ރަސްދޫ ޑައިވިން ސްކޫލް އަނދާ 1.5 މިލިއަން ރުފިޔާގެ ގެއްލުމެއް

އއ. ރަސްދޫގައި ހިންގާ ޑައިވިން ސްކޫލްގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން 1.5 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް އެތަނުގެ ވެރިފަރާތުން ބުނެފި އެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން ޑައިވިން ސްކޫލްގެ ވެރިޔާ އަބްދުﷲ ނިޝާދު ބުނީ ރޭ ދަންވަރު ގާތްގަނޑަކަށް 2:30 ހާއިރު ހިނގި ހާދިސާ އާއި ގުޅިގެން ޑައިވިން ސްކޫލް އެއްކޮށް އަނދާ ހުލިވެފައިވާ ކަމަށާއި ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށެވެ.
ނިޝާދު ބުނީ އަލިފާން ރޯވި ސީދާ ސަބަބު އަދި ދެނެގަނެވިފައިނުވާ ކަމަށާއި ނަމަވެސް ބޮޑަށް ބެލެވެނީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގާ ދިޔަ ހާދިސާއެއް ކަމަށެވެ.
"ޑައިވިން ސްކޫބާ"ގެ ނަމުގައި ހިންގާ މި ޑައިވިން ސްކޫލް ބޭނުން ނުކުރެވޭ ވަރަށ ްއަނދައި ހުލިވި އިރު އިނީ އިންޝުއަރެންސް ކޮށްފައި ކަމަށްވެސް އޭނާ ބުންޏެވެ.
50 ފޫޓް 50 ފޫޓްގެ ބޮޑު ޖާގައެއްގައި އެއްބައި ރާނާ އަދި ވަށައިގެން ފިލާ ޖަހާފައިވާ މި ތަނުގައި ރޯވިއިރު، އެތަނުގެ ތެރޭގައި އޮކްސިޖަން ގޭސް ސިލިންޑަރު ފަދަ ތަކެތި ހުރުމާއި ގުޅިގެން ރަށުގެ ރައްޔިތުންނާއި ފުލުހުންނަށް ވަނީ އަލިފާން ނިންވުމަށް ހުރަސްތަކެއް ކުރިމަތިވެގެންގޮސްފަ އެވެ. އަދި ރޯވި އަލިފާންގަނޑު ނިންވާލެވުނީ 3:30 އެހާކަންހާއިރު، މުޅި ތަން އެއްކޮށް އަނދާ ހުލިވުމުންނެވެ.
ރޭ ހިނގި އަލިފާނުގެ ހާދިސާގައި ޑައިވިން ސްކޫލް އަނދާ ހުލިވި އިރު މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައިވެސް ރަސްދޫގައި ހިންގާ ޑައިވިން ސެންޓަރަކާއި އެތަނާއި އިންވެގެން ހުރި ދެތަނެއް ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފަ އެވެ. މިހާދިސާގައިވެސް މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބިފައިވާއިރު މިހާދިސާ ހިނގަން މެދުވެރިވީވެސް ކަރަންޓު ޝޯޓެއް ވެގެން ކަމަށް މައުލޫމާތު ލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ