ގިނަ ބޭސްތަކެއް އެއްގޮތަކަށް ވެސް ނުލިބޭ މައްސަލައިގައި އާސަންދައާއި އެސްޓީއޯ، މަޖިލީހަށް ހާޒިރުކުރަން އެދެފި

ރައްޔިތުންނަށް ލިބެން ޖެހޭ ގިނަ ބޭސްތަކެއް އެއްގޮތަކަށް ވެސް ނުލިބޭ މައްސަލަ ބެލުމަށްޓަކައި އާސަންދައާއި، އެސްޓީއޯގެ ކަމާ ބެހޭ ބޭފުޅުން، ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް ހާޒިރުކޮށްދެއްވުމަށް، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް މިއަދު އެދިވަޑައިގެންފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީއެއްގައި މެންބަރު ކުޑޫ ފާހަގަކުރެއްވީ، ވޭތުވެދިޔަ އަހަރުން ފެށިގެން ޑޮކްޓަރުން ބޭސް ސިޓީގައި ހިމަނާ ބޭސް، އަމިއްލަ ފާމަސީތަކުން އާސަންދައިގެ ދަށުން ނުލިބުމުގެ އިތުރުން، އެފަދަ ބޭސް އެސްޓީއޯއިން ގަންނަން ވެސް ނުލިބޭ މައްސަލަ އާއްމުންގެ ފަރާތުން ކެނޑިނޭޅި ލިބެމުންދާ ކަމަށެވެ. އެންމެ ކަންބޮޑުވާ ކަމަކަށް ވަނީ ބައެއް ބާވަތުގެ ބޭސް އެއްގޮތަކަށް ވެސް ރާއްޖެއިން ނުލިބޭ މައްސަލަ ކަމަށާއި، ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަށް ބޭސް ނަގަމުންދާ ފަރާތްތަކަށް ބޭސް ނުލިބުން ކަމަށް ކުޑޫ ވިދާޅުވިއެވެ. ހަމައެއާއެކު ޑޮކްޓަރު ލިޔެދޭ ބޭހުގެ ޑޯޒް ހަމައަށް ނުލިބުމުގެ މައްސަލަ ވެސް މިހާރު އާއްމު ކަމަށް ކުޑޫ ވިދާޅުވިއެވެ. ދާއިމީ ގޮތެއްގައި ބޭސް ކާންޖެހޭ މީހުންގެ ތެރެއިން ހަކުރު ބަލި، ކެންސަރު އަދި ލޭގެ ޕްރެޝާ ފަދަ ބަލިތަކަށް ބޭނުންވާ ބޭހަކީ އެ ލިބޭނެ ގޮތް އަބަދުވެސް ކަށަވަރުވާންޖެހޭ ބޭސްތަކެއް ކަމަށްް ކުޑޫ ވިދާޅުވިއެވެ. އަދި އެފަދަ ބޭސްތައް ނުލިބުމަކީ ވޭތުވެދިޔަ އެއްވެސް ސަރުކާރެއްގައި ހިނގި ކަމެއް ނޫން ކަމަށާއި، މުޅި ދުނިޔެއަށް ދިމާވި ކޮވިޑްގެ އާލަމީ ވަބާގެ ތެރޭގައި ވެސް ބޭސް ލިބުން މިހާ ދަތި ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. ކުޑޫ ވިދާޅުވި ގޮތުގައި އެކި ފަހަރުމަތިން ރައްޔިތުންގެ މަޖިލީހަށް މައްސަލަތައް ހުށަހެޅި، އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދެއްކުމުގެ އިތުރުން އެކަމަށް އެއްވެސް ހައްލެއް ވެސް ގެނެވިފައެއް ނުވެއެވެ. ނަމަވެސް ބޭސް ފަދަ އަސާސީ ޚިދުމަތަކަށް އެފަދަ ލޮޅުންތަކެއް އަރައިގެން މިއުޅެނީ ކީއްވެތޯ މިހާރުން މިހާރަށްވެސް ބަލައި މިކަމަށް އަވަސް ފިޔަވަޅުތަކެއް އެޅިގެން ދިޔުމަކީ އާއްމު ސިއްހަތު ރައްކާތެރިކުރުމަށް ކޮންމެހެން ބޭނުން ކަމެއް ކަމަށެވެ. އެހެންކަމުން އެކަމަށް ހައްލެއް ނުލިބި، އެއްވާމެއްގައި އެކަން ހިނގަމުންދަނީ ކީއްވެތޯ ބެލުމަށްޓަކައި އާސަންދަ އަދި އެސްޓީއޯގެ ކަމާ ބެހޭ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް ކުޑޫ ވަނީ އެދިވަޑައިގެންފައެވެ. ބޭސް ނުލިބޭ ކަމުގެ ކަންބޮޑުވުން އާއްމު ރައްޔިތުން ދަނީ ފާޅުކުރަމުންނެވެ. މިފަހުން ރައީސް ބާއްވަވާ ރައްޔިތުންގެ ބައްދަލުވުންތަކުގައި ވެސް ވަރަށް ގިނައިން އެ މައްސަލަ އާންމުން ފާހަގަކުރެއެވެ. https://sun.mv/214459 ކަން އެހެން އޮއްވައި ސަރުކާރުން ވަނީ "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި، ބޭހަށް ޚާއްސަ ކުންފުންޏެއް ވެސް އުފައްދައިފައެވެ. ބޭހަށް ޚާއްސަ ކުންފުނި އުފެއްދިއިރު، މިހާރު ވެސް ސައްތައިންސައްތަ ސަރުކާރު ކުންފުންޏެއްގެ ގޮތުގައި، އެސްޓީއޯއިން އަންނަނީ ރާއްޖެއަށް ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގެނެސް ވިއްކަމުންނެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެސްޓީއޯގެ ބޭސް ފިހާރަތައް ވެސް ވަނީ ގާއިމްކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ބޭހަށް ޚާއްސަ ކުންފުންޏެއް އުފެއްދިތާ ދެމަސްވިއިރު ވެސް ބޭސް ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވެފައި އޮއްވައި، ރާއްޖެއަކީ ބޭސް އުފައްދާ ތަނަކަށް ހެދިދާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވަނީ މިފަހުން މަޖިލީހުގައި ވެސް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ