އިންޑޯ ބާސްކެޓް ބޯޅަ އެރީނާއެއް ތަރައްގީކޮށް، ކުރިއަރުވަން ބޭންކާއެކު އެއްބަސްވުމަކަށް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރާއްޖޭގައި ބާސްކެޓްބޯޅަ ކުރިއެރުވުމަށް, މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)އާއެކު ފަސް އަހަރުގެ ޕާޓްނަޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ބޭންކުން ބުނީ މި އެއްބަސްވުމުގެ ދަށުން، ބާސްކެޓްބޯޅަ ކުޅުންތެރިންނާއި ގައުމީ ޓީމުގެ ތަމްރީނުތަކަށް ބޭނުންކުރެވޭނެ ފެންވަރު ރަނގަޅު އިންޑޯ ބާސްކެޓްބޯޅަ އެރީނާއެއް ތަރައްގީކުރުމަށް ބީއެމްއެލްއިން އެހީތެރިވެދޭނެ ކަމަށެވެ. އަދި މި އެރީނާ ވެގެންދާނީ ބާސްކެޓް ބޯޅަ ގައުމީ ޓީމާއި ބާސްކެޓްބޯޅަ ކުޅުންތެރިންގެ ޕްރެކްޓިސްއަށް ޚާއްސަކުރެވިފައިވާ ތަނަކަށް ކަމަށް ވެސް ބޭންކުން ބުންޏެވެ. ހަމައެއާއެކު ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ބާސްކެޓްބޯޅަ ދެ މުބާރާތް ކަމުގައިވާ 'ނެޝަނަލް ބާސްކެޓްބޯލް ލީގު' އަދި 'ނެޝަނަލް 3 އޮން 3 ލީގަ'ށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ބޭންކުން ބުންޏެވެ. އެއާއެކު ކުޅުންތެރިން ތަރައްގީ ކުރުމަށް މަގުފަހިކޮށްދީ، މުޅި ރާއްޖޭގައި އެ ކުޅިވަރު އިތުރަށް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށް ބޭންކުން ބުންޏެވެ. ބާސްކެޓްބޯޅަ ކުރިއަރުވަން ބޭންކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި: މި އެއްބަސްވުމުގެ ދަށުން އިންޑޯ ބާސްކެޓްބޯޅަ އެރީނާއެއް ތަރައްގީކުރާނެ -- ފޮޓޯ/ ބީއެމްއެލް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ ރާއްޖޭގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ހުނަރު ތަރައްގީގުކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުން އަންނަ ބޭންކެއްގެ ހައިސިއްޔަތުން، ރާއްޖޭގައި މަގުބޫލުކަން އިތުރުވަމުންދާ ކުޅިވަރެއް ކުރިއެރުވުމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނާއެކު އެއްބަސްވުމަކީ ލިބޭ ފަޚުރެއް ކަމަށެވެ. އަދި އެ އެއްބަސްވުމުން ދައްކުވައިދެނީ ރާއްޖޭގައި ކުޅިވަރުގެ ހުނަރު ހަރުދަނާކޮށް، ހުނަރުވެރި ކުޅުންތެރިން ކުރިއެރުވުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ކަމަށާއި އުންމީދަކީ ރާއްޖޭގެ ބާސްކެޓްބޯޅަ ކުޅުންތެރިން މުޅިން އާ ހަރުފަތަކަށް ގެންދިޔުން ކަމަށް ޝަރީފް ވިދާޅުވިއެވެ. ބާސްކެޓް ބޯޅަ އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް ވިދާޅުވި ގޮތުގައި ބާސްކެޓްބޯޅައިގެ ހުނަރުވެރި ކުޅުންތެރިން އިތުރަށް ކުރިއެރުވުމަށް ބީއެމްއެލްއާ ގުޅުމަކީ އެ އެސޯސިއޭޝަނަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. އަދި ބީއެމްއެލް ފާހަގަކުރެވެނީ ރާއްޖޭގައި އެކި ކުޅިވަރު ކުރިއަރުވައި، އެތުލީޓުންނަށް ފުރުސަތު ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ބޭންކެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ އެއްބަސްވުމާއެކު އެ އެސޯސިއޭޝަންގެ އެތުލީޓުންނަށް ވެސް އިތުރަށް ފުރުސަތުތައް ފަހިވެ، އިތުރު ކާމިޔާބީތައް ހޯދުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ