ހަވަޓްޒްގެ ލަނޑުން އާސެނަލް މޮޅުވެއްޖެ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ސްޕޯޓިން އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން އާސެނަލް ކާމިޔާބުކޮށްފި އެވެ.
ޕޯޗުގަލްގެ ސްޕޯޓިންގެ ދަނޑުގައި ފަންސާސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މި މެޗުގެ ފުރަތަމަ ހާފުގައި ސްޕޯޓިންގ އަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.
އެގޮތުން ސްޕޯޓިންގެ މެކްސީ އަރައުހޯ ފޮނުވާލި ނުރައްކާތެރި ހަމަލައެއް އާސެނަލްގެ ގޯލުގެ ހުރަސް ދަނޑީގައި ވަނީ ޖެހިފަ އެވެ.
އާސެނަލް އިން މި މެޗަށް ނިކުތްއިރު މި ސީޒަނުގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ދެ މެޗުން ބަލިވެފައިވާއިރު އެ ޓީމަށް އޮތް ޕްރެޝަރ ވަނީ ބޮޑުވެފަ އެވެ.
މެޗުގެ ދެވަނަ ހާފުގައި އާސެނަލްގެ ނޮނީ މަޑުއެކޭ ފޮނުވާލި ހަމަލައެއް ސްޕޯޓިންގެ ގޯލުގެ ދަނޑީގައި ޖެހިފައިވާއިރު މާޓިން ޒުބިމެންޑީ ދެވަނަ ހާފުގައި ގޯލެއް ޖެހި ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑު ލަނޑެއް ކަމަށް ނިންމާފަ އެވެ.
މި މެޗުގެ ދެވަނަ ހާފުގައި އާސެނަލްގެ ކޯޗު މިކޭލް އާޓޭޓާ ވަނީ ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ކައި ހަވަޓްޒް އާއި ގެބްރިއެލް މާޓިނޭލީގެ އިތުރުން ޑައުންމެން ވަނީ މާޓިން އޮޑެގާޑް އާއި ޓްރޮސާޑްގެ އިތުރުން ނޮނީ މަޑުއެކޭގެ ބަދަލުގައި ކުޅެން އަރުވާފަ އެވެ.
އާސެނަލް އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ކުޅުމުގެ ފުރަތަމަ މިނިޓުގައި ގެބްރިއެލް މާޓިނޭލީ ދިން ޕާހަކުން ކައި ހަވަޓްޒް ކާމިޔާބުކޮށްދިން ލަނޑެކެވެ.
ކުއާޓަރ ފައިނަލުގެ ދެވަނަ ލެގުގައި މި ދެ ޓީމު ބައްދަލުކުރާ މެޗު އޮންނާނީ އަންނަ ހަފްތާގައި ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ