ދިވެހިރާއްޖެ މިހާރު މިއޮތް ހާލަތުން އަރައިގަތުމަށް ދިވެހި ރައްޔިތުން ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހިފައި ވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ބޭސްފަރުވާއަށް މިވަގުތު ޖަރުމަނުވިލާތުގައި ހުންނެވި ގާސިމް އިބްރާހިމް ބުރާސްފަތި ދުވަހުގޭ ވީޓީވީ ލައިވް ކަވަރޭޖަށް ފޯނުން ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ، ދިވެހި ރައްޔިތުންނަކީ ވަރަށް ކިޔަމަންތެރި ރައްޔިތެއް ކަމަށާއި، މިހާރު ކުރިމަތިވެފައިވާ ދަތިއުނދަގޫތަކުގެ ކުރިމަތީގައިވެސް ރައްޔިތުން ދައްކަމުންދަނީ ކެތްތެރިކަން ކަމަށެވެ.
ދިވެހިންނަކީ ކިޔަމަންތެރި، ކެތްތެރި ރައްޔިތެއް ނޫންނަމަ މިހާރު ކަންތައްތައްއޮތީހީ މިގޮތަކަށް ނޫންކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލް ކާބަފައިން ދަމަހައްޓާފައި ވަނީވެސް ކެތްތެރިކަމުގެ ގުރުބާނީންކަން ގާސިމް ފާހަގަ ކުރެއްވިއެވެ.
އެހެންނަމަވެސް، ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި މަގުތަކަށް ނުކުންނަ މީހުންނާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުން ކުރަމުންދާ މައްސަލާގައި ގާސިމް ވިދާޅުވީ، ފުލުހުން މިހާރު އަމަލުކުރަމުންދަނީ ކުރެވިގެންވާނެ ގޮތަކަށް ނޫން ކަމަށެވެ. މީސްމީހުންގެ ލޮލަށާއި މޫނަށް އެގޮތަށް ޕެޕަރ ސްޕްރޭ ނުޖެހޭނޭ ކަމަށް ވިދާޅުވިއެވެ.
ރައްޔިތުން މިއަދު މަގުތަކަށް ނުކުމެން އުޅެނީ އެމީހުންގެ ހައްގުތައް ހޯދުމަށް ކަމަށާއި، ރައްޔިތުން ހާމަކޮށްދެމުން އެގެންދަނީ އެކަންކަމަށް ގަސިމް އިބްރާހިމް ވިދާޅުވިއެވެ.
ގާނޫނުއަސާސީ ބުނާގޮތުން ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އަދި ބާރުތައް އޮންނާނީ ރައްޔިތުންގެ އަތްމަތީގައި ކަމަށާއި، އެހެންކަމުން ހައްގު ހޯދަން ރައްޔިތުން މަގުތަކަށް ނުކުތުމުން، ރައްޔިތުންނާ ދެކޮޅަށް ބާރުގެ ބޭނުންކުރަންޖެހޭ ހާލަތެއް މިހާރު ނެތްކަމަށް ގާސިމް ވިދާޅުވިއެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތެއް މިހާރަކު ނެތް ކަމަށް ގާނޫނީ ހުރިހާ ފަރާތްތަކުން ގޮވަމުންދާއިރު، ރާއްޖެ މިހާރު މިއޮތީ ޣައިރުގާނޫނީ ކަމެއްގެ ތެރޭގައި ކަމަށް ގާސިމް ވިދާޅުވިއެވެ. އެއްވެސް މީހަކު އަންގާ ޣައިރުގާނޫނީ އަމުރަކަށް ކިޔަމަން ނުވުމަށް ފުލުހުންގެ ގާނޫނުގައި ބުނެފައި އޮންނާނެ ކަމަށާއި، އާދައިގެ ފުލުހަކަސް، ވެރިޔަކަސް ޣައިރުގާނޫނީ އަމުރަށް ކިޔަމަންވާން ނުޖެހޭނޭ ކަމަށް ވިދާޅުވިއެވެ.
"ގާނޫނުއަސާސީގައި ބުނެފައިވަނީ ރައްޔިތުންގެ ކިބައިންނާ ވެރިކަން ފެށގެން އަންނަނީ، އަދި ރައްޔިތުންގެ އަތްމަތީގައޭ ބާރުތައް އޮންނާނީ. މިއަދު މިފެންނަނީ ރައްޔިތުން އެމީހުންގެ ހައްގުތައް ހޯދަން އުޅޭތަން. އެކަން ރައްޔިތުން މިއަދު ހާމަކޮށްދެމުން އެދަނީ. ރައްޔިތުން ހޫނުވެގެން އެއުޅެނީ އެ ހައްގުތައް ހޯދުމަށް" ގާސިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ، ދިވެހި ރައްޔިތުން މިހާރު ކުރަމުންދާ މަސައްކަތްތައް ދެން މާގިނަ ދުވަހަކު ކުރަން ނުޖެހޭނޭ ކަމަށެވެ.
"ރައްޔިތުން ނުކުމެ މާލޭގެ މަގުތައް ފުރާލަންވީ. ރައްޔިތުން ނުކުމެ މަގުމަތި ފުރާލަންވީ، ޕެޕަރ ސްޕްރޭއެއް ސެންޓެއް ނުޖެހޭނެ. އެކަން މާލަހެއްނުވެ ފެންނާނެ. އަރައިފި އިރެއް ވެއްޖެއްޔާ އޮއްސޭނެ، މިކަންވެސް މާގިނަ ދުވަހަކު ދެމިއޮންނާނެ ކަމަކަށް އަޅުގަނޑެއް ނުދެކެން. ދިވެހި ރައްޔިތުން އެއް އަޑަކުން ބުނާ އެއްޗެއް އަޅުގަނޑަށްވެސް އެބަ އަޑުއިވޭ" ގާސިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ގުޅިފައިވާ ޕާޓީތަކުންނާއި، ރައްޔިތުން ދައްކަމުންދާ ހިތްވަރާއި، ކެތްތެރިކަމަށް ޝުކުރު އަދާކުރަންޖެހޭ ކަމަށެވެ. އެބައެއްގެ ހޯދާނީ އެބަޔަކު ކަމަށާއި، ބަޔަކު އައިސް ތަބަކަކަށް ލާފައި ހައްގު ނުދޭނެ ކަމަށެވެ.
"ދިވެހި ރައްޔިތުން ކަށިން ހިތްވަރުނެރެގެން މަސައްކަތް ކޮށްދެއްވައިގެން ގައުމު ސަލާމަތް ކޮށްދެއްވުމަށް އާދޭހާއެކު ދަންނަވަން. އުންމީދު ނަގާނުލައި ރައްޔިތުންގެ މަސައްކަތްތައް ރައްޔިތުން ކުރިއަށް ގެންދަވާ. މިއަދަށްވުރެ ގިނަ ރައްޔިތުން މާދަމާ ނުކުމެ، ގާނޫނުއަސާސީއާއި ގާނޫނީ އުސޫލުތަކުގެ ތެރޭގައި ތިއްބަވައިގެން މަސައްކަތްކުރައްވާ" ގާސިމް ވިދާޅުވިއެވެ.
މިހާލަތުން އަރައިގަތުމަށް ރާއްޖޭގެ ރައްޔިތުން ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ