ފައިސާ ދެއްކުމުގެ ނިޒާމު ހަރުދަނާ ކުރުމަށް އެމްއެމްއޭ އިން ޕޭމެންޓް ސިސްޓަމެއް ތަރައްގީ ކުރަނީ
ރާއްޖޭގައި ފައިސާ ދެއްކުމުގެ ނިޒާމު ހަރުދަނާ ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ޚާއްސަ ޕޭމެންޓް ސިސްޓަމެއް ތަރައްގީކުރަން ނިންމާފައިވާ ކަމަށް ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ 10 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަަކަ ދައްކަވަމުން ގަވަރުނަރު ވިދާޅުވީ އެ ސިސްޓަމް ތަރައްގީކޮށް ނިމޭއިރު، ފައިސާ ދެއްކުމުގެ ހަރުދަނާ، އަދި ރައްކާތެރި އުސޫލުތަކެއް ކަނޑައެޅިގެންދާނެ ކަމަށެވެ. މޯލްޑިވްސް ޕޭމެންޓު ސިސްޓަމުގެ ނަމުގައި ފަށާފައިވާ އެ މަސައްކަތުގެ ދަށުން ބައިނަލްއަގުވާމީ ކުންފުނިތަކާއެކު މަޝްވަރާކޮށްފައިވާ ކަމަށާއި، ދުނިޔޭގެ އެހެން ގައުމުތަކުގައި ފައިސާގެ ނިޒާމު ގާއިމްކޮށްފައިވާ ގޮތް ބަލާފައިވާ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. ރާއްޖޭގެ އެއްބޭންކުގެ އޭޓީއެމް އިން އަނެއް ބޭންކުގެ އެކައުންޓުގައި ހުންނަ ފައިސާ ނެގުމުގެ ނިޒާމު އަދި ގާއިމް ކޮށްފައި ނުވާ ކަމަށާއި، އަމާޒަކީ އެންމެ ފަހުގެ ޓެކްނޮލަޖީގެ އަލީގައި އެ ނިޒާމު ގާއިމް ކުރުންކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ. ފާއިތުވި 20 އަހަރަށްބަލާއިރު ރާއްޖޭގެ އިގްތިސާދާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު ވަނީ ވަރަށް ބޮޑަށް ތަރައްގީވެފައިކަން ގަވަރުނަރު ފާހަގަ ކުރެއްވިއެވެ. "ރާއްޖޭގައި އިންވެސްޓްމެންޓުތަކަށް ފައިނޭންސް ހޯދުމުގެ ބޭނުންތަކާއި، އަދި ފައިނޭންސް ކުރެވޭނެ މަގުތައް އަޅުގަނޑުމެންގެ ރާއްޖޭގައި މީގެ 20 އަހަރާ އަޅާ ބަލާއިރު މިވަނީ ވަރަށް ބޮޑަށް ތަރައްގީވެފަ،" ގަވަރުނަރު ވިދާޅުވިއެވެ. ޕެންޝަން އޮފީހުަގއި އެޑްމިނިސްޓްރޭޓު ކުރެވެމުންދާ 10 ބިލިއަން ރުފިޔާގެ ފަންޑާއި އެމްއެމްއޭ އިން ސަރުކާރަށް މެނޭޖުކޮށްދެމުންދާ ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް އެކަނި ބަލައިލިނަމަވެސް ރާއްޖޭގައި އެކިބާވަތްތަކުގެ ސެކިއުރިޓީސް އަދި ކެޕިޓަލް މާކެޓަށް އިިންވެސްޓު ކުރުމުގެ ބޭނުން އޮތްތަން ފެންނަކަން ފާހަގަކޮށް ގަވަރުނރު ވިދާޅުވީ މިއަދު ރާއްޖޭގައި ޑޮމެސްޓިކް މާކެޓުން ފައިނޭންސް ރެއިޒް ކުރެވޭނެ މަގު ތަނަވެސް ކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ކެޕިޓަލް މާކެޓް ތަރައްގީކޮށް، ކެޕިޓަލް މާކެޓުގައި ތަފާތު ސެކިއުރިޓީސް ޕްރޮޑަކްޓްތައް ތައާރަފް ކުރުމަށް އެމްއެމްއޭ އިން ފަށާފައިވާ ޕްރޮޖެކްޓްގެ ދަށުން ޓްރެޝަރީ ބިލާއި ބޮންޑު އާންމު ރައްޔިތުންނަށް ވިއްކޭނެެ ނިޒާމު ގާއިމް ކުރުމަށް އެމްއެމްއޭ އިން މަސައްކަތް ފަށާފައިވާ ކަމަށް ނަސީރު ވިދާޅުވިއެވެ. "މި ޕްރޮޖެކްޓްގެ ދަށުން އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ސެންޓްރަލް ޑިޕޮސްޓްރީ އެއް ގާއިމް ކުރެވި، ޓެކްނޮލަޖީގެ ބޭނުން ކުރެވިގެން އާންމު ފަރުދުންނަށާއި ކުންފުނިތަކަށް ސަރުކާރުގެ ދިގު މުއްދަތުގެ ޓްރެޝަރީ ބޮންޑު ގަނެ ވިއްކޭނެ އިންތިޒާމު ހަމަޖެއްސޭތޯ މިދަނީ މަސައްކަތް ކުރަމުން،" ނަސީރު ވިދާޅުވިއެވެ. ފުރަތަމަ ފަށައިގަންނައިރު މިކަންތައް އެމްއެމްއޭ އިން ބެލެހެއްޓި ނަމަވެސް ކުރިއަށް އޮތްތަނުގައި އެކަން ބަލަހައްޓާނީ ސްޓޮކް އެކްސްޗޭންޖުން ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ