މިދިޔަ ހަފުތާގެ ތެރޭގައި ސްކޭމްގެ މައްސަލަތަކުގައި އާންމުންގެ އަތުން ގެއްލުނު 3 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން 2 ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައިފި އެވެ.
ވީ ކިހިނެއް؟ - އެންޓި-ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ 29 އިން މި މަހުގެ 4އާ ދެމެދު 42 ސްކޭމްގެ މައްސަލަ އެ ސެންޓަރަށް ވަނީ ހުށަހެޅިފަ އެވެ. އެ މައްސަލަތަކުގައި ގެއްލުނު ފައިސާ ޖުމްލަ އަދަދަކީ 322،270ރ. އެވެ.
ތަފްސީލު - ފުލުހުން ބުނީ އެންޓި-ސްކޭމް ސެންޓަރުން ކުރި މަސައްކަތުންނާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން 227،828ރ. ހޯދިފައިވާ ކަމަށެވެ. އެއީ ގެއްލުނު ފައިސާގެ ގާތްގަނޑަކަށް %70 އެވެ.
ފުލުހުން ބުނި ގޮތުގައި:
މިދިޔަ ހަފްތާގައި އެންމެ ގިނައީ އޮންލައިން ވިޔަފާރީގެ ތެރެއިން ހިންގާފައިވާ ސްކޭމްތައް؛ އެފަދަ 30 މައްސަލަ ހުށަހަޅާފައިވޭ
އޭގެ ތެރޭގައި އޮޅުވާލައިގެން މުދާ ވިއްކާކަމަށް ދައްކައިގެންނާއި ސައްހަ ނޫން މައުލޫމާތު ހިއްސާކޮށްގެން ހިންގާފައިވާ ސްކޭމްތައް ހިމެނޭ
އޭގެ އިތުރުން ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި 4 ސްކޭމާއި މީހުންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ 4 މައްސަލައެއް ވެސް ހުށަހަޅާފައިވޭ
އެހެނިހެން ސްކޭމްގެ 4 މައްސަލައިގެ ގޮތުގައި އަލަށް އުފެދެމުންދާ ތަފާތު އުކުޅުތައް ބޭނުންކޮށްގެން ހިންގި ސްކޭމްތައް ހިމެނޭ
ފުލުހުން ބުނީ ފިޝިން، ވިޝިން ނުވަތަ ވަޒީފާގެ ފުރުސަތުތައް ދައްކައިގެން ހިންގާ ސްކޭމްތަކުގެ މައްސަލައެއް މިދިޔަ ހަފްތާގައި ރިޕޯޓުކޮށްފައިނުވާ ކަމަށާއި އެއީ އެފަދަ ސްކޭމްތަކަށް އާންމުން ހޭލުންތެރިވެފައިވާ މިންވަރު ދައްކުވައިދޭ ހެޔޮ ބަދަލެއް ކަމަށެވެ.
ބުނީ ކީކޭ؟ - އެންޓި-ސްކޭމް ސެންޓަރުގެ ހެޑް އިންސްޕެކްޓަރު އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ ސްކޭމްތަކުން ސަލާމަތްވުމަށް އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ ހޭލުންތެރިވުން ކަމަށެވެ.
"[ސްކޭމްތަކުން ރައްކާތެރިވުމަށް] އެންމެ މުހިންމު އެއް ކަމަކީ، ސައްހަކަން ކަށަވަރުނުވާ އޮންލައިން މުއާމަލާތްތަކާ ދުރުހެލިވުން. އަދި ކުއްލި ގޮތަކަށް ފައިސާ ފޮނުވުމަށް އެދި ކުރާ މެސެޖުތަކާއި ކޯލްތަކަށް ސަމާލުވެ އިތުރު އެހެން ގޮތަކުން އެ މީހާގެ އައިޑެންޓިޓީ ކަށަވަރު ކުރަންވާނެ. ހާއްސަކޮށް [ވާހަކަ ދައްކާ މީހާ ނޫން] އެހެން މީހެއްގެ އެކައުންޓަށް ފައިސާ ފޮނުވަން އެދޭ ނަމަ،" އޭނާ ވިދާޅުވި އެވެ.
"އޭގެ އިތުރުން، އެސްއެމްއެސް ނުވަތަ އެކި މެސެޖިން އެޕްލިކޭޝަންތައް މެދުވެރިކޮށް ފޮނުވާ ނޭނގޭ ލިންކުތަކަށް ނުފިއްތުމަކީ ވެސް ކުރެވިދާނެ ކަމެއް."
ފައިސާގެ މުއާމަލާތެއް ކުރުމުގެ ތެރެއިން ނުވަތަ މުއާމަލާތެއް ކުރުމަށް ފަހު ނަމަވެސް، ޝައްކުކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިއްޖެ ނަމަ، ލަސްނުކޮށް އެކަން ރިޕޯޓްކުރަން ފުލުހުން ވަނީ އެދިފަ އެވެ.
އަވަހަށް ރިޕޯޓްކުރުމަކީ، ފުލުހުން ބުނި ގޮތުގައި، އިތުރު ބަޔަކު މިފަދަ ސްކޭމްތަކުގެ ޝިކާރައަކަށްވުން ހުއްޓުވުމަށާއި ގެއްލޭ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމެކެވެ.
އެންޓި-ސްކޭމް ސެންޓަރަށް މައްސަލަ ރިޕޯޓުކުރަން:
125އަށް ގުޅުމަށް ފަހު 2020 އެކްސްޓެންޝަން
911އަށް ގުޅައިގެން ވެސް ރިޕޯޓުކުރެވޭނެ
މިދިޔަ ހަފްތާގައި ސްކޭމްތަކުން ގެއްލުނު ފައިސާގެ %70 ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ