ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކެބިނެޓު އެކުލަވާލެއްވި ގޮތާ ގުޅޭ ގޮތުން އެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ރޭ ފާޑުވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މާރިޔާ މިގޮތަށް ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަ ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޓީމުން ރޭ ގަލޮޅު ކަންމަތީގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
ޗެއާޕާސަންގެ ރޭހުގައި ސޯލިހްގެ ތާއީދު އޮތީ، ނަޝީދާ ވާދަ ކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހްމަދު ނަސީމް އަށެވެ.
ތަފްސީލު - ނަޝީދު ފަޅީގައި ހުންނެވި މާރިޔާ ރޭ ވަނީ ސޯލިހް މަގާމުތަކަށް އައްޔަން ކުރެއްވި ބައެއް ބޭފުޅުންނާ ގުޅޭ ގޮތުން ޕާޓީގެ މެންބަރުންގެ މެދުގައި ހިތްހަމަނުޖެހުން އޮތް ކަމަށް ވިދާޅުވެ، ވާހަކަ ދައްކަވާފަ އެވެ. މާރިޔާ ވިދާޅުވީ:
އެމްޑީޕީއަކީ އެންމެ ބޮޑު ސިޔާސީ ޕާޓީއަށްވާއިރު، ޕާޓީ ވެރިކަމަށް ގެނައުމަށް އެންމެ ބޮޑު މަސައްކަތެއް ވެސް ކުރަނީ ޕާޓީގެ އާންމު މެންބަރުން ކަމަށް
އެމްޑީޕީގެ މެންބަރުން ހިތާއި ރޫހުން އެ މަސައްކަތްކޮށް، ޕާޓީގެ ކެންޑިޑޭޓަށް ވޯޓުލަނީ އެއްވެސް އެޗެއް ބޭނުން ވެގެން ނޫން ކަމަށް
"އެކަމަކު އެމްޑީޕީގެ ސަރުކާރެއް އައިމާ މި ފެންނަނީ އަދާލަތު [ޕާޓީގެ] ބޭފުޅެއްގެ ހުއްދަ އޮވެގެން ނޫނީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލު ވެސް ނުކޮށްލެވޭ،" ސޯލިހްގެ ސަރުކާރުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފަކަށް ހުންނެވި އާދަލަތު ޕާޓީގެ އަލީ ޒާހިރަށް އިޝާރާތް ކުރައްވައި މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ދެން ފާޑުވިދާޅުވީ ސޯލިހް ކެބިނެޓު އެކުލަވާލެއްވި ގޮތަށެވެ.
"މިއީ އަޅުގަނޑުމެން ހިތާމަ ކުރަން ޖެހޭ ކަމެއް. އެމްޑީޕީގެ މީހުން އެންމެ ހިތްހަމަނުޖެހެނީ [އެމްޑީޕީގެ ސަރުކާރުގައި] އެހެން ޕާޓީގެ މީހުން ގަދަކަމުން. ދެންމެ އިއްސެ ވެސް [މާރިޔާގެ ކުރިން ވާހަކަ ދެއްކެވި މާލެ ސިޓީ ކައުންސިލްގެ އިންތިހާބީ ކައުންސިލަރު އިސްމާއިލް ހަލީމް) ވިދާޅުވެއްޖެ، އެއް ބޭފުޅެއްގެ އަނބިކަނބަލުންނަށް މިނިސްޓަރުކަން [ދެއްވިއިރު] ހަމައެކަނި ކޮލިފިކޭޝަންއަކީ ބޮޑު ވިޔަފާރިވެރިއެއްގެ އަތްނބަކަށް ވީކަން،" ސޯލިހް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާއަށް ޓްރާންސްޕޯޓް މިނިސްޓަރުކަން ދެއްވި ނިންމެވުމަށް އިޝާރާތް ކުރައްވައި މާރިޔާ ވިދާޅުވި އެވެ.
"ދެން ފެނިގެން ދިޔައީ އެ އޮތް ބޮޑު ހޯމް މިނިސްޓްރީ އަނެއްކާވެސް ބޭފުޅަކާ ހަވާލުކޮށްގެން ތިބީ. އެހެންވީމަ އެމްޑީޕީ މީހާ ވަރަށް ހިތުގައިޖެހޭ އެކަމާ،" އެ މަގާމް އަދާކުރެއްވި އަދާލަތު ޕާޓީގެ އޭރުގެ ރައީސް ޝެއިހް އިމްރާން އަބްދުﷲއާ ބެހޭގޮތުން މާރިޔާ ވިދާޅުވި އެވެ.
އެއާއެކު މާރިޔާ ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ނަޝީދު ވެރިކަން ކުރެއްވިއިރު އެމަނިކުފާނު އިސް ކުރެއްވީ "އެމްޑީޕީ މީހާ" ކަމަށެވެ. އަދި، އުނދަގޫ ނިންމުމެއް ނަމަވެސް، ނަޝީދު ކޯލިޝަން ރޫޅާލެއްވީ އެމްޑީޕީ މީހާއަށް އިސްކަން ދިނުމުގެ ގޮތުން "ސަރުކާރު ވެއްޓިގެން ދިޔަސް ހެޔޮ ކަމަށް" ބަލައިގެން ކަމަށް މާރިޔާ ވިދާޅުވި އެވެ.
"އާދެ ވަރަށް ހިތިކޮށް ދިމާވީ ވެސް [ކޯލިޝަން ރޫޅާލުމުން]. އެއީ މިހާރު އެ [މީކާއިލްގެ] ޓީމުގައި ތިއްބެވި ބޭފުޅުން އިސްވެ ތިއްބަވައިގެން އެމްޑީޕީގެ 2008ގެ ސަރުކާރު ވައްޓާލެއްވީ،" އޭރު މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނެވި މާރިޔާ ވިދާޅުވި އެވެ.
ނަޝީދުގެ ސަރުކާރު "ވައްޓާލި" މީހުން މީކައިލްގެ ކެމްޕެއިންގައި ތިބި ކަމަށް މާރިޔާ ވިދާޅުވި ނަމަވެސް އެއީ ކޮން ބައެއް ކަމެއް ވިދާޅެއްނުވެ އެވެ. ތަކުރާރު ވިދާޅުވީ، އެ ސަރުކާރު "ވަރަށް އަނިޔާވެރިކޮށް ވައްޓާލުމުގައި ހިއްސާ އެންމެ ބޮޑަށް އޮތް ބޭފުޅުން ތިއްބެވީ އެ ޓީމުގައި" ކަމަށެވެ.
"މިހާރު އެ ދަނީ ޕާޓީ ޖަހައިގަންނަމުން. ބައްލަވާ އަޅުގަނޑުމެންގެ ވެރިކަން ޖަހައިގަތް. މިހާރު އެ ދަނީ ޕާޓީ ޖަހައިގަންނަން،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ތުހުމަތު ކުރެއްވި ގޮތުގައި ޕާޓީ ޖަހައިގަންނަން އުޅެނީ މީކާއިލް ޗެއާޕާސަންކަމުގެ މަގާމަށް އިންތިހާބުކޮށްގެންނެވެ. އަދި މީކާއިލްއަކީ "ކުޑަކުޑަ ކުއްޖެއް"ގެ ގޮތުގައި މާރިޔާ ސިފަ ކުރެއްވި އެވެ.
"ކުޑަކުޑަ ކުއްޖެއް ބައިންދައިގެން އެކަން ކުރުމަށްޓަކައި މަސައްކަތްކުރަމުން ދަނީ،" އޭނާ ވިދާޅުވި އެވެ.
މާރިޔާ ދެން ވިދާޅުވީ މީކާއިލް އެމްޑީޕީއާ ވަކިވެވަޑައިގެންނެވި ނަމަވެސް އޭނާގެ ފަހަތުން ދާނެ މީހަކު ނެތް ކަމަށެވެ.
ސޯލިހް ކެބިނެޓް އެކުލަވާލެއްވީ ޕާޓީ މީހާ އިސްނުކޮށް ކަމަށް ވިދާޅުވެ ކުރީގެ މިނިސްޓަރު މާރިޔާގެ ފާޑުކިޔުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ