އަބްދުއްރަހްމާންގެ މަރަށް 15 ދުވަސް، ޕޯސްޓްމޯޓަމްގެ ނަތީޖާ އަދި ނުލިބޭ

މި މަހުގެ 13 ވަނަ ދުވަހުގެ ދަންވަރު އއ. މާޅޮހުގައި މަރާލި, އެ ރަށު އޯކިޑުމާގޭ އަބްދުއްރަހްމާން އާދަމްގެ މަރުގެ މައްސަލައިގައި ދޭނެ އިތުރު އަދާހަމައެއް އަދި ނެތް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. އުމުރުން 65 އަހަރުގެ އަބްދުއްރަހްމާންގެ ބޮލަށް ރަހުމު ކުޑަ އަނިޔާތަކެއް ދިންކަން އެނގިގެން އޭނާއަށް ފަރުވާދޭން މާޅޮހުގެ ސިއްހީ މަރުކަޒަށް ގެންދިޔަކަމަށް ފުލުހުންނަށް ރިޕޯޓުކުރީ 13 ވަނަ ދުވަހުގެ ރޭ ދަންވަރު 1:50 ހާއިރެވެ. އޭނާ މަރުވީ ފަތިހުގެ ވަގުތެއްގައި ސިއްހީ މަރުކަޒުގައި ފަރުވާ ދެނިކޮށެވެ. އޭގެ ފަހުން، މިދިޔަ ހަފުތާގެ ހޯމަ ދުވަހު އަބްދުއްރަހްމާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވާލުމަށް ފަހު ބުދަ ދުވަހުގެ ރޭ 7:50 ހާއިރު މާލެއަށް ހަށިގަނޑު ގެނައުމަށް ފަހު، ބުރާސްފަތި ދުވަހު ވަނީ ވަޅުލައިފައެވެ. އޭނާ މަރާލިތާ މިއަދަށް 15 ދުވަސް ފާއިތުވެގެން ދިޔައިރު އަދިވެސް މީހަކު ހައްޔަރުނުކުރެއެވެ. "ސަން"އިން ސުވާލުކުރުމުން ފުލުހުން ބުނީ، އަބްދުއްރަހްމާންގެ މަރުގެ މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން ދޭނެ އިތުރު ޖަވާބެއް އަދި ނެތް ކަމަށެވެ. އަދި، އަބްދުއްރަހްމާންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމްގެ ނަތީޖާ ލިބުނުހާ އަވަހަށް އެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ފުލުހުން ބުންޏެވެ. އަބްދުއްރަހްމާނުގެ ދަރިފުޅު އަހްމަދު ނިމާލު މީގެ ކުރިން ބުނީ، އޭނާގެ ބައްޕައާއި އެއްވެސް މީހަކާ ދެމެދު މައްސަަލައެއް ނުވަތަ ރުޅިވެރިކަމެއް އޮވެދާނެ ކަމަށް ޝައްކުނުކުރެވޭ ކަމަށެވެ. އެ ރަށު މީހުން ބުނާ ގޮތުން ނަމަ އަބްދުއްރަހްމާނަކީ އާދައިގެ ދިރިއުޅުމެއް އުޅޭ މީހެކެވެ. އަދި، އޭނާއާމެދު ޒާތީ ހަސަދައެއް ނުވަތަ ނަފުރަތެއް އޮވެދާނެ މީހަކު ހުރެދާނެކަމަށް ފާހަގަނުވާކަމަށް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ