ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގައި ޖާގައެއް ނެތް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިހެން ވިދާޅުވެފައިމިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް އަންނަ އަހަރު ދިޔުން މުހިއްމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.
އެކަމާ ގުޅިގެން މައުމޫން މިއަދު ވިދާޅުވީ ރާއްޖޭގެ ޙާލަތާ އެންމެ ގުޅޭ އަދި ރާއްޖެއަށް އެންމެ ފައިދާ ހުރި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށެވެ.
"ދިވެހި ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ނިންމާފައިވަނީ ވެސް ހަމަ ރިޔާސީ ނިޒާމު. ވީމާ ބަރުލަމާނީ ނިޒާމަކަށް ރާއްޖެއަކު ޖާގައެއް ނެތް. ވަރަށްސާފު" މައުމޫން ވިދާޅުވިއެވެ.
ރޭ ކުރިއަށްދިޔަ "އާސްކު ސްޕީކާ" ޕްރޮގްރާމްގައި ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ހިންގުން އެންމެ ރަނގަޅު ވާނީ ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ކަމަށާއި އެގޮތުން އެ ބަދަލު ގެނައުމަށް 2022 ވަނަ އަހަރުގެ ތެރޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގުން އެއީ މުހިއްމު ކަމެއް ކަމަށެވެ.
އަދި ބޮޑުވަޒީރާއި، ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ތާ އަބަދަށް މަޖިލީހަށް ޖަވާބުދާރިވުމުން ރައްޔިތުންނަށް ލިބޭ ފައިދާ ބޮޑުވާނެ ކަމަށާއި އެގޮތުން ތަރައްގީގެ ދުވެލި ވެސް މާ ބާރަށް ކުރިއަށްދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން އެ ބަދަލު ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް އެ ބަދަލު ގާނޫނު އަސާސީ އަށް ގެނެވޭނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އެ ބަދަލު ގެނައުމަށް ޕީޕީއެމް ވެސް ތާއީދުކުރައްވާނެ. އެ ބޭފުޅުންނަކީ ބަރުލަމާނީ ނިޒާމަކަށް ބީރައްޓެހި ބައެއް ނޫން. އަދި ހާއްސަކޮށް ރައީސް ޔާމީން މީގެކުރީގައި ހުރީ ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވާފައި. އަދި ފަހުން ތާއީދެއް ނުކުރައްވާ ވާހަކައެއް ވިދާޅުވެފައެއް ނުވޭ" ނަޝީދު ވިދާޅުވިއެވެ.
އެގޮތުން އެމްޑީޕީ އާއި ޕީޕީއެމް ގުޅިގެން ގާނޫނު އަސާސީ އަށް މި ބަދަލު ގެނެވޭނެ ކަމަށާއި ބޮޑުވަޒީރުކަށް ވެވަޑައިގަންނަވާނީ ކޮން ބޭފުޅެއްކަން ނިންމާނީ ރައްޔިތުންގެ މަޖިލީހުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން އެ ނިންމުން ނިންމާއިރު އެމަނިކުފާނުގެ ނަން ވެސް ބޮޑުވަޒީރަކަށް ވާން ބޭނުންވާ މީހުންގެ ތެރޭގައި ހިމެނުމަށް އެދިވަޑައިގަންނަވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގައި ޖާގައެއް ނެތް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ