ގިނަ ދުވަސްވީ މައްސަލަތައް ނިންމަން އުއްތަމަ ފަނޑިޔާރުގެ ޚާއްސަ ޓާސްކް ފޯސް އެކުލަވާލައްވައިފި
ޝަރުއީ މަރުހަލާގައި ނުނިމި، ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމަން، އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު، ޚާއްސަ ޓާސްކް ފޯހެއް އެކުލަވާލައްވައިފިއެވެ. ކޯޓުތަކުގައި ދުވަސްވެފައި ހުރި މައްސަލަތައް ނިންމަން ޚާއްސަ ޓާސްކްފޯސްއެއް އެކުލަވާލަން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ ނިންމެވީ، ކޯޓުތަކުގެ ބެކްލޮގުގައި ހުރި މައްސަލަތައް ނުނިމި، އަހަރުންއަހަރަށް އިތުރުވާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ. ޓާސްކް ފޯހެއް އެކުލަވާލައްވަން ނިންމެވިކަން އުއްތަމަ ފަނޑިޔާރު އިއުލާން ކުރެއްވީ، ޝަރުއީ އަހަރު ފެށުމުގެ ގޮތުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައެވެ. އެ ޖަލްސާގައި އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ ވަނީ ފަނޑިޔާރުގޭގެ އެންމެ އިސް ވާޖިބަކީ އަވަހަށް މައްސަލަތް ނިންމުން ކަމަށް ވިދާޅުވެފައެވެ. އެ ދުވަހު އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ 13،032 މައްސަލައެއް ކޯޓުތަކައި އެބައޮތެވެ. https://sun.mv/217707 އުއްތަމަ ފަނޑިޔާރު އެކުލަވާލެއްވި ޓާސްކް ފޯހުގައި އެކި މަރުހަލާތަކުގެ ކޯޓުތަކުން ތަމްސީލުވާ ގޮތަށް ނުވަ މެންބަރުން ހިމެނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެކަމަކު އެ ނުވަ މެންބަރުންނަކީ ކޮބައިކަމެއް ހާމައެއް ނުކުރެއެވެ. މައްސަލަތައް ނިންމާ ޓާސްކްފޯސްގެ މަގުސަދަކީ، ނުނިމިހުރި މައްސަލަ ކުރިއަށް ގެންދިއުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އިދާރީ ގޮތުން ހައްލު ހޯދައިދީ މައްސަލަ އަވަހަށް ނިންމަން މަގުފަހިކޮށްދިނުން ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުން ނުވަތަ ވާނުވާ ބަންދުގެ މައްސަލަތައް ދިގުލައިގެން ދިޔުމުގެ މައްސަލަ ވެސް ބޮޑުވެފައިވާއިރު، މި އަހަރު ނިމޭއިރު އެ މައްސަލަ ހައްލުވާނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ އަންދާޒާކޮށްފައެވެ. އޭގެއިތުރުން، މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، ވާނުވާ ބަންދުގައި ތިބި މީހުންގެ ކޯޓު މަރުހަލާތައް އަންނަ މާރިޗު މަސް ނިމުމުގެ ކުރިން ނިމޭނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ