ސޫދާންގެ ރައީސް އުމަރު އަލްބަޝީރު ކޮރަޕްޝަނާ ދެކޮޅަށް ހަނގުރާމަ އިޢްލާން ކުރައްވައިފި

ކޮރަޕްޝަނާ ދެކޮޅަށް ސޫދާންގެ ރައީސް އުމަރު ހަސަން އަހްމަދު އަލްބަޝީރު ހަނގުރާމަ އިޢްލާން ކުރައްވައިފިއެވެ.
ސޫދާނުގެ ރައީސް ކޮރަޕްޝަނާ ދެކޮޅަށް ހަނގުރާމަ އިޢްލާން ކުރެއްވީ، އެގައުމުގެ އިގްތިސާދު ހީނަރުވުމާއި، ކާބޯތަކެތީގެ އަގުތައް މައްޗަށްދާ މައްސަލަ ހައްލުކުރުމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
ސޫދާނުގެ ޕާލަމެންޓްގައި މިއަދު ތަގްރީރު ކުރައްވަމުން އުމަރު އަލްބަޝީރު ވިދާޅުވީ، ސޫދާނުގައި ބޭރުފައިސާގެ މުއާމަލާތް ހިންގާ ފަރާތްތަކާއި، ބޭންކްތަކާއި، ވަގުވިޔަފާރި ހިންގާ ފަރާތްތަކާ ދެމެދު އޮންނަ ނާޖާއިޒު ގުޅުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު އިގްތިސާދަށް ވަރަށް ބޮޑަށް ކުރަމުންދާ ކަމަށެވެ.
"ބޭރު ފައިސާގެ ޝޯޓޭޖެއް މިގައުމުގައި ނެތްކަން ވަރަށް ސާފު. އިގްތިސާދަށް ނޭދެވޭ އަސަރު ފޯރައިގެން މިއުޅެނީ، ބޭރުފައިސާގެ މުއާމަލާތްތައް ހިންގާ ފަރާތްތަކާއި، ރަނާއި، ކާބޯތަކެތީގެ ވަގުވިޔަފާރި ހިންގާ ފަރާތްތަކުގެ ޣައިރުގާނޫނީ އަމަލުތަކުގެ ސަބަބުން. މަދުބަޔަކު މިދަނީ ހުރިހާކަމެއް ކޮންޓްރޯލް ކުރަމުން. ބޭންކިންގް ނިޒާމުގައި އެމީހުންގެ ވިއުގަތައް އެބަހުރި" ޕާލަމެންޓްގައި ވާހަކަފުޅު ދައްކަވަމުން ސޫދާނުގެ ރައީސް ވިދާޅުވިއެވެ.
އެމެރިކާ ޑޮލަރާ އަޅާބަލާއިރު ސޫދާނުގެ ޕައުންޑްގެ އަގު މިއަހަރުގެ ތެރޭގައި ދެފަހަރަށް ވެއްޓިގެން ދިޔައީވެސް ބޭންކްތަކާއި، ވިއުގަތަކާ ދެމެދު އޮންނަ ޣައިރުގާނޫނީ ގުޅުންތަކުގެ ސަބަބުން ކަމަށް އުމަރު އަލްބަޝީރު ވިދާޅުވިއެވެ.
"މި ކޮރަޕްޓް ވިއުގަތަކުން ގެންދަނީ ރައްޔިތުންގެ ފައިސާ ވަގަށްނަގައި، މިގައުމުގެ އިގްތިސާދު ހަލާކުކުރަމުން. މިބާވަތުގެ ކޮރަޕްޓް އަމަލުތައް ހިންގާ ބޭންކްތަކާއި ކުންފުނިތަކަށް އަޅުގަނޑުމެން މިހާރުވެސް އަދަބުދީފިން. މިފަދަ ފިޔަވަޅުތައް ކުރިއަށްވެސް އަޅަމުން ގެންދާނަން، ރައްޔިތުންގެ ފައިސާ އަނބުރާ ލިބެންދެން ފިޔަވަޅު އަޅާނަން" ސޫދާނުގެ ރައީސް ވިދާޅުވިއެވެ.
"މިއީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ ހަނގުރާމައެއް. ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލް ނުވަނީސް މިހަނގުރާމަ ހުއްޓައެއް ނުލާނަން" އުމަރު އަލްބަޝީރު ވިދާޅުވިއެވެ.
ސުދާނުގައި އިންފްލޭޝަން %52 މައްޗަށްގޮސް، ކާބޯތަކެތީގެ އަގުތައް އިންތިހާއަށް މައްޗަށް ދިއުމާ ގުޅިގެން ވެރިރަށް ޚަރްތޫމާއި، ސޫދާނުގެ އެހެނިހެން ސަރަހައްދުތަކުގައި އާންމުން މަގުތަކަށް ނުކުމެ މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި މުޒާހަރާ ކޮށްފައި ވެއެވެ.
އެމެރިކާއިން އެތައް އަހަރެއްވަންދެން އަޅާފައިއޮތް ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުގެ ސަބަބުން ސޫދާނުގެ އިގްތިސާދު މުޅިންހެންވަނީ ހީނަރުވެގެން ގޮސްފައެވެ. އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުއެވެ.
އެހެންނަމަވެސް، އެމެރިކާގެ "ސްޓޭޓް ސްޕޮންސަރސް އޮފް ޓެރަރިޒަމް" ގެ ލިސްޓުގައި ސޫދާނު އަދިވެސް އޮތުމުން، ދުނިޔޭގެ ބޭންކުތަކުން އަދިވެސް ވަނީ ސޫދާނާ މުއާމަލާތްތައް ހިންގުމަށް ފަސްޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ