ގޭންގް ކްރައިމް އެންފޯސްމަންޓްގެ އޮޕްރޭޝަންތައް: 18 ނުވާ 331 ކުދިންނާއި ސުވާލުކޮށްފައިވޭ!

ގޭންގް ކުށްތަކާއި ދެކޮޅަށް ކުރިޔަށް ގެންދާ އޮޕަރޭޝަންތަކުގައި އުމުރުން 18 އަހަރު ނުފުރޭ 331 ކުއްޖަކު ހުއްޓުވައި ސުވާލުކޮށްފައިވާނެކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ ޖެނުއަރީ މަހު އެކަކުން ފެށިގެން އޮގަސްޓު މަހުގެ 31 އަށް ގޭންގް ކްރައިމް އެންފޯސްމަންޓުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ގޭންގު މައްސަލަތަކާ ގުޅިގެން އެ މުއްދަތުގައި 12،253 މީހަކާ ވަނީ  ސުވާލުކޮށްފައިވެއެވެ.
އޭގެ ތެރޭގައި 18 އަހަރު ފުރިފައިވާ މީހުންގެ އަދަދު 2،583 އަށް އަރައެވެ. 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ހުއްޓުވައި ސުވާލުކުރެވުނު ވަކިވަކި ކުދިންގެ އަދަދަކީ 331 އެވެ. މި އަދަދަކީ ތަކުރާރުވުމެއް ނެތި، ހަމައެކަނި ވަކިވަކި ކުދިންގެ އަދަދު އެވެ.
ގޭންގު ކުށްތަކާ ގުޅިގެން ފާއިތުވި 8 މަސް ދުވަސް ތެރޭ 87،775 ސަރަހައްދުތައް ބަލައިފާސްކޮށް، 67 މީހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި، އެ ފަދަ ކުށްތަކާ ގުޅޭ 37 ގްރެފިޓީއެއް ވެސް ވަނީ ފުހެލައިފައެވެ. 67 މީހުން ވަނީ ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން 30 މީހުން މިހާރު ދޫކޮށްލާފައިވާއިރު، 22 މީހަކު އަދިވެސް ތިބީ ފުލުހުންގެ ހައްޔަރުގައެވެ. އަދި، ބާކީ 15 މީހުން ތިބީ ރިމާންޑް ޖަލުގައި ކަމަށް ފުލުހުން ވަނީ މައުލޫމާތު ދެއްވައިފައެވެ.
ގޭންގު ކުށްތަކާ ގުޅިގެން މިދިޔަ 8 މަހު ފުލުހުންގެ ޚިދުމަތަށް ހުށަހެޅީ މައްސަލައިގެ އަދަދަކީ 22 އެވެ. އަދި 8 މައްސަލައެއްގެ ތަހުޤީގު ނިންމައި، ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް (ޕީޖީ)އަށް ފޮނުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ