އާރްޑީސީގެ އެމްޑީކަމުން ޒުހައިރު ވަކިކޮށް ނަޒީމު އެ މަގާމަށް ހަމަޖައްސައިފި

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރު އެ މަގާމުން ވަކިކޮށް، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި އިބްރާހީމް ނަޒީމު އެމަގާމަށް ހަމަޖައްސަވައިފި އެވެ. 
މިއަދު ޕީސީބީން އެކަން އިއުލާނުކޮށްފައިވާއިރު ޒުހައިރު މަގާމުން ދުރުކުރި ސަބަބެއް އެ ބޯޑުން ހާމަނުކުރެއެވެ. އެ މަގާމަށް މިއަދު ހަމަޖެއްސި ނަޒީމަކީ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެއިރު މަގު ހެދުމުގެ މަސައްކަތް ކުރުމަށް އުފެއްދެވި މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ އެމްޑީގެ މަގާމު ފުރުއްވި ބޭފުޅެކެވެ. 
އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ނަޒީމު ހުންނަވަނިކޮށް އޭނާައަށް ކޮރަޕްޝަނުގެ ތުހުމަތުކުރެވި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މައްސަލައެއް ތަހުގީގުކުރި އެވެ. އަދި އެ މައްސަާގައި ދައުވާކުރަން ޕީޖީ އޮފީހަށްވެސް އެއިރު ފޮނުވިއެވެ. 
އެ މައްސަލަ ފެންމަތިވެފައިވަނިކޮށް ރައީސް ޔާމީނުގެ ވެރިކަމުގައި އޭނާ އައްޔަންކުރެއްވީ ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށެވެ. އެ ދައުރު ނިމެންދެން އެ މަގާމުގައި އޭނާ ހުންނެވިއެވެ. 
މި ދައުރުގައި ކޮންސްޓްރަކްޝަން އާއި އިންފްރަސްޓްރަކްޗާ މިނިސްޓްރީ އުފެއްދެވިއިރުއްސުރެ ނަޒީމަކީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ