ބީއެމްއެލްއިން ހުޅުމާލެ ފޭސް 1ގައި 182 ފްލެޓު އަޅަން ފަށައިފި

ހުޅުމާލޭ ފޭސް އެކެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީޒިން އިން އަޅާ އަގުހެޔޮ 182 ފްލެޓްގެ އަމަލީ މަސައްކަތް ފެށުމަށް ބިންގާ އެޅުމުގެ ހަފުލާ މިރޭ ބާއްވައިފި އެވެ.
ވީ ކިހިނެއް؟ - މާލެ ސަރަހައްދުގައި ޖުމުލަ 3،260 ފްލެޓް ބީއެމްއެލުން އަޅާއިރު މިރޭ ބިންގާ އެޅީ، އެފްޑަބްލިއު ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން އަޅާ 182 ފްލެޓުގެ މަޝްރޫއު އެވެ.
ޖުމްލަ ތިން ކޮޓަރި ހުންނަ އެ ފްލެޓުތަކުގެ ބޮޑުމިނަކީ 900 އަކަފޫޓެވެ.
މިއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އެކުލަވައިލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންް ސްކީމް (އައިއެންއޭއެޗް) ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލްކުރުމަށް ހިންގާ މަޝްރޫއެކެވެ.
މިރޭގެ ހަފްލާގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް އިފްތިތާހުކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތޮލިބު އެވެ.
ބުނީ ކީކޭ؟ - އެ ހަފްލާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ގައުމީ ބޭންކެއްގެ އެންމެ އިސް މަސްއޫލިއްޔަތަކީ ހަމައެކަނި މާލީ ފައިދާ ހޯދުން ނޫން ކަމަށާއި އޭގެ ބަދަލުގައި ގައުމުގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ބޭނުންވާ މުހިންމު މަޝްރޫއުތަކަށް އިންވެސްޓުކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަކީ ގައުމީ ބޭންކެއްގެ އެންމެ މުހިންމު ދައުރު ކަމަށެވެ.
ޝަރީފް ވިދާޅުވީ މުހިންމު މައްސަލައެއް ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ގައުމީ ބޭންކުން ކުރާ މި އިންވެސްޓްމަންޓަކީ ރާއްޖޭގެ މުސްތަގްބަލަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ބީއެމްއެލްއިން މި ހިންގާ މަޝްރޫއަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މި ކުރެވޭ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް،" އޭނާ ވިދާޅުވި އެވެ.
ތަފްސީލު - އެތައް އަހަރުތަކެއް ވަންދެން މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމަށް އޮތް ޑިމާންޑު ބޮޑުވަމުންދިޔައިރު، ޝަރީފް ވިދާޅުވީ މާލޭގައި އާބާދީ އިތުރުވަމުންދިޔަ މިންވަރާއި ޑިމާންޑު އިތުރުވަމުންދިޔަ މިންވަރާ އަޅާބަލާއިރު ބޯހިޔާވަހިކަމުގެ ފުރުސަތުތައް ތަނަވަސްވީ ނިސްބަތުން ވަރަށް މަދު މިންވަރަކަށް ކަމަށެވެ.
ޝަރީފް ވިދާޅުވީ އޭގެ ސަބަބުން އެތައް އާއިލާތަކަކަށް މާލީ އަދި އިޖުތިމާއީ ގޮތުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި ކަމަށެވެ. އެހެންކަމުން ސަރުކާރުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ، އޭނާ ވިދާޅުވި ގޮތުގައި ޑިމާންޑާއި ސަޕްލައިއާ ދެމެދު އޮތް ފަރަގު ކުޑަކުރުމެވެ.
"ސަރުކާރުގެ އިރުޝާދާ އެކު އަޅުގަނޑުމެން ފަށާފައި މި ވާ މަޝްރޫއަކީ ބީއެމްއެލްއިން ގައުމީ ބޭންކުގެ ގޮތުގައި ގައުމީ ތަރައްގީގައި އަދާކުރާ މުހިންމު ދައުރު ރަމްޒުކޮށްދޭ އެންމެ އަލިގަދަ އެއް ހެކި،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްއާ ހަވާލުކޮށްފައިވާ އެ މަސައްކަތް ދެކެނީ އެމްއެމްއޭގެ އުސޫލަކަށް އަމަލުކުރުން އެކަނި ނޫން ކަމަށާއި. އެއަށް ވުރެ ބޮޑަށް ގައުމީ ޒިންމާއެއް ގޮތުގައި ކަމަށް ޝަރީފް ވިދާޅުވި އެވެޒ
މީގެ ކުރިން ހުޅުމާލެ ފޭސް ދޭއްގައި ޗައިނާގެ ސީއެމްއީސީއާ ހަވާލުކުރި 1،224 ފްލެޓު އަޅާ މަޝްރޫއާ އެއްގޮތަށް، މި މަޝްރޫއު ވެސް ނިންމަނީ 2028ގެ މެދެއްހާ ހިސާބަށެވެ. ޝަރީފް ވިދާޅުވީ ތާވަލާ އެއްގޮތަށް މަސައްކަތް ނިންމާނެކަމުގެ ޔަގީންކަން އެފްޑަބްލިއު ކޮންސްޓްރަކްޝަނުން ދީފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ