އަނދަމުން ވެއްޓެނިކޮށް މި ފެންނަނީ މީޓެރޮއިޑެއް ނޫން، ދެން ކޯން އެއްޗެއް؟
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯއަކުން، ރާއްޖޭގެ އުޑުމަތިން އަނދަމުންދާ އެއްޗެއް ވަރަށް ބާރަށް ވައިގެ ތެރެއަށް ވެއްޓޭ މަންޒަރު ފެނި، ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓިއްޖެއެވެ. މި މަންޒަރު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ފެނިފައިވާއިރު، ޚާއްޞަކޮށް ދ. އަތޮޅާއި ލ. އަތޮޅުގެ ބައެއް ސަރަހައްދުތަކުން މީހުންނަށް މި މަންޒަރު ވަނީ ވަރަށް ސާފުކޮށް ފެނިފައެވެ. އުޑުމަތިން ފެނުނު މި މަންޒަރާ ގުޅިގެން އާންމުންގެ މެދުގައި ތަފާތު ވާހަކަތައް ދަނީ ފެތުރެމުންނެވެ. ބައެއް މީހުން އެއީ މިސައިލެއް ކަމަށް ބުނަމުންދާއިރު، އަނެއް ބަޔަކު ދެކެނީ އެއީ މީޓެރޮއިޑެއް ނުވަތަ ގިލަފައްޗެއް ކަމަށެވެ. މިކަމާ ގުޅިގެން "ސަން" އިން ސުވާލުކުރުމުން މެޓް އޮފީހުން ބުނީ، އެއީ މޫސުމީ ކަމެއް ނޫން ކަމަށާއި، އަދި އެއީ މީޓެރޮއިޑެއް ކަމަށް ވެސް ނުބެލެވޭ ކަމަށެވެ. މީގެ އިތުރުން، އާންމުކޮށް މިސައިލެއް ދަތުރުކުރާ ގޮތާއި ފެންނަ މަންޒަރުތަކަށް ބަލާއިރު، މިއީ މިސައިލެއް ނޫންކަން ވެސް ވަނީ ކަށަވަރުވެފައެވެ. މިއީ ޖައްވަށް ފޮނުވި ސެޓެލައިޓެއްގެ ބައިތަކަކަށް ވުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެގޮތުން ބިލިއަނަރު ޖެފް ބޭޒޯސްގެ ޖައްވީ ކުންފުނި، ބްލޫ އޮރިޖިންއިން އެ ކުންފުނީގެ 'ނިއު ގްލެން' ރޮކެޓުގެ ބޫސްޓަރެއް އަލުން ބޭނުންކޮށްގެން ސެޓެލައިޓް ފޮނުވުމަށް ފަހު، އެ ބޫސްޓަރު އަނބުރާ ބިމަށް ގެނެސް މިއަދު ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. ނަމަވެސް، އީލޮން މަސްކުގެ ސްޕޭސް އެކްސްއާ ވާދަވެރިކަން ބޮޑު މި މަޝްރޫއުގައި، ރޮކެޓުގައި ފޮނުވި ސެޓެލައިޓް ނުބައި އޯބިޓަކަށް ދޫކޮށްލެވުމުގެ ސަބަބުން އެ ވަނީ ބިމަށް ވެއްޓިފައެވެ. ފްލޮރިޑާގެ ކޭޕް ކެނަވެރަލްއިން 'ނިއު ގްލެން' ރޮކެޓް އުދުއްސާލީ އިއްޔެ ޖީއެމްޓީން ހެނދުނު 11:25 ގައެވެ. އެއީ ރާއްޖެ ގަޑިން އިއްޔެ ހަވީރު 4:25 ގައެވެ. އެހެންކަމުން، ރާއްޖޭގެ އުޑުމަތިން ފެނިގެން މިއުޅެނީ ނުބައި އޯބިޓަށް ދޫކޮށްލެވުމުގެ ސަބަބުން، ދުނިޔޭގެ ޖައްވަށް ވަދެ އަނދަމުންދިޔަ އެ ސެޓެލައިޓްގެ ބައިތަކަކަށް ވެސް ވުމުގެ ފުރުސަތު އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ