ތިމާއަށް ކުށެއް ނުވަތަ ފާފައެއް ކުރެވުނީމާ އެހެން މީހެއްގެ ކިބައިގަ އެކަން އަޅުވާނަމަ އެހެދެނީ އެންމެ ބޮޑު ގޯސް! އެކަމުން އެމީހެއްގެ ބޮލުގަ އެޅޭނީ އިތުރު ފާފައެއް!

ކުށެއް ކުރެވުނަސް އަދި ފާފައެއް ކުރެވުނަސް އެއީ ހަތަރު އުދަރެސް ފެނުޖެހެންވީ ކަމެއް ނޫނެވެ. އެކަން ޤަބޫލުކޮށް ތިމާ އިޞްލާޙްވީމާ ނުވަތަ ތައުބާވީމާ އެއޮތީ އެކަން ނިމިފައެވެ. ނަމަވެސް ތިމާގެ ސަބަބުން މީހަކަށް ދެރައެއް ލިބިއްޖެނަމަ ސަލާމަތްވެވުން އެހައި ފަސޭހައެއް ނުވާނެއެވެ.
ނިސާ ސޫރަތުގެ 112 ވަނަ ޢާޔަތް ބަލާށެވެ. "އަދި، ކުށެއް ނުވަތަ ފާފައެއްކޮށް (އެކަމުގެ) ކުށެއްނެތް މީހެއްގައި އެކަން އަޅުވާ މީހާ (ދަންނާށެވެ!) ފަހެ، އެމީހާ ބޮޑުވެގެންވާ ދޮގަކާއި، ފާޅުވެގެންވާ ފާފައެއް އުފުލައިފިކަން ކަށަވަރެވެ." އޮތް ބަސްފުޅަށެވެ.
ތިމާ އަމިއްލައަށް ކުށް، އަދި ފާފަތައް ކުރުމަށްފަހު އެއްވެސް ކުށެއް ނެތް މީހުންގެ ބޮލުގައި އެކަން އަޅުވައެވެ. ތިމާކުރި ފާފައިން ރެކި ސަލާމަތްވާން މަސައްކަތްކުރެއެވެ. ފާފައެއް ކުރުމަށްފަހު އެހެން މީހެއްގެ ބޮލުގައި ފާފަކުރިކަން އެޅުވުމުން އެކުރެވެނީ ބޮޑުވެގެންވާ 2 ފާފައެވެ. 1 ކުރިފާފަ. 2 އެހެން މީހެއްގެ ބޮލުގައި ނުޙައްޤުން ފާފައެއް އެޅުވުން. މިއީ ހަމަކޮންމެ މީހަކުވެސް ވިސްނައިލަން ޖެހޭނެ ކަމެކެވެ.
ފާފައެއް ކުރުމަށްފަހު މިފަދައިން ޢަމަލުކުރުމަކީ ސުވަރުގެ ގެއްލިދާނެ ފަދަ ކަމެކެވެ. އެހެނީ އެކުރެވެނީ ނުބައިކަން ބޮޑުވެގެންވާ ފާފައެކެވެ.
މީސްތަކުންނޭވެ! ކޮންމެ މީހަކަށްވެސް ފާފައެއް ކުރެވިދާނެއެވެ! ފާފައެއް ކުރެވިއްޖެ ނަމަ އަވަހަށް ތައުބާވާށެވެ! އެކަމުގެ ޒިންމާ މިދުނިޔޭގައިވެސް އުފުލާށެވެ! ތެދުބަހުން ބުނެ ކުށަށް އިއްތިރާފްވާށެވެ! ހަމަ އެއާއެކު ފާފަ ނުކުރާ މީހުންގެ ބޮލުގައި އިލްޒާމްތައް އަޅުވައި ނުހަދާށެވެ!
ނިކަން ވިސްނައިލަބަލާށެވެ! އެއް ގޭގައި އެކީ އުޅެމުން ތިމާއަށް ކުރެވޭ ކުދިކުދި ކަންކަން ބޮލުން ނައްޓާލައި އަޚާގެ ނުވަތަ އުޚުތާގެ ބޮލުގައި އެބަ އަޅުވަމުއެވެ. މިހުންނަނީ އާދައިގެ ކަންކަން ކަމުގައި ދެކޭ މީހުން މިއަދު މަދެއް ނޫނެވެ! އެއީ އެއްވެސް ކަމެއް ނޫން ކަމަށް މިއަދު ޤަބޫލުކުރެވުނު ނަމަވެސް އާޚީރަތް ދުވަހު އެކަންކަންވެސް އެމީހަކާއި ބައްދަލުކުރަނީ މީހަކަށް ކުރި ބޮޑެތި އަނިޔާގެ ގޮތުގައެވެ. ފާފައިގެ ގޮތުގައެވެ. ވީމާ ވިސްނުންތެރިވާށެވެ! އާޚިރަތް ދުވަހަށް ބިރުވެތިވާށެވެ!
އެފަދަ ކަމެއްގެ ސަބަބުން އަނެކާއަށް ދެވޭ ކޮންމެ ދެރައެއްގެ ޒިންމާ އުފުލަން ޤިޔާމަތްދުވަހު ޖެހޭނެއެވެ. އަދަބެއް ނުލިބުނު ނަމަވެސް މީހެއްގެ ބޮލުގައި ކަމެއް އެޅުވުމުން މީސްތަކުންގެ ކުރިމަތީގައި ވާފަޟީޙަތަކީ ވެސް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. މިފަދަ ކޮންމެ ކަމަކަށް ޤިޔާމަތް ދުވަހު ބަދަލުދޭންޖެހޭނެއެވެ! ތިމާކުރި ކުށުން ދުނިޔޭގައި ރެކެވުނު ނަމަވެސް އާޚިރަތް ދުވަހު ޖެހޭނީ ހަމަކުރިމަތިލާށެވެ! ވީމާ މިބަޔާންކުރިފަދައިން ތިމާގެ ސަބަބުން އެއްވެސް މީހަކަށް ކިތަންމެ ކުޑަމިންވަރެއްގެ ނަމަވެސް ދެރައެއް ދެވިފައިވާނަމަ އެމީހެއްގެ ކިބައިން އަވަހަށް މާފުހޯދާށެވެ! ޤިޔާމަތް ދުވަހަކީ އެއްވެސް މީހަކު އެއްވެސް މީހަކަށް މާފުކުރާނެ ދުވަހެއް ނޫނެވެ! އެދުވަހު އެންމެން ވެސް އުޅޭނީ އެމީހަކު ނަރަކައިން ސަލާމަތް ނުވެވިދާނެ ކަމުގެ ބިރުގައެވެ.
--މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ