އިސްރާއީލުން ޑޮކްޓާސް ވިތްއަޓް ބޯޑާސް ޣައްޒާގައި ހަރަކާތްތެރިވުން މަނާކޮށްފި
ޣައްޒާގައި ސިއްޙީ ހިދުމަތް ދިނުމަށް ހަރަކާތްތެރިވާ ޖަމިއްޔާ، ޑޮކްޓާސް ވިތައުޓް ބޯޑާސް (އެމްއެސްއެފް) ގެ ހަރަކާތްތައް ޣައްޒާގައި ހިންގުން އިސްރާއީލުން މަނާކޮށްފިއެވެ. އަދި މި މަހުގެ 28 ގެ ކުރިން އެ ޖަމިއްޔާ ޣައްޒާއިން ފޭބުމަށް ވަނީ އަމުރުކޮށްފައެވެ. ޣައްޒާ އާއި ހިފާފައިވާ ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާތައް ބަލަހައްޓާ އިސްރާއީލުގެ މިނިސްޓްރީ އޮފް ޑައިސްޕޯރާ އެފެއާޒުން ބުނީ އެ ނިންމުން ނިންމީ އެ ޖަމިއްޔާގެ މުވައްޒަފުންގެ ލިސްޓް ހުށަހެޅުމަށް ދެކޮޅު ހެދުމުންނެވެ. އިސްރާއީލުގެ މާރިވް ނޫހުން އެ މިނިސްޓްރީގެ ބަޔާނާ ހަވާލާދީ ބުނީ އެމްއެސްއެފް އިން ދެކޮޅު ހަދާފައި ވަނީ މި ސަރަހައްދުގައި ހަރަކާތްތެރިވާ ހުރިހާ އިންސާނީ އެހީތެރިކަމުގެ ޖަމިއްޔާތަކަށް ވެސް އަމަލުކުރާ ޝަރުތެއް ކަމަށްވާ މުވައްޒަފުންގެ ލިސްޓްތައް ހުށަހެޅުމަށް ކަމަށެވެ. އެ މައްސަލައާ ގުޅިގެން އެމްއެސްއެފް އިން ބުނީ ފަލަސްތީނާއި ބައިނަލްއަގްވާމީ މުވައްޒަފުންގެ ލިސްޓް އިސްރާއީލާ ހިއްސާ ނުކުރާނެ ކަމަށާއި ސަބަަބަކީ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި އޮޕަރޭޝަންތައް މިނިވަންކަމާއެކު ބެލެހެއްޓުމަށް ޔަގީންކަން ހޯދުމަށް ކަމަށެވެ. ޣައްޒާ ހަނގުރާމައިގައި ޒަޚަްވި މީހަކު އެމްއެސްއެފް އިން ހިންގާ ކަލިނިކެއް ކައިރީ މަޑުކޮށްގެން. ފޮޓޯ/ރޮއިޓާސް އެމްއެސްއެފް އަކީ ޣައްޒާގައި ހަރަކާތްތެރިވާ އިންސާނީ އެހީ ފޯރުކޮށްދޭ އެންމެ ބޮޑު އެއް ޖަމިއްޔާއެވެ. އެ ޖަމިއްޔާގެ ހަރަކާތްތައް ހުއްޓާލުމުން އެ ސަރަހައްދުގައި ސިއްޚީ ހިދުމަތް ދިނުން ވަރަށް ބޮޑަށް ދަތިވާނެއެވެ. އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ހަނގުރާމައިގައި ފަލަސްތީނުގެ ގާތްގަނޑަކަށް 71،800 މީހުން ޝަހީދުވެ، 171،400 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އުމްރާނީ ވަސީލަތްތަކުގެ ގާތްގަނޑަކަށް 90 ޕަސެންޓް ހަލާކުވެފައިވާއިރު، އެ ސަރަހައްދު އަލުން އާރާސްތު ކުރުމަށް ގާތްގަނޑަކަށް 70 ބިލިއަން ޑޮލަރަށް ހޭދަވާނެ ކަަމަށް އދ ން ލަފާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ