ދައުލަތުން ހިފަހައްޓަނީ ޔާމީން ސަލާމަތްވާނެ ލިޔުންތައް: ވަކީލުން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅޭ މަނީ ލޯންޑަރިންގެ ދައުވާ އިން ސަލާމަތްވާނެ ލިޔުންތައް ދައުލަތުން ނުދީ ހިފަހައްޓާފައިވާ ކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.
ޔާމީންގެ ވަކީލުންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ އިންސާފުވެރި ޝަރީއަތެއް ޔާމީނަށް ނުލިބޭނެކަމަށް ގަބޫލުކުރެވޭ އެއް ކަމަކީ ދައުލަތުން ކޮށްފައިވާ ދައުވާތަކުން ބަރީއަވުމަށްޓަކައި ބޭނުންވާ ލިޔުންތައް ދައުލަތުން ނުދޭ މައްސަލަ ކަމަށެވެ. އެ ނުކުތާ މީގެ ކުރިން ޝަރީއަތުގައި ވެސް ފާހަގަކުރައްވާފައިވާ ކަމަށާއި ނަމަވެސް އެ ލިޔުންތައް އަދިވެސް ނުދީ ހިފަހައްޓާފައިވާ ކަމަށް ޖަމީލް ވިދާޅުވި އެވެ.
"ޖިނާއީ އިޖުރާތުގެ ގާނޫނުގެ 129 ވަނަ މާއްދާ އާއި 135 ވަނަ މާއްދާގައި ކަނޑައެޅިގެން މުތުލަގުކޮށް ބަޔާންކޮށްފައިވޭ ދިފާއުއަށް ފައިދާއަކަށް ވެދާނެ ކޮންމެ ލިޔެކިޔުމަކީ އެއީ ދިފާއުއަށް ދޭންޖެހޭ ލިޔެކިޔުމެއް،" ޖަމީލު ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވި ގޮތުގައި ދައުލަތުން ހިފަހައްޓާފައިވާ ލިޔެކިޔުންތަކުގައި، ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދާ ފުއްގިރި މައްސަލާގައި މުޅި ތުހުމަތުން ބަރީއަވާނެކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް އެބަހުއްޓެވެ. ނަމަވެސް އެ ލިޔުންތައް ނުލިބޭތީ އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މި އުޅެނީ އެމްއެމްޕީއާރްސީ މައްސަލާގައި އޭސީސީން ހިންގި ތަހުގީގު ރިޕޯޓާއި މިނިސްޓްރީ އޮފް ޓޫރިޒަމާއި އެމްއެމްޕީއާރްސީއާ ދެމެދު ހިނގާފައި ހުރި ލިޔެކިޔުންތަކުގެ ތެރޭގައި ރައީސް [ކުށުން] ބަރީއަވާނެ ގޮތަށް ހުރި އެއްވެސް ލިޔެކިޔުމެއް އަޅުގަނޑުމެންނަށް ނުލިބިގެން މި އުޅެނީ،" ޖަމީލު ވިދާޅުވި އެވެ.
ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވީ "ޔާމީން މިނިވަންކުރުމަށް" ބޭނުންވަނީ އެމްއެމްޕީއާރްސީ މައްސަލާގައި އޭސީސީން ހިންގި ތަހުގީގާ ގުޅޭ 700 ސަފުހާގެ ރިޕޯޓް ކަމަށެވެ. އަދި އެ ރިޕޯޓުގައި ހިިމަނާފައިވާ ބަޔާންތަކުން ޔާމީން އެއްވެސް ކުށެއް ނުކުރާކަން ވަރަށް ސާފުކޮށް އެނގެން އޮންނަ ކަމަށް ޝަމީމް ވިދާޅުވި އެވެ.
"އެ ރިޕޯޓުގައި އޮވޭ ހިމަނާފައި ބައިވަރު ޑޮކިއުމަންޓަތަަަކާއި ބަޔާންތައް. އޭސީސީގެ ތަހުގީގުގައި ބަޔާން ނެގި އެންމެހާ ފަރާތްތަކުގެ ބަޔާންތައް. ހާއްސަކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި އަމިއްލައަށް އިއުތިރާފްވި އަބްދުﷲ ޒިޔާތުގެ ބަޔާންތައް ވެސް އެބަހުރި،" ޝަމީމް ވިދާޅުވި އެވެ. "އޭސީސީ ތަހުގީގުގައި ފުއްގިރި މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ތުހުމަތެއް ކޮށްފައެއް ނެތް. އޭރުގައި ނުކުރާ ތުހުމަތުތަކެއް ކުއްލިއަކަށް މަންފާތަކެއް ލިބިގެން ވާހަކަތައް ބަދަލުވެފަ މިއޮތީ،"
ބައެއް ލިޔުންތައް ނުލިބޭ ކަމަށް ބުނާތީ، މައްސަލަ ކުރިއަށް ދާއިރު ހާމަކުރަންޖެހޭ ލިޔުންތައް ހާމަކުރަން އަންގަވާނެ ކަމަށް ޝަރީއަތުގައި ގާޒީ ވިދާޅުވެފައިވެ އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި މިހާރު ވެސް ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީންގެ މައްޗަށް އުފުލާފައި ވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅޭ މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތުގެ ދައުވާ އެކެވެ. އެ ދައުވާގައި ބުނަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި، ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށް، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ (ކްރިކް ރިޒާ) މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ