމުގެ ބަދަލުގައި ޚިޔާރު ކުރާހުށީ އަމިއްލަ ނަފުސުގެ ޢިއްޒަތާއި ކަރާމާތެވެ. މިފަދަ މީހާއީ މިނިވަންކަމުގެ ޝަޚުސެކެވެ. އޭގެ ހަގީގީ ރާޙަތު އޭނާއަށް ކުރާނެއެވެ.
މިނިވަންކަން ބިނާވެގެން އަންނަނީ ހޭލުންތެރިކަމާއި ފުދުންތެރިކަމުގެ މައްޗަށެވެ. ހޭލުންތެރިކަމޭ މި ދެންނެވީ ޢިލްމުލިބި ކަންކަމުގެ މައްޗަށް ސިކުނޑި ހުޅުވޭ ހުޅުވުމަށެވެ. މިނިވަންކަމަކީ ކޮށްލެވޭ ސޮޔަކުން ނުވަތަ ބުނާ ބަހަކުން ލިބޭ އެއްޗެއް ނޫނެވެ. އަމިއްލަ ފަރުދެއްކަމުގައި ވިޔަސް ނުވަތަ ޤައުމެއް ކަމުގައި ވިޔަސް މިކަން އޮތީ ހަމަ މިމަގަށެވެ. އެއީ އިސްވެ ދެންނެވި ދެ ބިންގަލުގެ މަތީން ހޯދައިގަނެ ދަމަހައްޓާ ނަގަހައްޓާން ޖެހޭ އެއްޗެކެވެ. ފުދުންތެރިކަން ނެތް ބަޔަކީ ޤާނޫނީ ހައިސިއްޔަތުން ބޭރުފުށަށް މިނިވަންކަމޭ ބަޔެކޭ ބުނެވޭ ބަޔަކަށްވި ކަމުގައި ވިޔަސް އެބަޔަކަށް މިނިވަންކަމުގެ ހަގީގީ ރާޙަތެއް ނުކުރާނެއެވެ. އެބައިމީހުން ދެކޭހުށީ ދަތި ދިރިއުޅުމެވެ. ވަށައިލައިފާ ވާނީ ދަތިތަކާއި ތުރައުތަކެވެ. އިހުސާސް ކުރާން ޖެހޭނީ އެކި ކަހަލަ ނުކުސާންތަކެވެ. އާއްމު ދިރިއުޅުމުގެ އެއްވެސް ފަސޭހަޔަކާއި ލުޔެއް ނުދެކޭނެތެވެ.
މިނިވަން ޤައުމެއްގެ ތެރެއަށް ނޭވާ ލެވޭކަމުގެ އިޙުސާސް މީހަކަށް ކުރެވޭނީ އެގައުމެއްގެ އާއްމު ދިރިއުޅުމުގެ ޙާލަތު މަތިކުރެވިގެންނެވެ. އާއްމުންގެ މެދުގައި ފަސޭހަތަކާއި ލުއިތައް ހުރެގެންނެވެ. މުޖުތަމައު އަމާންވެފައި ހިތްހަމަޖެހިގެންނެވެ. މިސާލަކަށް އޮފީހަށް ދާން ނިކުމެފައި، ބަރު އުފުއްލައިގެން ސައިކަލު ނެރެފައި، އޭގެ މަޑިމައްޗަށް "ލައިފާ ހުންނަ ވާލު ގުއި" ފަޓުލޫނުގައި ހާކައިގެން، އަތުން މުއްގަނޑަށް އަނބުރަމުން ދެފައި ބިމުގައި ހާކަމުން އޮފީހާ ހަމަޔަށް ގޮސްފައި، އަނެއްކާ ބަރު އުފުއްލައިގެން އެ ސައިކަލު ޕާކުކޮށްފައި ގޮސް އޮފީހުގައި އިންނަން ޖެހޭފަދަ މުޖުތަމައުތަކުން ކުރެވޭނީ ކޮން މިނިވަންކަމެއްގެ އިހުސާސެއްތޯއެވެ؟ ނުވަތަ ހިނގާފައި ދާން ނިކުމެ، އޮރިބޮރިއަށް ގައުތައްވާ ދުވާރުމަތިން ހިނގާފައި ދާއިރު، އަސްކަނިތަކުން ބޮލަށާއި ގަޔަށް ފެންތިކި ތަޅަމުން، ބުޅާ ނަޖިހަށް އަރަމުން، ދުވާރު މަތިން ފައިބަންވީމާ ހަރުފަޔަކަށްވެގެން އޭގެން ފައިބާ އެދާންވާތާކަށް ގޮސް އިނުމަކުންވެސް އެ އިހުސާސެއް ނުވާނެއެވެ. މިއީ ބަޔަކު މިނިވަން ނޫންވީމާ، ތަސައްރަފު ފުދިފައި ނެތީމާ ނުވަތަ ޢިލްމުވެރިވެފައި ނެތީމާ އެބަޔެއްގެ މުޖުތަމައު އޮންނަ ގޮތެވެ. މިފަދަ މުޖުތަމައެއްގައި އުޅޭ މީހަކަށް އިހުސާސް ކުރެވޭނީ ކޮން މިނިވަންކަމެއްތޯއެވެ؟
އިއްޔެގެ ދިވެހި މުޖުތަމައުތޯއެވެ؟ ޢިލްމުވެރި ބައެކެވެ. ތަހުޛީބު ބައެކެވެ. ނަފުސުގެ ޢިއްޒަތަށް ލޯބި ކުޅަ ބައެކެވެ. ފުދުންތެރި ބައެކެވެ. މި ސިފަތަކުގެ ސަބަބުން މި ދިވެހި މުޖުތަމައަކީ މިނިވަންކަމާއި މުސްތަޤިއްލުކަމުގެ ވަރަށް ދިގު ތާރީޚެއް އޮތް ބައެކެވެ. މީގެ އެތަކެއް ހާސް އަހަރު ކުރީގެ މައްޗަށް ނަޒަރު ހިންގާލި ކަމުގައި ވިޔަސް ދިވެހީންގެ ޚަބަރު ފެންނަނީ ނުޖޫމީ ޢިލްމާއި ނެވިނިޔަމިކަމަށް އަރާ ތިބި ބައެއްގެ ގޮތުގައެވެ. އުފެންދުންތެރި އީޖާދީ ބަޔެއްގެ ގޮތުގައެވެ. ފޭރާމާއި ބޮއްޔާއި މާވަހަރާއި ރޯނާއި މަސް ބޭރުކުރި ދައުލަތެއްގެ ގޮތުގައެވެ. އެހާމެ އާޓިސްޓިކު ނަސްލެއްގެ ބަޔެއްގެ ގޮތުގައެވެ. އަދި ކޮބައިތޯއެވެ. ސާފުތާހިރުކަމާއި ތަހުޛީބުކަމުގެ އިންތިހާ ދަރަޖައިގެ ބައެއްކަމުގައިވެސްމެއެވެ. މިއާއި އެކުމެ ދެން އޮންނަނީ އަމިއްލަ ވެރިކަމާއި މުސްތަޤިއްލުކަމުގެ ޚަބަރެވެ.
އާދޭހެވެ! ޒަމާންވީ މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތީ ޢިލްމުތަކާއި ހުނަރުތަކަށް ބަންދުކަމެއް ނެތި ހުޅުވާލެވިފައި އޮތް އޮތުމުގެ ސަބަބުންނެވެ. އޭގެ ސަބަބުން ދިވެހީންނަކީ މަސައްކަތްތެރި އުފެއްދުންތެރި އީޖާދީ ބަޔަކަށްވެގެން ގޮސްފައި ތިބީމައެވެ. މިކަމުން ދިވެހީންވަނީ ފުދުންތެރި ޤައުމެއްގެ ބަޔަކަށްވެފައެވެ. މި ޢިލްމުވެރިކަމާއި ފުދުންތެރިކަމާއި އެކު ދިވެހީންގެ ތަރުބަވީ ނިޒާމުގައި ދިވެހީންނަށް ބުނެދެމުން އައިސްފައި ވަނީ އަމިއްލަ ނަފުސުގެ އަގެވެ. އޭގެ ޢިއްޒަތެވެ. އެހެންކަމުން ދިވެހީންވެފައި ވަނީ އަމިއްލަ ބުރަ މަސައްކަތުން ދުނިޔޭގެ ޙަޔާތްވޭތި ކުރި ބަޔަކަށެވެ. އަނެކާގެ އަތުން ކައިގެން ބޮއެގެން ދިރިއުޅުނު ބަޔެއްކަމުގައި ނުވެއެވެ. ދިވެހީންގެ މިނިވަންކަމުގެ ދިގު ތާރީޚު ގުޅިފައިވަނީ މި ކަންކަމާއި އެވެ.
ބޯދާ ޒަމާނުގައި މާލެ އާއި ރަށްރަށުގައިވެސް ޢުމުރާނީ ތަރައްގީގެ އެންމެހައި ކަންކަން ހިންގާފައިވަނީ ރައްޔިތުން އަމިއްލައަށެވެ. ތިލަދުންމަތީ ހިރިމަރަދޫގައި މިހާރުވެސް ފެންނަން ހުރި 100 އަހަރުވީ މިސްކިތެއް ހުންނާނެއެވެ. އެ މިސްކިތް އަޅާފައިވަނީ މީލާދުން 1800 ގެ ފަހުކޮޅު މި ސަރަހައްދަށް ތަޢާރަފުވީ އާކިޓެކްޗަރަލް ފަރުމާއަކަށެވެ. އެއީ ރުކުން ބޭލި ރަލުން ހެދި ހަކުރު ވިއްކައިގެންނާއި މަސް ބޭރުކޮށްގެން ރަށު ރައްޔިތުން އެޅި ބިނާއެކެވެ. ރާއްޖޭގެ ރަށްރަށުގައި ހުރި މަދަރުސާތަކާއި މަކުތަބުތަކާއި ރަށުގައި އޮންނަ ފާލަމާއި އަދިވެސް މިފަދަ އެންމެހައި ތަންތަނަކީ އިހުގައި އެރަށެއްގެ އާއްމު ރައްޔިތުން ބުރަ މަސައްކަތުން ހޯދާ ފައިސާއިން އެބައިމީހުންގެ ރަށްރަށް ކުރި އަރުވާން ގެނެސްފައި ހުރި ޢުމުރާނީ ތަރައްގީގެ އަސަރުތަކެވެ. އިހުގެ ދިވެހީން ނޭވާލަމުން ދިޔައީ ވަރަށް ފުދިފައި އޮތް މިނިވަން މުޖުތަމައަކަށެވެ. އޭގެ ސަބަބުން އެބައިމީހުންގެ ނަފުސު ސުލްޙަވެ މޫނުމަތީން އުފައުވެރިކަން ފާޅުވޭވޭ ހުރެއެވެ.
ތާރީޚުން އެނގެން އޮތް ޒަމާނުން ފެށިގެންވެސް ދާދި ފަހުގެ ޒަމާންތަކާއި ހަމަޔަށް ދިވެހި މުޖުތަމައު ރޭވި އިންތިޒާމުވެގެން އައިސްފައިވަނީ މިނިވަންކަމުގެ ވަރަށް މަތީ ދަރަޖައިގެ މުޖުތަމައެއްގެ ގޮތުގައެވެ. އަންހެނުންނާއި ފިރިހެނުންގެ މެދުގައި ފަރަގެއްނެތެވެ. އެންމެ އިހުއްސުރެ ދިވެހި މުޖުތަމައުގެ ޚާއްސަކަމެއްގެ ގޮތުގައި ބޭރުގެ ލިޔުންތެރީންވެސް ފާހަގަކުރައްވާ އެއްކަމަކީ އެއީއެވެ. އާދޭހެވެ! މީގެ ހާސް އަހަރު ކުރީން އުޅުއްވި ބޮޑެތި ދަންނަ ބޭކަލުންނާއި ޢިލްމުވެރީންނާއި އަދި ފަލްސަފާވެރީންވެސް ދިވެހި މުޖުތަމައާ ބެހޭ ގޮތުން ލިޔުއްވާފައި ހުރި އިރު، ދިވެހި މުޖުތަމައުން ފެންނަ "މިނިވަންކަމުގެ މި ސިފަތަކަށް" އަލިއަޅުވާލައްވާފައިވެއެވެ. އަލް އިދުރީސީ ފަދަ ބޭބޭކަލުން ލިޔުއްވާފައި އެވަނީ "އެބައިމީހުންގެ މެދުގައި (އެބަހީ ދިވެހީންގެ ތެރޭގައި) ޙުކުމްދާރުންގެ ގޮތުގައި އަންހެނުން ތިބޭ ވާހަކައެވެ"
ދިވެހި ދައުލަތަށް ވިސްނަވާށެވެ! މުޅި ދައުލަތް އިދާރީ ގޮތުން ހަމަޖެހިފައި އޮތީ ކޮންމެ ލާމަރުކަޒީ ދައުލަތެއްގެ ގޮތުގައެވެ. ކޮންމެ އަތޮޅެއްގެ ބަޔަކު އެ އަތޮޅެއްގެ އިގުތިސޯދައިގެން ކުރިޔަށް ހިނގަހިނގާ ތިބީއެވެ. އަތޮޅުތޮޅު ރަށްރަށުގައި މުދާ ހިފައިގެން ބޭރަށް ދަތުރުކުރާ ބޮޑެތި އޮޑިފަހަރު ގެންގުޅެއެވެ. އަތޮޅުތޮޅު ރަށްރަށުގައި ބޮޑެތި މަހުޖަނުން އުފެދިފައި ތިއްބެވެ. ބައްލަވާށެވެ! މާޅޮސްމަޑުލު އުގުލު ހަސަން ހާޖީއެވެ. ބޮޑު މަހުޖަނެކެވެ. އަމިއްލަ ބޭރު ދަތުރުކުރާ އޮޑިއެއް އޮތެވެ. ކުޅުދުއްފުށީ އުމަރުކަލޭގެފާނެވެ. އެގޯތި ކަޅު ބައްތެއްޔަކީ ބޭރު ދަތުރުކުރި އޮޑިއެކެވެ. ދިއްދޫ ދާންނާ ކަލޭގެފާނުގެ އޮޑިފަހަރު، ނައިފަރު ކާންނާ ކަލޭގެފާނުގެ އޮޑި، ހިންނަވަރު މުހައްމަދު ޞާލިހާ އީސާފުޅުގެ ހަސަންފުޅުގެ އޮޑި އަދި ދެކުނުގެ ތިން އަތޮޅުގައިވާ މިފަދަ އޮޑިފަހަރު ބައިވަރެވެ. ހައްތަހާވެސް ފުދުންތެރިކަމެވެ. ޢިލްމުވެރިކަމެވެ. މިނިވަންކަމުގެ ބިންގައުތަކެވެ.
ދިވެހި ތާރީޚުންވެސް ފެންނަނީ މިނިވަން މުޖުތަމައެއްކަމުގެ ވާހަކަތަކެވެ. ޤާނޫނެއްގެ އަލިކަން ދިވެހީން ހޯދައިގަތީ އާއްމު ރައްޔިތުން ބޭނުންވެގެން ހެއްޔެވެ؟ ނޫނެކެވެ. ރަސްގެފާނާ ބޮޑުވަޒީރާ ޖެހުނު މައްސަލައަކުންނެވެ. އެންމެ ފަހުން އެ ގާނޫނެއްގެ އުނދަގޫބޮޑުވެގެން އާއްމު ރައްޔިތުން ރަސްގެފާނުގެ ގަނޑުވަރުދޮށަށް އެއްވެފައި އެދުނީ ކީކޭތޯއެވެ؟ "މިހައިރަކު ދެން މި ގާނޫނަކާ ހުރެ ފޮރުއްޕާކަށް ނެތޭއެވެ" މީގެން ބުނެދެނީ ދިވެހީން އުޅުނު މިނިވަންކަމެވެ. މުޖުތަމައުގެ ފަސޭހަކެމެވެ. ދިރިއުޅުމުގެ އަރާމުކަމެވެ. ބަންދުކަމެއް ނެތްކަމެވެ. މިނިވަން މުޖުތަމައެއްގެ ގޮތުގައި، މުސްތަޤިއްލު ދައުލަތެއް އުފަންކޮށްގެން އަމިއްލަވެރިކަމެއް މަތީގައި އެތަކެއް ހާސް އަހަރު ދިވެހީން ތިބީ މިފަދަ އެތައް އުންސުރުތަކެއްގެ ސަބަބުންނެވެ.
ދިވެހީންގެ މިނިވަންކަމުގެ ވާހަކަ ދައްކާ ދުވަހު އެނބުރި ބަލާންވީ މާޒީގައި އެބުނާ ފަދަ މިނިވަންކަމެއްގައި ދިވެހީން ތިބީ ކިހިނެތްތޯކަމެވެ. އެއިރުގެ މުޖުތަމައުތައް އެކަށައެޅިފައިވާ ގޮތްތަކުން ފެންނަ ހަރުދަނާ ސިފަތަކަކީ ކޮބައިތޯކަމެވެ. ޝައްކެއްވެސްނެތެވެ! މިނިވަންކަން ނެގެހެއްޓުމަށްޓަކައި ދިރުވަންވީ ޤައުމަށް ބޭނުން ހިފޭނޭ ޢިލްމުތަކާއި ހުނަރުތަކެވެ. އާލާކުރަންވީ މަސައްކަތްތެރިކަމާ އުފެއްދުންތެރިކަމެވެ. ހޯދައިގަންނަންވީ ފުދުންތެރިކަމެވެ. އެހައިރުން މުޖުތަމައު އަރާމުވެފައި މިނިވަންކަމުގެ ހަގީގީ އަސަރު ފެންނަން ފަށާނެއެވެ. އިންކާރު ކުރުމެއް ނެތެވެ! މިނިވަންކަން ބިނާވެގެންވަނީ އަންނަނިވި ދެކަމުގެ މައްޗަށެވެ. އެއީ ޢިލްމުވެރިކަމާއި ފުދުންތެރިކަމުގެ މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ