އިންޑިއާގެ ދިއްލީ ހައިކޯޓުގެ ފާޑުކިޔުން ބަތަލާ ރިޗާއަށް
ފްލައިޓެއްގެ ތެރޭގައި ހިނގި ހާދިސާއަކާ ގުޅިގެން، ކަށަވަރު ނުވާ ތުހުމަތުތަކެއް ފެތުރުމުގައި ބައިވެރިވުމުގެ މައްސަލައެއްގައި އިންޑިއާގެ ނިއު ދިއްލީގެ ހައި ކޯޓުގެ ފާޑުކިޔުން ބޮލީވުޑްގެ ބަތަލާ ރިޗާ ޗައްދާއަށް ރައްދުވެއްޖެއެވެ. މި ހާދިސާއަކީ ދިއްލީން މުމްބާއީއަށް ދަތުރުކުރި ފްލައިޓެއްގެ ތެރޭގައި ޖިންސީ ގޯނާކުރި ކަމަށް ބުނާ މީހަކާ ދެކޮޅަށް ކުރެވުނު، ކަށަވަރުނުވާ ތުހުމަތުތަކެކެވެ. ކޯޓުން ފާހަގަކުރި ގޮތުގައި، އެ ތުހުމަތުތައް އަލުން ޕޯސްޓްކޮށް އެއީ އެ މީހަކު މަޝްހޫރުކޮށް ދިނުމަށް ކުރި ކަމެއް ކަމަށް ބުނުމަކީ، މީހުންގެ އަބުރު ކިލަނބުކުރުމަށާއި އަމިއްލައަށް އިންސާފު ގާއިމުކުރަން އުޅޭ އުސޫލުން ކުރެވުނު ކަމެކެވެ. މި މައްސަލައަކީ މިދިޔަ މަހުގެތެރޭ ހިނގި ހާދިސާއަކާ ގުޅޭ މައްސަލައެކެވެ. ނޫސްވެރިއަކު ވަނީ ފްލައިޓްގެ ތެރޭގައި އޭނާގެ ކައިރީގައިއިން ފަސިންޖަރަކު ބަދުއަހުލާގީ އަމަލެއް ހިންގި ކަމަށް ބުނެ ތުހުމަތުކޮށްފައެވެ. ފްލައިޓް ޖެއްސިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި، އެ ނޫސްވެރިޔާ ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް'ގައި އެ މީހާގެ ވަނަވަރާއި ފޮޓޯ އަދި ވަޒީފާގެ ތަފުސީލު ހާމަކޮށް ތުހުމަތުތައް އާންމުކޮށްފައެވެ. މި ތުހުމަތުތައް މީސްމީޑިއާގައި ވަރަށް އަވަހަށް ފެތުރި، އެކި މީޑިއާތަކުން ވެސް މި ޚަބަރު ގެނެސްދިނެވެ. ރިޗާ ފިރިމީހާ އަދި އެކްޓަރު އަލީ ފަޒަލްއާ އެކު-- ފޮޓޯ/ ޕީޕިންގްމޫން މި ތުހުމަތުތައް އަލުން ޕޯސްޓްކުރި މީހުންގެ ތެރޭގައި ރިޗާ ޗައްޑާ ހިމެނޭއިރު ތުހުމަތު ރައްދުވާ ފަރާތުން ވަނީ ރިޗާއާ ދެކޮޅަށް އަބުރުގެ ދައުވާގެ މައްސަލަ ކޯޓަށް ހުށަހަޅާފައެވެ. ތުހުމަތު ރައްދުވާ މީހާ ވަނީ އެ ހުރިހާ ތުހުމަތެއް ދޮގުކޮށް، އޭނާ މުޅި ދަތުރުގައި އިނީ ގޮނޑީގައި ކަމަށާއި، ބޯޓު ޖެއްސުމުގެ ކުޑަވަގުތުކޮޅެއް ކުރިން އޮތީ ނިދާފައި ކަމަށް ބުނެފައެވެ. މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި ރިޗާ ޗައްޑާ އެ ތުހުމަތުތަކަށް ތާއީދުކޮށް ވާހަކަދެއްކުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އިންތަކުން ބޭރުވެފައިވާ ކަމެއް ކަމަށް ކޯޓުގެ ފަނޑިޔާރުން ވަނީ ސިފަކުރައްވާފައެވެ. އަދި ހިތްވަރުދޭ ފަދަ އިބާރާތްތަކާއެކު އެ ތުހުމަތުތައް ފެތުރުމަކީ އާންމުންގެ ކުރިމަތީގައި މީހަކު ލަދުގަންނުވާލުމަށާއި، ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ނުހައްގުން އަމިއްލައަށް މީހަކަށް އަދަބު ދިނުމަށް ބާރުލިބުނު ކަމެއް ކަމަށް ކޯޓުން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، މަޝްހޫރު ފަރާތްތަކުން ބޮޑެތި ތުހުމަތުތައް ފެތުރުމަށް އެމީހުންގެ ޕްލެޓްފޯމްތައް ބޭނުން ކުރުމުގެ ކުރިން، އެކަމުގެ ހަގީގަތް ބެލުމުގެ ގާނޫނީ އަދި އަޚުލާގީ ޒިންމާއެއް އެމީހުން އުފުލަންޖެހޭނެކަން ވެސް ފަނޑިޔާރު ފާހަގަކުރެއްވިއެވެ. ކޯޓުގެ އިތުރު އޮބްޒަވޭޝަނެއްގައި ބުނެފައި ވަނީ، ކަށަވަރުނުވާ ތުހުމަތުތަކަށް ތާއީދުކޮށް ވާހަކަދެއްކުމުގެ ސަބަބުން، އޭގެ ބަދަލު ނުހޯދޭނެ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ކޯޓަށް ފެންނަ ކަމަށެވެ. މި މައްސަލައާ ގުޅިގެން ރިޗާ ވަނީ ބަތަލާ އެކްސްގައި ކުރި ޕޯސްޓު ނަގާފައެވެ. މިފަދަ މައްސަލަތަކަކީ އޮންލައިން ޕްލެޓްފޯމްތަކުގައި ބަހުސްކުރެވޭ މައްސަލަތަކަކަށް ހެދުމުގެ ކުރިން ކަމާބެހޭ އިދާރާތަކަށް އެކަން އޮންނަ އުސޫލުން މައްސަލަ ރަސްމީކޮށް ރިޕޯޓުކޮށްގެން ކުރިއަަށްގެންދަންޖެހޭ މައްސަލަތަކެއް ކަމަށް ދިއްލީ ހައި ކޯޓުން ވަނީ ފާހަގަކޮށްފައެވެ. ޝަކުވާ ހުށަހެޅުމުގެ ހައްގު އޮތް ނަމަވެސް، ތަހުގީގެއް ކުރުމުގެ ކުރިން ތުހުމަތު ކުރެވޭ މީހާގެ ވަނަވަރާއި ފޮޓޯ އާންމުކުރުމަކީ، އިންސާފުވެރި ޝަރީއަތެއް ލިބުމަށާއި ކަރާމާތާއެކު ދިރިއުޅުމަށް ދައުވާކުރާ ފަރާތަށް ލިބިދޭ އަސާސީ ހައްގަށް އަރައިގަތުން ކަމަށް ކޯޓުން ވަނީ ބުނެފައެވެ. މި ކަންކަމަށް ރިއާޔަތްކޮށް، ކޯޓުން ވަނީ އަބުރު ކިލާނބުވާ ފަދަ ކޮންޓެންޓްތައް ނެގުމަށް އަމުރުކޮށް، އަދި ކުރިއަށް އޮތް އަޑުއެހުމާ ހަމައަށް މިފަދަ ތުހުމަތުތައް ފެތުރުން ދައުވާ ލިބޭ ފަރާތްތަކަށް މަނާކޮށްފައެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ ފިރިހެން މީހާ ވަނީ މިކަމުގެ ސަބަބުން އޭނާގެ އަބުރަށް އިއާދަ ނުކުރެވޭ ކަހަލަ ބޮޑު ގެއްލުމެއް ލިބިފައި ވާތީ 2.01 ކްރޯޑް ރުޕީސްގެ ބަދަލު ހޯދަން ކޯޓުގައި ދައުވާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ