ކޮންމެ އަހަރެއްގެވެސް ޙައްޖު މޫސުން ނިމޭއިރަށް ޖެހިގެން އަންނަ އަހަރުގެ ޙައްޖަށް ތައްޔާރުވުމުގެ މަސައްކަތްތައް ސަޢުދީން ފަށައެވެ.
ހިޖުރީގޮތުން ބަލާއިރު، ކޮންމެ އަހަރަކުވެސް ޙައްޖުގެ އަޅުކަމަށް މައްކާ ހުޅުވާލާނީ ޙައްޖު މަހުގެ މަސްދުވަސް ކުރިއަށެވެ. މިއަހަރުގެ ޙައްޖުގެ އަޅުކަމަށް މައްކާ ހުޅުވާލީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެއީ ޒުލްޤައިދާ މަހުގެ 1ވަނަ ދުވަހުއެވެ. މިއަހަރުގެ ޙައްޖު މަސް ފެށޭނީ މީލާދީގޮތުން މޭ މަހުގެ 18ވަނަ ދުވަހުއެވެ.
މިއަހަރު އެންމެ ފުރަތަމަ މައްކާއަށް ގޮސްފައިވާ ޤައުމުތަކުގެ ތެރޭގައި ތުރުކީ، ޕާކިސްތާން، މެލޭޝިއާ، ބަންގްލަދޭޝް އަދި އިންޑިއާއިން ދަތުރުކުރާ ޙައްޖުވެރިން ހިމެނެއެވެ. މަދީނާ އަދި ޖިއްދާ އެއަރޕޯޓުން، ޙާޖީން ދަނީ އަޅުކަމަށް އެތެރެވަމުންނެވެ. ސަޢުދީން ދަނީ ޙާޖީންނަށް ހޫނު މަރުޙަބާއެއް ކިޔަމުންނެވެ.
އަޅުކަމަށް ދަތުކުރާ ޙައްޖުވެރިންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް އެއާޕޯޓާއި ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިންވެސްވަނީ ހަމަޖައްސާފައެވެ.
ޚާއްސަކޮށް، 2017ވަނަ އަހަރު ތަޢާރަފުކުރި "މައްކާ ރޫޓު" އިނިޝިއޭޓިވްއަކީ ދަތުރުވެރިން އެއާޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު އެތައް ގުނައެއް ކުޑަކޮށްދިން އިންތިޒާމެކެވެ. 10 ޤައުމަކުން މި ޚިދުމަތުގައި ބައިވެރިވެފައިވާއިރު، މީގެތެރޭގައި ދިވެހިރާއްޖެ ހިމެނުނީ މިދިޔަ އަހަރުއެވެ. މައްކާ ރޫޓްގެ ދަށުން، އީ-ވިސާއާއި ބައޯމެޓްރިކްސް ނެގުމާއި އިމިގްރޭޝަންގެ ކަންކަން، އެމީހަކު ފުރާ ޤައުމަކުން ނިންމައެވެ. އަދި ސަޢުދީއަށް ދަތުރުކޮށް އެއާޕޯޓްގައި މަޑުކުރަން ނުޖެހި، އަމިއްލައަށް ލަގެޖުވެސް ނަގަން ނުޖެހި، 3 މިނެޓެއްހާއިރުތެރޭ އެއާޕޯޓުން ނިކުތުމުގެ ފުރުޞަތު ލިބެއެވެ.
ދަތުރުމަތީގެ ހޭދަވާ އެތައް ގަޑިއިރެއް ސަލާމަތްވެއެވެ. މިއީ ދަތުރުވެރިންނަށް ލިބިގެންދާ ވަރަށް ބޮޑު ލުއިފަސޭހައެކެވެ. މައްކާ ރޫޓްގައި އަލަށް ގުޅުނީ ސެނެގާލް އަދި ބްރޫނާއީއެވެ. މައްކާ ރޫޓްގެ ދަށުން މި ވޭތުވެ ދިޔަ އަހަރުތަކުގެތެރޭގައި 1.2 މިލިޔަނަށްވުރެ ގިނަ ޙާޖީންނަށް ޚިދުމަތް ފޯރުކޮށްދީފައިވެއެވެ.
ވޭތުވެދިޔަ އަހަރުތަކުގައިވެސް ޙައްޖުގެ އަޅުކަމަށް ޤައުމުތަކުން 2މިލިޔަނާ ގާތްކުރާ ޢަދަދަކަށް މީހުން އެ މާތް ބިމަށް ގޮސްފައިވެއެވެ.
ޙައްޖުގެ އިންތިޒާމުތައް އެތައް ގުނައަކުން ވަރުގަދަކޮށްފައިވާއިރު، މިހާރު ކޮންމެ ޙައްޖުވެރިއަކަށްވެސް ޙައްޖުގެ މަނާސިކުތަކުގައި އުޅެވޭނީ ސަޢުދީގެ ޙައްޖު އެންޑް ޢުމްރާ މިނިސްޓްރީގެ ރަސްމީ ހުއްދަ، "ނުސުކް ކާޑް" އަޅައިގެންނެވެ. ކާޑާއި ނުލައި އެ ސަރަޙައްދުތަކަކަށް ނުވަދެވޭނެއެވެ.
މިއަހަރުގެ ޙައްޖު މަހުގެ 1ވަނަ ދުވަސް ދިމާވަނީ މެއި މަހުގެ 18ވަނަ ދުވަހަށެވެ. އަރާފާތު ދުވަހަކީ މީލާދީގޮތުން މެއި މަހުގެ 26ވަނަ ދުވަހެވެ. މިއަހަރުވެސް 2 މިލިޔަނާ ގާތްކުރާ ޢަދަދަކަށް ޙައްޖުގެ އަޅުކަމަށް ސަޢުދީއަށް މީހުން ދާނެކަމަށް ބެލެވެއެވެ.
ރާއްޖެއިން ޙައްޖަށް ފުރާ މީހުންގެ ފުރަތަމަ ފްލައިޓް އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ.
ސަޢުދީން ޙައްޖު ކޯޓާ ނިޒާމުގެ ދަށުން ޙައްޖަށް ހުއްދަ ދޭން ފެށީ 1987ވަނަ އަހަރުން ފެށިގެންނެވެ. އެއީ ކޮންމެ 1،000،000 (1 މިލިޔަން) މުސްލިމުންގެ އާބާދީއަކަށް 1000 ޙައްޖު ކޯޓާއެވެ. ރާއްޖެއަށްވެސް ކޯޓާ ލިބެނީ މި އުސޫލުންނެވެ.
ޙައްޖުގެވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި އިންތިޒާމުތައްވެސް އަހަރުން އަހަރަށް ވަނީ ވަރަށް ބޮޑަށް ހަރުދަނާކޮށްފައެވެ.
ޙައްޖަށް މައްކާ ހުޅުވާލައިފި؛ ބައެއް ޤައުމުތަކުން ދަތުރު ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ