އެއާ އިންޑިއާގެ ބޯޓެއްގައި ދަތުރުމަތީ އަންހެނަކު ވިހައިފި
އެތައް ހާސް ފޫޓު މަތިން ދުއްވަމުންދިޔަ އެއާ އިންޑިއާގެ މަތިންދާ ބޯޓު، އެއާ އިންޑިއާ އެކްޕްރެސްގައި މާބަނޑު އަންހެނަކު ވިހައިފިއެވެ. އޮމާންގެ ވެރިރަށް މަސްކަޓްއިން އިންޑިއާގެ މުމްބާއީއަށް ދަތުރުކުރި މި މަތިންދާ ބޯޓުގައި ވިހާފައިވަނީ ތައިލެންޑަށް ނިސްބަތްވާ އަންހެނެކެވެ. އެ މީހާ ވިހެއީ ފިރިހެން ކުއްޖެކެވެ. އިއްޔެ ހިނގި މި ހާދިސާއާ އެކު އެއާ އިންޑިއާ އެކްސްޕްރެސް މަތިންދާ ބޯޓުގައި ތިބި ކްރޫއިންނާއި ދަތުރުވެރިންނަށް މި ވަގުތުކޮޅުވީ ވަރަށް ޚާއްސަ އެހާމެ ބޮޑު އުފާވެރިކަމެއް ގެނެސްދިން ވަގުތުކޮޅަކަށެވެ. ތައިލެންޑްގެ އެ މާބަނޑު އަންހެންމީހާއަށް ވިހެއުމުގެ ތަދު އިހުސާސްވާން ފެށުމާ އެކު އެ ވަގުތު މަތިންދާ ބޯޓުގައި އިން ނަރުހެއްގެ އެހީތެރިކަމާ އެކު އެ ބޯޓުގެ ކްރޫއިން އަވަސްވެގަތީ އަންހެން މީހާއަށް ޚިދުމަތް ކުރުމަށެވެ. އެއާ އިންޑިއާ އެކްސްޕްރެސްގެ މަތިންދާ ބޯޓުގައި ވިހެއި ތައިލެންޑް އަންހެންމީހާ ދަރިފުޅާ އެކު--ފޮޓޯ/އެންޑީޓީވީ ހަމައެއާއެކު އެ މީހާ ވިހެއުމަށް ދާންދެން ރައްކާތެރި މާހައުލެއް ބޯޓު ތެރޭގައި ހޯދައި ދިނުމަށް ބޯޓުގެ ކްރޫއިންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެވުނު ކަމަށް އެ އެއާލައިންއިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. މަތިންދާ ބޯޓުގައި އެފަދަ ހާދިސާތައް ހިނގާފާނެ ކަމަށް ބަލައި އެކަމަށް ބޭނުންވާ ޚާއްސަ ތަމުރީނު ބޯޓުގެ ކްރޫއިންނަށް މާ ކުރިން އެއާލައިންތަކުން ދެއެވެ. އެއާ އިންޑިއާ އެކްސްޕްރެސްގެ ބަޔާނުގައި ވަނީ އެފަދަ ތަމުރީނުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި އިއްޔެގެ ހާދިސާ ހިނގި ވަގުތު ކްރޫއިން ވަރަށް ރަނގަޅަށް ހިފި ކަމަށް ބުނެފައެވެ. އިންޑިއާގެ މުމްބާއީގައި މަތިންދާ ބޯޓު ޖެއްސުމުގެ ކުރިން އެ ބޯޓުގެ ޕައިލެޓުން ވަނީ އެއާ ޓްރެފިކް ކޮންޓްރޯލްއަށް ގުޅުމަށް ފަހު މުމްބާއީގައި ބޯޓު ޖެއްސުމުގެ ޚާއްސަ ހުއްދައަށް އެދިފައެވެ. ހަމައެއާއެކު އެމްބިއުލާންސްގެ ޚިދުމަތާ އެކު ސިއްހީ އެހީތެރިން ބޯޓު ޖެއްސި ވަގުތު އެތަނުގައި ހާޒިރުވެ ތިބި ކަމަށާއި އެ ބޯޓުގެ އަންހެން ކްރޫއެއް ހިމެނޭހެން އެއާޕޯޓާއި އެންމެ ކައިރި ހޮސްޕިޓަލަކަށް ބޯޓުގައި ވިހެއި ދެ މައިން ފޮނުވި ކަމަށް އެއާލައިނުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. އެ އަންހެން މީހާއާއި ވިހެއި ދަރިފުޅު ތައިލެންޑަށް އަނބުރާ ފޮނުވުމުގެ ކަންކަން މުމްބާއީގައި ހުންނަ ތައިލޭންޑް ކޮންސިއުލޭޓްގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް އެއާ އިންޑީއާ އެކްސްޕްރެސްއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ