ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހްއަކީ ޣައްދާރެއް: ހޫޘީން

ޔަމަނަށް އަސްކަރީ ހަމަލާ ދެމުންގެންދާ ސައުދީ ކޯލިޝަނާ ވާހަކަ ދައްކަން ތައްޔާރަށް ހުންނެވި ކަމަށް ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހް ވިދާޅުވުމާ ގުޅިގެން، ޔަމަނުގެ ވެރިކަމަށް އަތްގަދަ ކޮށްގެންތިބި ހޫޘީން އެކަމާ ވަރަށް ރުޅިއަތުވެއްޖެއެވެ.
ހޫޘީން ބުނެފައިވަނީ، އެމީހުންނާ އިއްތިހާދުވެގެން ސައުދީ ކޯޅިޝަނާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހްގެ އެ އަމަލަކީ ބަޣާވާތްކުރުން ކަމަށެވެ. އަދި އެއީ އެމީހުންނާއެކު ވެފައިވާ އިއްތިހާދަށް ކުރީގެ ރައީސް ޣައްދާރުވުން ކަމަށެވެ.
"ސާލިހްގެ ވާހަކަތަކަކީ އަހަރެމެން ވެފައިވާ އިއްތިހާދާއި ގުޅުމަށް ގެނައި ބަޣާވާތެއް" އަލް މާސިރާ ޓީވީ މެދުވެރިކޮށް ހޫޘީންގެ ތަރުޖަމާނު ބުންޏެވެ.
ޔަމަނުގެ ޓީވީއެއް މެދުވެރިކޮށް ވާހަކަ ދައްކަވަމުން ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހް ވިދާޅުވީ، ސައުދީ ގުޅިފައިވާ ކޯލިޝަނުން އެއްގަމައި، ވަޔާއި ކަނޑުގެ މަގުން ޔަމަނު ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފިނަމަ ސައުދީއާއެކު މަޝްވަރާ ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
ސާލިހްގެ މި ހުށަހެޅުމަށް ސައުދީ ގުޅިފައިވާ ކޯލިޝަނުން ވަގުތުންވަނީ މަރްހަބާ ކިޔައި ތައުރީފް ކޮށްފައެވެ.
ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޔަމަނުގެ ރައްޔިތުންގެ އިހްސާސްތަކާ އެއްގޮތަށް ސާލިހް އިސްނަންގަވައި ނިންމެވި ނިންމެވުމުގެ ސަބަބުން އީރާނަށް ވަފާތެރި ހަނގުރާމަވެރިންގެ ކިބައިން ޔަމަނު މިނިވަންކުރެވޭނެ ކަމަށެވެ.
ހޫޘީންނާ ބައިވެރިވެ ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހާއި އޭނާއަށް ވަފާތެރި ހަނގުރާމަވެރިން ސައުދީ ކޯލިޝަނާ ދެކޮޅަށް ހަނގުރާމަ ކުރަމުންދަނީ 2014 ވަނަ އަހަރުން ފެށިގެންނެވެ.
ނަމަވެސް، މިދިޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން ސާލިހްގެ ހަނގުރާމަވެރިންނާއި، ހޫޘީ ހަނގުރާމަވެރިންނާ ދެމެދު ވެރިރަށް ސަންޢާގައި ދަނީ ވަރަށް ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަމުންނެވެ. މިހަމަލާތަކުގައި ދެފަރާތުން 40 މީހުން މަރުވެ އަދި ޒަޚަމްވެފައި ވެއެވެ. ޚަބަރު ލިބޭގޮތުގައި ދެފަރާތުގެ ދެމެދުގައި މިއަދުވެސް ހަމަލާތައް ބަދަލު ކުރަމުން އެބަގެންދެއެވެ.
ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހްއާއި، ހޫޘީންގެ ގުޅުން މިފަހަކަށް އައިސް ވަނީ ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓިފައެވެ.
ހޫޘީން ޔަމަނުގެ ވެރިކަން ހިންގަނީ ހަމައެކަނި އެމީހުން ބޭނުންވާގޮތަށް ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހް ހޫޘީން ކުށްވެރި ކުރައްވާއިރު، ހޫޘީން ގެންދަނީ ސާލިހް ސިއްރިއްޔާތުގައި ސައުދީ އަރަބިއްޔާއާ ގުޅުން ބާއްވާ ކަމަށް ބުނެ ސާލިހްއަކީ ޣައްދާރެއް ކަމަށް ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ