އައްޑޫ ޑްރަގް ނެޓްވޯކު "ބޮޑުން"ގެ ބަންދު މުއްދަތު އިތުރުކޮށްފި
އޮޕަރޭޝަން އަލިމަގުގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ހައްޔަރުކުރި ފަސް މީހެއްގެ ބަންދު މުއްދަތު އިތުރުކޮށްފިއެވެ. މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު ފުލުހުން ބުނި ގޮތުގައި އައްޑޫގައި ޑްރަގް ވިޔަފާރީ ހިންގާ ބޮޑުންކަމަށް ތުހުމަތުކޮށް ފަސް މީހަކު ހައްޔަރުކުރިއެވެ. އެ މީހުންނަކީ: އަލީ ނަދީމް (މައިލޯ ނަދަމާ)، ސ. ހިތަދޫ، ކޮންމުލި ހާފިޒު ފައުޒީ، ސ. ހިތަދޫ، ފަލާހް އިބްރާހިމް ސިރާޖު. ސ. ހިތަދޫ، ވެޔޮފެހެބުރުގެ ހަސަން އަލްފާފް. ސ. ހިތަދޫ، ދޮރުފޮތިމާގެ އަމީން މުޙައްމަދު، ސ. ހިތަދޫ، ކެކުރިމާގެ މީގެ އިތުރުން މިދިޔަ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ފުލުހުން ބުނި ގޮތުގައި އިތުރު ފަސް މީހަކު ވެސް ހައްޔަރުކޮށް ޖުމްލަ 10 މީހުން އައްޑޫގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރިއެވެ. ފަހުން ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން އެކަކީ ސ. ހިތަދޫ، ގުލްކަނދުގެ، ޙަސަން ނަޒީފް (36އ)އެވެ. އެ ރޭ ފުލުހުން ބުނި ގޮތުގައި އޭނާ ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ. ބާކީ ހަތަރު މީހުންގެ ތަފްސީލެއް ފުލުހުން ނުދެއެވެ. މިއަދު "ސަން"އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މި މައްސަލައިގައި ފުރަތަމަ ހައްޔަރުކުރި ފަސް މީހުންގެ ތެރޭ ހިމެނޭ ނަދަމާއާއި، ހާފިޒު ފައުޒީއާއި، އިބްރާހިމް ސިރާޖުގެ ބަންދަށް އިއްޔެ 30 ދުވަސް އިތުރުކޮށްފައިވާ ކަމަށެވެ. އަދި ހަސަން އަލްފާފާއި، އަމީން މުޙައްމަދުގެ ބަންދު މުއްދަތު އިތުރުކުރަން މިދިޔަ މަހުގެ 24ގައި ކޯޓަށް ގެންދިއުމުން އެ މީހުންގެ ބަންދަށް ވެސް 30 ދުވަސް އިތުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ނެޓްވޯކްގެ އިސް މީހުންނަށް އަމާޒުކޮށް، މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަނީ ލޯންޑާ ކުރުމުގެ ތަހުގީގެއް ފުލުހުން ފެށީ، މިދިޔަ މާރިޗު މަހުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން އިތުރަށް ބުނީ، މި ނެޓްވޯކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ހޯދިފައިވާ ކަމަށާއި މިދިޔަ ފަސް އަހަރު މި ނެޓްވޯކްގެ އިސް ހަތަރު މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ފައިސާ ދައުރުކޮށްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ