މެދުއިރުމަތީގައި މިއަދު ފެށި ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ލޮޅުމެއް އަރާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.
އެމެރިކާއާއި އިޒްރޭލުން އިރާނަށް ދިން ހަމަލާތަކަށް އިރާނުން ރައްދު ހަމަލާ ދޭން ފެށުމުގެ ގަލްފުގެ ގިނަ ގައުމުތަކުން ވަނީ ވައިގެ ސަރަހައްދު ބަންދުކޮށްފަ އެވެ.
ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރާ މައިގަނޑު ދެ ޓްރާންސިޓް ހަބް ކަމުގައިވާ ދުބާއީ އާއި ދޯހާގެ އެއާޕޯޓުތަކުގެ އޮޕަރޭޝަންތައް މިއަދު ހުއްޓާލައިފަ އެވެ. އެހެންވެ، ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އުފުލާ އެމިރޭޓްސް، ގަތަރު އެއާވޭސް އަދި ފްލައި ދުބާއީގެ ހުރިހާ ދަތުރުތައް ވަނީ ކެންސަލްކޮށްފަ އެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ގާތްގަނޑަކަށް 50 ޕަސެންޓު ހިއްސާކުރަނީ މެދުއިރުމަތީގެ މި އެއާލައިންތަކުންނެވެ.
ގަތަރާއި ފްލައި ދުބާއީގެ ރާއްޖޭގެ އެޖެންޓު، އޭސް ޓްރެވަލްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ ގަތަރާއި ޔޫއޭއީގެ ވައިގެ ސަރަހައްދު ބަންދުކުރުމަކީ ރާއްޖޭގެ ޓޫރިޒަމަށް ވަގުތުން އަސަރުކުރާނެ ކަމެއް ކަމަށެވެ.
"ދުވާލަކަށް އެވްރެޖުކޮށް 3000 ޓޫރިސްޓުން މަދުވާނެ. އެއީ ގާތްގަނޑަކަށް 50 ޕަސެންޓު،" ފިރާގު ވިދާޅުވި އެވެ.
ޔޫއޭއީގެ ވައިގަ ސަރަހައްދު ބަންދުކުރުމާ ގުޅިގެން މިރޭ ރާއްޖެ އަންނަން އޮތް އެމިރޭޓުގެ ފްލައިޓު ވަނީ ކެންސަލް ކޮށްފަ އެވެ.
ދެން ހުރި ފްލައިޓްތަކަށް ވެސް އާދެވޭނީ ވައިގެ ސަރަހައްދު ހުޅުވާލުމުންނެވެ.
ގައުމުތަކުން ވައިގެ ސަރަހައްދު ހުޅުވާލާނީ ހަނގުރާމައިގެ ހާލަތު ވަޒަން ކުރުމަށް ފަހު އެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ބޯޑު މެންބަރަކު ވިދާޅުވީ، މިއީ ރާއްޖޭގެ އިގްތިސާދަށް ލިބޭނެ ވަރަށް ބޮޑު ގެެއްލުމެއް ކަމަށެވެ.
ހަމަލާތައް ގިނަ ދުވަސްތަކަކަށް ދެމިގެންދާނަމަ، ފޫބައްދަން ދަތިވާވަރުގެ ބޮޑު ގެއްލުމެެއް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް މި ހަނގުރާމައާ ގުޅޭ ގޮތުން އަޅާ ފިޔަވަޅުތަކެއް ދިވެހި ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.
ހަނގުރާމައިގެ ލޮޅުން ރާއްޖޭގެ ޓޫރިޒަމަށް، ޓޫރިސްޓުންގެ އަދަދު 50 ޕަސެންޓު މަދުވާނެ! ހަނގުރާމައިގެ ލޮޅުން ރާއްޖޭގެ ޓޫރިޒަމަށް، ޓޫރިސްޓުންގެ އަދަދު 50 ޕަސެންޓު މަދުވާނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ