ދިވެހިރާއްޖޭގެ ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށާއި، ފެމިލީ ކޯޓުގެ އިސް ގާޟީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.
ޖޭއެސްސީން ކުރި އިޢުލާނުގައި ވާގޮތުން، ހައި ކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލެވޭނީ މިހާރުވެސް އެ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައި ތިއްބެވި ބޭފުޅުންނަށެވެ. ފެމިލީ ކޯޓުގެ އިސް ގާޟީކަމުގެ މަގާމަށް ކުރިމަތިލެވޭނީވެސް މިހާރު އެ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައި ތިއްބެވި ބޭފުޅުންނަށް އެކަންޏެވެ.
މި ދެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 31 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އެވެ. ޝައުގުވެރިވާ ފަރާތްތަކުން ޖޭއެސްސީގެ "ފަހިރެސް" ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެ ކޮމިޝަނުން ވަނީ އިރުޝާދު ދެއްވާފައެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވެފައިވަނީ، އެ މަގާމުގައި ކުރިން ހުންނެވި އިސް ފަނޑިޔާރު ހުސައިން ޝަހީދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ. މިވަގުތު އެ ކޯޓު ހިންގުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވީ ފަނޑިޔާރު ޢަބްދުﷲ ޖަމީލު މޫސާއެވެ. ފެމިލީ ކޯޓުގެ އިސް ގާޟީގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އިބްރާހިމް މާހިރު ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.
ފެމިލީ ކޯޓުގެ އިސް ގާޟީގެ އަސާސީ މުސާރައަކީ މަހަކު 39,700 ރުފިޔާއެވެ. އެ މަގާމަށް ލިވިންގ އެލަވަންސްގެ ގޮތުގައި 18,000 ރުފިޔާ، ރިސްކް އެލަވަންސްގެ ގޮތުގައި 3,300 ރުފިޔާ އަދި ފޯނު އެލަވަންސްގެ ގޮތުގައި 1,000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން މެޑިކަލް އިންޝުއަރެންސްވެސް ލިބިވަޑައިގަންނަވާނެއެވެ.
ހައި ކޯޓާއި ފެމިލީ ކޯޓަށް އިސް ފަނޑިޔާރުން ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ