މަރުގެ ސަކަރާތް "ސަކަރާތުލްމައުތި" ލުއިވުމަށް އެދޭމީހާ އަބަދުވެސް ފަރުވާތެރިވެ ހުންނަން ޖެހޭނެ ކަންކަން-

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދުނިޔޭގައި ހީނ އުފާކޮށް މަޖަލުގައި ދުވަސްތައް ދުއްވައިލަމުންދާއިރު މަރުގެ ސަކަރާތާއި ކުރިމަތިލާން ޖެހޭނީ ކޮންވަގުތަކުކަން ހަމަ އެކަކަށްވެސް ނުއެނގޭނެއެވެ. ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ތިމަން ކަލޭގެފާނަށް ފެނިވަޑައިގަންނަވާ ކަންކަން ތިއަ ބޭކަލުންނަށް (ޞަހާބީންނަށް) ފެނިވަޑައިގަންނަވާނަމަ ހިނިފުޅުވެޑުވުން މަދު ކުރަވައި ކީރިތި ކުރެއްވުން ގިނަ ކުރައްވަވާނެ" ކަމަށެވެ.
މީސްތަކުންނަށް ﷲ ތަޢާލާ ނިޢްމަތްތައް މިންވަރުކުރެއްވެވުމުން ގިނަބައަކު މިއަދު މިވަނީ ދުނިޔެ ދޫކޮށްފައި ދާއިރު ދާންޖެހޭނީ އެ ނިޢްމަތްތައް ދޫކޮށްލާފައި ހުސްއަތާކަން މުޅިންހެން ހަނދުމަނެތިފައެވެ. އެކަމުގެ ހެއްކަކީ ދެއްވެވި ނިޢްމަތްތަކާއިމެދު ޣާފިލްވެފައިވާ މިންވަރެވެ! ނިޢްމަތްތަކުގެ ބޭނުންކޮށްގެން އުފަލާއި ަޖަލުގައި އުޅެމުންދާއިރު އެ ނިޢްމަތްތައް ދެއްވެވ ﷲ ތަޢާލާގެމަތިން ހަނދުމަވެސް ނުހުންނަކަމެވެ.
އަހަރެމެން ދުނިޔޭގައި އުޅޭއިރު ހީނ އުފާކޮށް ސަކަރާތް ޖަހައި ދުވަސްތައް މަޖަލުގައި ހޭދަކުރަމުން ގެންދާއިރު އެންމެ ބޮޑު ސަކަރާތުގެ މަތިން ހަނދާން ހުންނަނީ ހާދަމަދު މީހެކެވެ. އެންމެ ބޮޑު ސަކަރާތަކީ "ސަކަރާތުލްމައުތި" އެވެ. މަރު ހިއްޕަވާ މަލާއިކަތާ ވަޑައިގެން މަރު ހިއްޕަވާ ވަގުތު އަޅާ ވޭންތަކެވެ.
"ސަކަރާތުލްމައުތި" އިން ސަލާމަތް ވެވޭނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ. ހަމަ އެކަނި ތަފާތަކީ އެކަމުގެ ވޭން ތަހައްމަލުކުރަން ޖެހޭނެ މިންވަރެވެ. ދުނިޔޭގައި ދުވަސްތައް ހޭދަކުރީ ދުނިޔޭގެ އުފާ ހޯދަން "ސަކަރާތް ޖަހަން" ކަމަށް ނުވާނަމަ މަރުގެ ތަކްލީފަކީ ލުއި ފަސޭހަ ކަމަކަށްވެސް ވެދާނެއެވެ. ނަމަވެސް ދުނިޔޭގައި ދުވަސްތައް ހޭދަކުރީ މަޖާކޮށް ސަކަރާތް ޖަހަންނަމަ "ސަކަރާތުލްމައުތި"ގެ ހުރި ވޭން އެނގޭނީ ހަމަ އެވަގުތު އައިސް ޖެހުމުންނެވެ.
ދުނިޔޭގައި ވަރަށް ނުބައިކޮށް އުޅުނު ބައެއް މީހުން މަރުވުމުގެ ވަގުތު ވަރަށް ހަމަހިމޭންކޮށް އޮންނަތަންވެސް ފެނިދާނެއެވެ. އެއީ ﷲ ތަޢާލާގެ ކުޅަދުންވަންތަކްމުން އަހަރެމެންނަށް ކަންކަން ދައްކަވާ ގޮތެވެ. ހަޤީޤަތުގައި އެމީހާއަށް އުފުލަންޖެހުނު ވޭން އެނގޭނީ ހަމަ އެމީހަކަށެވެ. ވައިނޮޅި ކަނޑައިލުމުން ޖަނަވާރެއް މަރަށް ތެޅޭ ފަދައިން ތެޅޭތަން މީސްތަކުންގެ ލޯތަކަށް ނުދެއްކެވުމަކީ ހަމަ އެއްގޮތަކަށްވެސް އެމީހާއަށް އެއްވެސް ވޭނެއް ނުއެޅުމެއް ނޫނެވެ.
ވީމާ ހޭލުންތެރިކަން އިތުރުކުރާށެވެ. އުފަލާއި މަޖަލުގައި ހޭދަކުރާ ވަގުތުތަކަށްވުރެ އަޅުކަމުގައި ހޭދަކުރާ ވަގުތުތައް ގިނަ ކުރާށެވެ. އިންސާނުން ކަމަށްވުމުން އުފާވެސް ކުރެވޭނެއެވެ. ނަމަވެސް ވިސްނަންވީ އެކަމަށް ހޭދަކުރާ ވަގުތަށެވެ. އަދި އުފާކުރުމާއި މަޖާކުރުމާއި ހީނ ސަކަރާތް ޖެހުމުގައި އިންތަކެއް ގެންގުޅެން ސަމާލުކަން ދޭށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ