އިންޑިޔާއިން އެންމެ ކުރީގައި އުޅެނީ ”އަނޫޕާމާ“

އިންޑިޔާގެ ޓީވީ ޗެނަލްތައް ބަލާ މީހުން އެންމެ އިންތިޒާރު ކުރަނީ ކޮންމެ ހަފުތާއަކުވެސް ބާރކް (ބްރޯޑްކާސްޓް އޯޑިއެންސް ރިސާޗް ކައުންސިލް އިންޑިޔާ) އިން ނެރޭ އެންމެ މަޤުބޫލު ޓީވީ ޝޯވތަކުގެ ލިސްޓަށެވެ. މިހާރު މިވަނީ މިހިނގާ 2021 ވަނަ އަހަރުގެ 7 ވަނަ ހަފުތާގެ ލިސްޓު ނެރެފައެވެ. ފާހަގަކޮށްލެވޭ ކަމަކީ މިދިޔަ ހަފުތާއާއި މި ހަފުތާގެ ލިސްޓުގެ ތަރުތީބުގައި އެއްވެސް ތަފާތެއް ނެތްކަމެވެ.
1. އަނޫޕާމާ
މި ހަފުތާގެ ލިސްޓުގެ އެއްވަނައިގައިވެސް އޮތީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މި ލިސްޓުގެ އެއްވަނަ މަޤާމު ދަމަހައްޓަމުން އަންނަ ”އަނޫޕާމާ“ އެވެ.
ރުޕާލީ ގާންގޫލީ ޓައިޓްލް ރޯލުން ފެނިގެންދާ މި ޑްރާމާ ސިލްސިލާގެ މުހިންމު ރޯލުތަކުން ފެންނަ އިތުރު ތަރިންނަކީ ސުދާންޝޫ ޕާންޑޭ، މަދަލްސާ ޝަރްމާ، ޕާރަސް ކަލްނަވަތު އަދި ތަސްނީމް ޝެއިޚްއެވެ.
އަނޫޕާމާއަށް ލިސްޓުގެ އެއްވަނަ ލިބިފައިވަނީ 3.7 މިލިއަން ވިއުސްއާއި އެކުގައެވެ.
2. އިމްލީ
3 މިލިއަން ވިއުސްއާއިއެކު ލިސްޓުގެ ދެވަނައިގައި އޮތީ ”އިމްލީ“ އެވެ. މިއީ ސީރީޒް ފެށީއްސުރެ ލިސްޓުގެ ގަދަ ފަހަކުން ޖާގަ ހޯދަމުން އަންނަ ސީރީޒެކެވެ.
ސުމްބުލް ތައުޤީރް، ގަޝްމީރް މަހާޖާނީ އަދި މަޔޫރީ ދޭޝްމުކް މައިގަނޑު ރޯލުތައް ކުޅޭ މި ސީރީޒަކީ ސްޓާ ޖަލްޝާއިން 2011 ގައި ދެއްކި ބެންގާލީ ސީރީޒް ”އިޝްތީ ކުތުމް“ގެ ރީމޭކެކެވެ.
3. ގުމް ހެ ކިސީ ކޭ ޕިޔާރް މޭ
ނީލް ބަޓްއާއި އަޔޭޝާ ސިންގ އަދި އައިޝްވާރިޔާ ޝަރްމާ ލީޑް ރޯލު ކުޅޭ ”ގުމް ހެ ކިސީ ކޭ ޕިޔާރް މޭ“ އަށް ލިބިފައިވަނީ ލިސްޓުގެ 3 ވަނައެވެ. މިއީ މި ލިސްޓުގެ ތިންވަނައިގައި މި ސީރީޒް ހިމެނުނުތާ ހަވަނަ ހަފުތާއެވެ.
އައިޕީއެސް އޮފިސަރެއްގެ ލޯބީގެ ވާހަކަ ކިޔައިދޭ މި ސީރީޒްއަށް ލިބިފައިވަނީ 2.9 މިލިއަން ވިއުސްއެވެ. މިއީ ސްޓާ ޖަލްޝާއިން 2016 ވަނަ އަހަރު ދެއްކި ބެންގާލީ ސީރީޒް ”ކުސުމް ޑޯލާ“ގެ ރީމޭކެކެވެ.
4. ކުންޑަލީ ބާގްޔާ
2.7 މިލިއަން ވިއުސްއާއެކު ލިސްޓުގެ 4 ވަނައިގައި ”ކުންޑަލީ ބާގްޔާ“ އޮތްއިރު މިއީ މި ފަހަކަށް އައިސް އެންމެ ގިނަ ދުވަހު މި ލިސްޓުގެ ގަދަ ފަހެއްގައި ހިފަހައްޓާލެވުނު އެއް ސީރީޒެވެ.
ދީރަޖް ދޫޕަރްއާއި ޝާރްދާ އާރްޔާ ލީޑް ރޯލުން ފެނިގެންދާ މި ސީރީޒަކީ ޒީ ޓީވީއިން ދައްކާ ސީރީޒެކެވެ.
5. ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ
މިދިޔަ ހަފުތާގައި ލިސްޓުގެ 5 ވަނައިގައި އޮތް ”އިންޑިއަން އައިޑޯލް 12“ ފަހަށް ޖައްސާލުމަށްފަހު ”ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ“ މިވަނީ އަނެއްކާވެސް ލިސްޓުގެ ގަދަ ފަހަކުން ޖާގަ ހޯދާފައެވެ.
މި ޝޯވގެ ޓީއާރްޕީ ވަރަށް ބޮޑަށް ދަށްވެފައިވަނިކޮށް ނައިރާ މަރާލައި އޭނައާއި ވައްތަރު ސީރަތު އައުމާއެކު އަނެއްކާވެސް މިވަނީ ޝޯވގެ ޓީއާރްޕީ މައްޗަށް ދާން ފަށާފައެވެ. މިހާރު އެންމެ ގިނަ މީހުން އުފައްދާ ސުވާލަކީ އާންމުކޮށް ހިންދީ ސީރީޒްތަކުގައި ވާގޮތަށް އާޚިރުގައި ސީރަތު ނައިރާއަށް ނުވާނެތޯއެވެ.
މި ހަފުތާގައި މި ސީރީޒަށް ލިބިފައިވަނީ 2.6 މިލިއަން ވިއުސްއެވެ.
މަޤުބޫލު ޝޯވތަކުގެ ތެރެއިން ”އިންޑިއަން އައިޑޯލް 12″، ”ކުމްކުމް ބާގްޔާ“ އަދި ”ތާރަކް މެހެތާ ކާ އުލްޓާ ޗަޝްމާ“ އަށް ވަނީ ގަދަ ފަހަކުން ޖާގަ ލިބޭގޮތް ނުވެފައެވެ. އަދި ”ކުމްކުމް ބާގްޔާ“ ފިޔަވައި މި ލިސްޓުގައި ހިމެނޭ ހުރިހާ ޝޯވއަކީވެސް ސްޓާ ޕްލަސްގެ ޝޯވތައްކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ