މަދަނީ ހުކުމްތައް ތަންފީޒުކުރާނެ ގޮތުގެ އޮނިގަނޑަކާއި، ޚާއްސަ އިދާރާއެއް ބޭނުންވޭ: އުއްތަމަ ފަނޑިޔާރު
އުއްމީދަކީ، ރައްޔިތުންގެ އިތުބާރު ލިބި، ޝަރުއީ ދާއިރާ ކުރިއެރުން ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު މިރޭ ވިދާޅުވެއްޖެއެވެ. ޤަޟާއީ އަހަރު އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޣަނީ ވިދާޅުވީ، މަދަނީ އަދުލުގެ ނިޒާމަކީ ވަރަށް ފުޅާ ނިޒާމެއް ކަމަށެވެ. އެގޮތުން، އެ ނިޒާމުގެ ތެރެއިން ކޮންމެ ދުވަހަކު ޝަރުއީ ކޯޓުތަކުން ކުރާ ހުކުމްތަކާއި ނިންމާ ނިންމުތައް ވަރަށް ގިނަ ކަމަށް ޣަނީ ވިދާޅުވިއެވެ. އެ މައްސަލަތަކާ ގުޅިގެން ފަނޑިޔާރުން ކުރާ ހުކުމްތައް، ފަނޑިޔާރުގޭގެ ބޭރުން ނުވަތަ އެތެރެއިން ތަންފީޒުކުރެވޭނެ ހަރުދަނާ ގާނޫނީ މެކޭނިޒަމެއް މިއަދު އިންތިހާއަށް ބޭނުންވެފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. ރިޓަޔާކުރައްވާފައިވާ ފަނޑިޔާރަކާ އުއްތަމަ ފަނޑިޔާރު ސެޓްފިކެޓު ހަވާލުކޮށްދެއްވަނީ --- ފޮޓޯ/ރައީސް އޮފީސް އިތުރަށް ޣަނީ ވިދާޅުވީ، އެފަދަ ހުކުމްތައް ތަންފީޒުކުރާނެ ގޮތް ބަޔާންކުރާ ގާނޫނީ އޮނިގަނޑަކާއި ގާނޫނީ ބާރުވެރިކަމާ އެކީ އެ ކަމަށް ޚާއްސަ އިދާރާއެއް އުފައްދަން މިއަދު ޖެހިފައިވާ ކަމަށެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި، ކޯޓުތަކުން ކުރާ ހުކުމްތަކުން ނަތީޖާ ހާސިލުވާނީ، ހުކުމްތައް އެ އޮތް ގޮތަށް ތަންފީޒުކުރުމުންނެވެ. އޭރުން އިޖުތިމާއީ ހަމަޖެހުން ގާއިމުވެގެންދާނެ. ކޮމާޝަލް ބޭންކުތަކާއި އިންވެސްޓަރުންގެ އިތުބާރު ލިބިގެންދާނެ. އާއިލީ ހަމަނުޖެހުމުގެ ތެރެއިން އަނބިންނާއި ދަރިންގެ އިތުރަށް މުސްކުޅި މައިންބަފައިންނާ މެދު ހިންގޭ ނޭދެވޭ އަމަލުތަކުން އެ ފަރާތްތަކަށް ރައްކާތެރިކަން ލިބިގެންދާނެއުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު އެއީ، ފަނޑިޔާރު ގެއިން ދެކެމުންދާ ވަރަށް އުއްމީދީ ހުވަފެނެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ. އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅު ނިންމަވާލެއްވީ، ޝަރުއީ ދާއިރާއަކީ ރައްޔިތުންގެ އިޙުތިރާމު ލިބިގެން ކުރިއަރާ ދާއިރާއަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެއެވެ. ފާހަގަކުރެވޭ ގޮތުގައި، ޝަރުއީ ދާއިރާގައި ހިނގާ މައްސަލަތައް ލަސްވެ، ދިގުލައިގެންދާ ކަމުގެ ޝަކުވާ އަބަދުވެސް ކުރެއެވެ. އެ މައްސަލަ ހައްލުކުރުމަށް، މި އަހަރު ކޯޓުތަކުގެ ބެކްލޮގު ފިލުވުމުގެ އަމާޒުގައި، އަންނަ އަންގާރަ ދުވަހު ޓާސްކްފޯހެއް އެކުލަވާލާނެކަން ޣަނީ ވަނީ ހާމަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ