އައްޑޫގައި ޕެޓްރޯލް ލީޓަރެއްގެ އަގު 29 ރުފިޔާއަށް، ސަރުކާރުން އިތުރަށް ވިސްނުމަށް ނިޒާރު އެދިވަޑައިގެންފި
އައްޑޫ ސިޓީގައި ޕެޓްރޯލް ލީޓަރެއްގެ އަގު 29 ރުފިޔާއަށް ބޮޑުކޮށްފިއެވެ. މެދުއިރުމަތީގައި މިހާރު ކުރަމުން އަންނަ ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުގެ މުހިންމު ކަނޑުއޮޅިއެއް ކަމަށްވާ ހޮރުމުޒު ކަނޑުއޮޅި ވަނީ ބަންދުކޮށްފައެވެ. އެ ކަނޑުއޮޅިއަކީ، ބޮޑު އިންސައްތައެއްގެ ތެޔޮ އާންމުކޮށް އުފުލާ މަގެއް ކަމަށްވާއިރު، އެ ކަމާ ގުޅިގެން ދުނިޔޭގެ ތެލުގެ އަގު ވަނީ 40 އިންސައްތައަށްވުރެ ބޮޑަށް އުފުލިފައެވެ. ތެލުގެ އަގު އެންމެ ބޮޑުވި ދިހަ ގައުމުގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ. މި މަހުގެ ފަސް ވަނަ ދުވަހު، ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ސަބްސިޑަރީއެއްކަމަށްވާ، އެފްއެސްއެމުން ވިއްކާ ތެލުގެ އަގު ވަނީ 18 އިންސައްތަ އާއި 26 އިންސައްތައާ ދެމެދުގެ މިންވަރަކަށް ބޮޑުކޮށްފައެވެ. އެއީ ކުރިން 13.50 ރުފިޔާއަށް ވިއްކަމުން ދިޔަ ޕެޓްރޯލް ލީޓަރުގެ އަގު 16.01 ރުފިޔާއަށް އަދި، 13.92 ރުފިޔާއަށް ލިބޭ ޑީސަލް ލީޓަރުގެ އަގު 17.54 ރުފިޔާއަށެވެ. https://sun.mv/219250 މާލެއަށް ފަހު އެންމެ ގިނަ ބަޔަކު ދިރިއުޅޭ އައްޑޫގައި ވެސް ވަނީ ތެލުގެ އަގު ބޮޑުކޮށްފައެވެ. މިގޮތުން، އެ ސިޓީގައި މިހާރު ފެޓްރޯލް ލީޓަރެއް ލިބެނީ 29.26 ރުފިޔާއަށް ކަމަށްވާއިރު، ޑީސަލް ލީޓަރެއް ވިއްކަނީ، 30.13 ރުފިޔާއަށެވެ. އެ ސިޓީގެ މީދޫގައި ޑީސަލް ލީޓަރެއް ވިއްކަނީ 31 ރުފިޔާއަށެވެ. މި ކަމާ ގުޅިގެން އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، އެއީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރި ނިސްބަތަށް ބަލާއިރު މާ ބޮޑު އަގުތަކެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މިހާރު ތެލުގެ އަގު ހުރި މިންވަރަށް ގަލްފުގެ ހަނގުރާމައިގެ ދުވަސްވަރުގައި ވެސް ތެލުގެ އަގު ބޮޑުކޮށްފައެއް ނުވެއެވެ. އެހެންވެ، ތެލުގެ އަގު ބޮޑުކުރުމުގައި ސަރުކާރުން އިތުރަށް ވިސްނުން މުހިންމު ކަމަށް ނިޒާރު ގަބޫލުކުރައްވައެވެ. މީގެއިތުރުން، އިސްރާފުކުޑަކޮށް، ޚަރަދުތައް ކުރުމުގައި ސަމާލުވުމަށް ހުރިހާ ރައްޔިތުންނަށް ނިޒާރު ވަނީ އިލްތިމާސްކުރައްވާފައެވެ. https://sun.mv/219083 ނިޒާރު އެފަދައިން ވިދާޅުވިއިރު، ރާއްޖޭގައި ވެސް ތެލުގެ އަގު ވަރަށް ބޮޑަށް އުފުލުމާ ގުޅިގެން އެކަން ހައްލުކުރުމަށް، ސަބްސިޑީގެ އިތުރަށް އެސްޓީއޯއަށް ލިބޭނެކަމަށް ލަފާކުރާ ފައިދާ ޚަރަދުކޮށްގެން ތެލުގެ އަގު ހިފަހައްޓަން ސަރުކާރުން ވަނީ ނިންމާފައެވެ. ހަނގުރާމަ ކުރިއަށްދާނަމަ، ރާއްޖެއަށް ކުރާ އިގުތިސާދީ އަސަރު ވަރަށް ބޮޑުވާނެ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ، ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ވިދާޅުވެ، ތެޔޮ ރައްކާކުރުމުގެ ގޮތުން އެކި ގަޑީގައި ކަރަންޓު ކަނޑައި އެއްގަމު އުޅަނދު ދުއްވުން މަދުކުރުން ފަދަ ފިޔަވަޅުތައް އަޅަން ގޮވާލައްވައިފައެވެ. https://sun.mv/219197 ހަނގުރާމަ ފެށުނުތާ ހަތަރު ދުވަސްފަހުން، މި މަހުގެ ތިން ވަނަ ދުވަހު އިކޮނޮމިކް މިނިސްޓަރު އަހުމަދު ސައީދު ވަނީ އެ ހަނގުރާމައާ ގުޅިގެން ރާއްޖެ ތެލާއި ގޭހަށް ނުޖެހޭނެ ކަމަށާއި މެދުކެނޑުމެއްނެތި ރާއްޖެއަށް ކާޑު ވެސް ލިބޭނެ ކަމަށް ވިދާޅުވެފައެވެ. ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ މާކެޓުތަކަށް ބުރޫ އަރާފައިވާ މި ދަނޑިވަޅުގައި ރާއްޖެއަށް ތެޔޮ ހޯދުމަށް އިންޑިއާގެ އެހީއަށް ސަރުކާރުން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ