އެމްޑީޕީއިން އުޅުނީ ބޯހިޔާވަހިކަމުގެ ހުވަފެން ދައްކައިގެން ދެވަނަ ދައުރެއް ކާމިޔާބުކުރަން: މެމްބަރު ރިޔާޒް

އެމްޑީޕީއިން މަސައްކަތްކުރީ މާލެ ސަރަަހައްދުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ހުވަފެން ދައްކައިގެން ދެވެނަަ ދައުރެއް ކަށަވަރުކުރުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަހުމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ޕީއެންސީގެ ޕީޖީ ގުރޫޕުން ތައާރަފްކުރުމަށް ނިންމާފައިވާ ބިމުގެ ގާނޫނާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މެމްބަރު ރިޔާޒްވަނީ އެމްޑީޕީގެ ވެރިކަމުގެ ދައުރުގައި ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ ނަމުގައި ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާފައެވެ./
އޭނާ ވިދާޅުވީ، ގޯތިތައް ދީފައި ހުރީ ނުހިއްކާ ތިބި ސަރަހައްދުތަކުންކަމަށެވެ. އެހެންކަމުން އެމްޑީޕީއިން މަސައްކަތް ކުރަމުންދިޔައީ ރައްޔިތުންނަށް ހުވަފެންތަކެއް ދައްކައިގެން ދެވަނަ ދައުރެއް ކާމިޔާބުކުރުމަށްކަމަށެވެ. ރިޔާޒް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ބޭނުން ޖެހިފައިވާކަމާއި ލިބެންޖެހޭ ކަންވެސް ގަބޫލުކުރައްވާކަމަށެވެ. އަދި އުމުރުން 56 އަހަރު ވެފައިވާއިރު އަދި އަމިއްލަ ނަންމަތީގައި ބޯހިޔާވަހިކަމެއް ނެތްކަމަށް ފާހަގަކުރެއްވިއެވެ.
އެހެންކަމުން ރާއްޖޭގައި އެ އުމުރު ފުރައިގެ ގިނަ ރައްޔިތުން ތިބޭނީ އެއްފަދަ ހާލަތެއްގައިކަމަށް ދެކިވަޑައިގަންނަވާކަމަށާއި އަމިއްލައަށްވެސް ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާއިރު، އެމްޑީޕީއިން ހުށައެޅި އިސްލާހު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލާނީ އެއަށްވުރެ ރަނގަޅު މަގެއް ކޮށައިދިނުމުގެ މަގުސަދުގައިކަމަށް ހާމަކުރެއްވިއެވެ.
ރިޔާޒް ވިދާޅުވީ، ރަނގަޅު ސިޔާސަތެއްގެ ދަށުން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެކަމަށާއި އެއީއެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދެއްކަމަށްވެސް ވިދާޅުވިއެވެ. އަދި އެ ޔަގީންކަން ރައްޔިތުންނަށް އަރުއްވާކަމަށްވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ