"ހަވީރު" ގެ މައްސަލަ ދެން ބަލާނީ ސުޕްރީމް ކޯޓުން

ނެރުން ހުއްޓާލާފައި "ހަވީރު" ނޫހާ ގުޅޭގޮތުން ހައިކޯޓުން ނިންމާފައިވާ އެއްވެސް ނިންމުމަކާއި ގުޅިގެން އިތުރު އެއްވެސް މައްސަލައެއް ސިވިލްކޯޓާއި ހައިކޯޓުން ވެސް ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.
ސިވިލް ކޯޓަށް 2016 ވަނަ އަހަރު "ހަވީރު" ގެ މިލްކުވެރިކަމާ ގުޅޭ ގޮތުން އިބްރާހިމް ރަޝީދު މޫސާ އާއި ފާރޫގް ހަސަން އަދި މުހައްމަދު ނައީމް ވަނީ މައްސަލައެއް ހުށަހަޅާފަ އެވެ. ހަވީރު ނޫސް ބަންދުކުރީ އެ މައްސަލާގައި ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރާ ގުޅިގެންނެވެ.
އެ މައްސަލާގައި އެދުނީ އެ ނޫހުގެ އާމްދަނީން އެ ތިން ބޭފުޅުންނަށް ލިބެންޖެހިވަޑައިގަންނަވާ ބައި ހޯދުމަށާއި ނޫސް ހިންގުމުގައި ބައިވެރިވެވަޑައިގެންނެވޭ އިންތިޒާމެއް ހަމަޖެއްސައި ދިނުމަށެވެ.
ނަމަވެސް އޭރު ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް ހުކުމް ކުރެއްވީ ދައުވާގައި ނޭދޭ ގިނަ ކަންތައްތަކެއް ވެސް ހިމެނުމަށްފަހު އެވެ. އެގޮތުން ހަވީރުގެ އެއްވެސް މުވައްޒަފަކަށް ދެ އަހަރުވަން ދެން އެހެން ނޫހެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ހިމަނައި ހުކުމްކުރި އެވެ. އަދި އެ މުވައްޒަފުން އެހެން ނޫހެއްގެ ވަޒީފާއަށް ހިނގައްޖެ ނަމަ ފިޔަވަޅު އަޅަން ދައުލަތުގެ މައްޗަށް އަމުރު ވެސް ކުރި އެވެ.
އަދި ހަވީރު އޮންލައިންގެ ވެބްސައިޓާއި އާކައިވް "ހަވީރު ނިއުސް އެޖެންސީ" ވެސް ހިއްސާދާރުން ބޭނުންވާ ގޮތަށް ބަދަލު ކުރުމަށް ވެސް ހުކުމްކުރި އެވެ. އެ ހުކުމް ހަވީރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސެއިން ހައިކޯޓުގައި އިސްތިއުނާފު ކުރެއްވި އެވެ.
އިސްތިއުނާފު ކުރެއްވުމުން ހައިކޯޓުން އެ މައްސަލަ ބެލުމަށް ފަހު ކުރި ހުކުމްގައި ވަނީ ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ ދައުވާގައިވާ ކަންކަމުގެ މައްޗަށް ނޫން ކަމަށް ކަނޑައަޅައި އެ މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓުގެ މައްޗަށް ތަހުވީލްކޮށްފަ އެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ ސިވިލްކޯޓުގައި ހިނގަމުންދާ މައްސަލަ ނުބެލުމަށް ޒާހިރު އެދިވަޑައިގެންފައިވާތީ އޭނާ ހުށަހަޅުއްވާފައިވާ ކަންތައްތައް ބެލުމަށްފަހު ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލައަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރުކުރާ ކަމަށެވެ.
މީގެއިތުރުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރެވިފައިވާ މައްސަލައާއި ގުޅޭ އިތުރު އެއްވެސް މައްލައެއް ބަލައި ނުގަތުމަށާއި ފިޔަވަޅެއް ނޭޅުމަށް ވެސް ދެ ކޯޓަށް ވަނީ އަންގާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ